ވައްކަން

ވެސްޓަން ޔޫނިއަނުން ފޭރުނު ފައިސާގެ އެއްބައި އަދި ނުފެނޭ: ޕޮލިސް

މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭ "ވެސްޓަން ޔޫނިއަން" ގެ އޮފީހަށް ވަދެ އެތަނުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، ފޭރުނު ފައިސާގެ ވެސް އެއްބައި އަދި ފެނިފައި ނުވާތީ ފައިސާގެ ޖުމްލަ އަދަދު އަދި ނޭނގޭ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

މޫނު ނިވާކޮގެން ތިބި ބަޔަކު ވެސްޓަން ޔޫނިއަންއަށް އޮފީސް ތެރެއަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވަނީ ރޭ 12:45 ހާއިރު އެވެ. އެމީހުން ވަނީ ޔޫނިއަން އޮފީސް ތެރެއަށް ވަދެ އެތަނުގައި ތިބި މުވައްޒަފުން ބަނދެ ވަޅިން ވަޅިން ބިރު ދައްކައިގެން ފައިސާ ނެގުމަށްފަހު ފިލާފަ އެވެ.

ފުލުހުން މިއަދު ބުނީ، ވެސްޓާން ޔޫނިއަން އިން ވަގަށް ނެގި ފައިސާގެ ބައެއް ހ. ތާޅަފިލިގޭ ސިޑި ގޮޅި ތެރެއިންނާއި އެގެއާ ކައިރި މަގުތަކުން ވެސް ފެނިފައިވާ ކަމަށެވެ. ހ. ތާޅަފިލި ގެއަކީ ރާނަމުންދާ ގެއެކެވެ.

"އެއްބައި ފައިސާ ފެނިއްޖެ މާލޭގަ ހަދަން ފަށާފައިވާ ގެއެއްގެ ސިޑިގޮޅި ތެރެއިން ވެސް، އަނެއްބައި މަގުމަތިން ވެސް. ނަމަވެސް ހުރިހާ ފައިސާ ހޯދިފައި ނުވާތީ ގެއްލުނީ ކިހާ އަދަދެއްކަން ސާފެއް ނުވޭ،" އެ އިދާރާއިންވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއްކަން އަދި ފުލުހުންނަށް ހާމަކޮށްފައިނުވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެެ.

އެ މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.