ބޭރު ކުޅިވަރު

މޮޅީ ޓޮޓެންހަމް، ދެ އަހަރުތެރޭގައި މޮޅުވާނީ އަހަރުމެން: ގާޑިއޯލާ

ޓޮޓެންހަމް އަކީ މެންޗެސްޓާ ސިޓީއަށްވުރެ މޮޅު ޓީމެއް ކަމަށާއި އެކަން އެމީހުން ދައްކައިދީފި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ސިޓީއާ ހަވާލުވިފަހުން ޖެހިޖެހިގެން 11 މެޗުން މޮޅުވުމަށްފަހު ފުރަތަމަ ފަހަރަށް ބަލިވުމާއެކުގަ އެވެ. ޕްރެމިއާ ލީގުގައި ސްޕާސް ރޭ ބަލިވީ 2-0 އިންނެވެ.

"އެމީހުންނަކީ މޮޅު ޓީމެއް. ވަރަށް ހުނަރުވެރި ޓީމެއް. މިދިޔަ ސީޒަނުގައި އެމީހުން އެންމެ ފަހު ވަގުތާ ޖެހެންދެން ލީގު ޗެމްޕިއަންކަމަށް ވާދަކުރި. އަހަރުމެންނަށް މި މެޗުގައި ނުރައްކާވާންދިޔަ އެތައް ބޯޅައެއް ގެއްލުނު. އެކަމަކު ސްޕާސް އަހަރުމެންނަށް ނުކުރެވުނު ކަންތައްކުރި،" ގާޑިއޯލާ ބުންޏެވެ.

ސްޕޭނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ބުނީ ޕްރެމިއާ ލީގަށް އޭނާ އަކީ އާކޯޗެއް ކަމަށާއި މިހެންވެ އުނދަގޫތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް މިއީ ސީޒަނުގެ ކުރީކޮޅުކަމުން ކާމިޔާބު ނުހޯދޭނެ ކަމަށް ބުނަން މާއަވަސްކަމަށެވެ.

"ކާމިޔާބީއާ މެދު އެއްޗެއް ބުނަން އަދި މާއަވަސް. މިވަގުތު ހުރިހާ ގޮތަކުން ވެސް މޮޅީ އެމީހުން. އެކަމަކު ދޭއް ނުވަތަ ތިން އަހަރުތެރޭގައި އަހަރެންގެ ޓީމު މޮޅުވާނީ. އެކަމަކު މި މެޗުގައި ވެސް އަހަރެންގެ ފިލޯސަފީއާއެއްގޮތަށް ކުޅުންތެރިން ކުޅުނު. އެއީ ލިބުނު ހިތްހަމަޖެހުމެއް. ބަލިވިޔަސް މިގޮތަށް ކުޅެންޏާ އަހަރުމެން އަދި މޮޅުވާނެ،" ގާޑިއޯލާ ބުންޏެވެ.

މެޗުން ބަލިވި ނަމަވެސް ސިޓީ އޮތީ 18 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. ދެ ވަނާގައި ވަނީ 16 ޕޮއިންޓާއެކު ސްޕާސް އެވެ. އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މެޗަށް ފަހު ބުނީ އޭނާގެ ޓީމުގެ މަސައްކަތާއި ނަތީޖާއާ މެދު ވެސް ފަހުރުވެރިވާ ކަމަށެވެ. އެއީ ސިޓީފަދަ މޮޅު ޓީމެއްގެ އަތުން ކާމިޔާބު ހޯދުމުން ކަމަށެވެ.