ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ 2015 ވަނަ އަހަރުގެ ބަޖެޓަށް 49 މިލިއަން ރުފިޔާ މިއަދު ފާސްކޮށްފި އެވެ. މިއީ އެފްއޭއެމްގެ ތާރީހުގައި މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ.
ހޮޓެލް ޖެންގައި މިއަދު އޮތް އެފްއޭއެމްގެ އެކްސްްޓްރާ އޯޑިނެރީ ކޮންގުރެސްގައި 49 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރީ ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އެފްއޭއެމް އިން މި އަހަރަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 47 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި ބަޖެޓަކީ 2.3 މިިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
އެފްއޭއެމް އަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 47 މިިލިއަން ރުފިޔާގެ ތެރެއިން، އެންމެ ގިނަ ފައިސާ ލިބެނީ ސްޕޮންސަރުންގެ ފަރާތުންނެވެ. ސްޕޮންސާތަކުން 20 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މީގެ އިތުރުން ފީފާ އިން ދޭ 16 މިިލިއަން ރުފިޔާ އާއި އޭއެފްސީ އިން ދޭ ތިން މިލިއަން ރުފިޔާ އަދި ޔޫތު މިނިސްޓްރީ އިން ދޭ ތިން މިލިއަން ރުފިޔާ އާއި ޓިކެޓު ވިއްކައިގެނާއި ކުލިން ލިބޭ އާމްދަނީ ވެސް ހިމެނެ އެވެ.
އެފްއޭއެމް އިން 49 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއިރު، ބަޖެޓުގެ އެންމެ ބޮޑު ބައެއް ހަރަދުވާނެ ކަމަށް ކަނޑައަޅާފައިވަނީ އެފްއޭއެމްގެ މުބާރާތްތަކަށެވެ. އެފްއޭއެމް އިން މި އަހަރު ބާއްވާ މުބާރާތްތަކަށް 20 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތްތަކަށް ކަނޑައަޅާފައިވާ 20 މިލިއަން ރުފިޔާގެ ތެރޭގައި ކްލަބުތަކަށް ދޭ 14 މިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ގައުމީ ޓީމުގެ ތަކުގެ ހަރަދުތަކަށް 12 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން މާކެޓިން އަށް ކަނޑައަޅާފައިވާ ދެ މިލިއަން ރުފިޔާ އާއި އަންހެނުންގެ ފުޓްބޯޅަ އަށް ކަނޑައަޅާފައިވާ ދެ މިލިއަން ރުފިޔާ އާއި ޑޮނޭޝަން އާއި ސީއެސްއާރް އަށް ކަނޑައަޅާފައިވާ އަށް ލައްކަ ރުފިޔާ ހިމެނެ އެވެ.
"މިއަދުގެ ކޮންގުރެސް މި ނިމިގެން މިދިޔައީ ވަރަށް އެކުވެރި، ވަރަށް ގާތް އެންވަަޔަރަމަންޓެއްގެ ތެރޭގައި،" ކޮންގުރެސް އަށް ފަހު ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވި އެވެ. "ކްލަބުތަކުގެ ފަރާތުން ވަރަށް ރަނގަޅު ހުށަހެޅުންތަކާއި ހިޔާލުތަކެއް ލިބިގެންދިޔަ. ކާމިޔާބުކަމަށް ފާހަގަކުރާ އެންމެ ބޮޑު ސަބަބަކީ އެެޖެންޑާގައި ހުރި ހުރިހާ ކަމަކަށް ވެސް ހުރިހާ ކްލަބުތަކެއްގެ ވެސް ތާއީދު ލިބިގެން، އަގުލަބިއްޔަތުން ފާސްވެގެން ދިއުން."
ޝަވީދު ވިދާޅުވީ ބަޖެޓު ބޮޑުކުރުމުގެ އެންމެ ބޮޑު ސަބަބަކީ ކްލަބުތަަކަށް މާލީ ގޮތުން އިތުރު އެހީތެރިކަމެއް ދިނުން ކަމަށެވެ.
"ކްލަބުތަކުގެ ސަސްޓޭނަބިލިޓީ އެބަ ރަނގަޅުކުރަންޖެހޭ. މި ވަގުތު ރާއްޖޭގައި ފުޓްބޯޅަ ކްލަބުތައް މި އޮތީ ވަރަށް ނިކަމެތި، ފަގީރު ހާލަތެއްގައި. އެކަން ރަނގަޅު ވެގެން ނޫނީ އަޅުގަނޑުމެންނަކަށް ނެތް ފުޓްބޯޅައިގައި މުސްތަގްބަލެއް،" ޝަވީދު ވިދާޅުވި އެވެ.
އެފްއޭއެެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޝަވީދު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އެގްޒެކުޓިވް ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމާމެދު ވޯޓަކަށް އަހަން އެޖެންޑާގައި ހިމަނާފައި އޮތް ނަމަވެސް، ޝަވީދަށް އެ މަގާމަށް ކުރިމަތިލުމުގެ ހުއްދަ ފީފާ އާއި އޭއެފްސީ އިން ކޮންގުރެސްގެ ކުރިން ދިނުމުން އެ ވޯޓު ކުރިއަކަށް ނުގެންދެ އެވެ.
މިއީ 2012 ވަނަ އަހަރުގެ ފަހުން އެފްއޭއެމްގެ ބަޖެޓް ފާސްކުރި ފުރަތަމަ ފަހަރެވެ. އެފްއޭއެމްގެ ރައީސްކަމަށް 2013 ވަނަ އަހަރުގެ ކުރީކޮޅު އިލްހާމް އަހުމަދު އިންތިހާބުވެވަޑިގަތް، އޭނާ އެ މަގާމު އަދާކުރެއްވި މުއްދަތުގައި އެފްއޭއެމްގެ ބަޖެޓެއް ފާހެއްނުކުރެ އެވެ. އިލްހާމް މަގާމުން ދުރުކޮށް، ނޯމަލައިޒޭޝަން ކޮމެޓީ އަށް އެފްއޭއެމްގެ ހިންގުން ފީފާ އިން ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.