މިއަދަކީ އިނގިރޭސިވިލާތުގެ އާސެނަލްގެ ކޯޗު ފްރާންސްގެ އާސެން ވެންގާ އެކުލަބުގެ ކޯޗުކަމުގައި ހުންނަތާ 20 އަހަރު ފުރުނު ދުވަހެވެ. ޖަޕާނުގެ ނަގޯޔާ އެއިޓްގެ ކޯޗުކަމުގައި ހުރެފައި އޭނާ އާސެނަލްއާ ހަވާލުވީ 1996 ވަނަ އަހަރު އެވެ. މިއާއެކު ވެންގާ،66، ވެގެންދިޔައީ އިނގިރޭސި ޕްރެމިއާ ލީގުގެ ޓީމަކާ ހަވާލުވި ބިދޭސީ ތިން ވަނަ ކޯޗަށެވެ. 20 އަހަރު ފުރުނުއިރު މިސީޒަނަކީ ވެންގާ އަށް ޕްރެޝަ ބޮޑު އަހަރެކެވެ. ފަހަކަށް އައިސް ކާމިޔާބު ނުލިބިދިގުލައިދާތީވެ، މިއީ އޭނާގެ ކުރިމަގު ކަނޑައަޅާނެ ސީޒަން ކަމަށް ވެންގާ ބުނެ އެވެ. ނަމަވެސް ކޮންމެ ނަތީޖާއެއް ނުކުތަސް ކުލަބުން ބޭނުންވެއްޖެނަމަ ވެންގާ ނިންމައިގެން ހުރީ މަގާމުގައި ދެމިހުންނަ ގޮތަށެވެ.
ނަމަވެސް ފާއިތުވެދިޔަ 20 އަހަރު ތެރޭގައި ގިނަކަންތައްތަކެއް ބަދަލުވެއްޖެ އެވެ. 700 މިލިއަން ޕައުންޑް ކުޅުންތެރިން ގަތުމަށް އޭނާ ހޭދަކޮށްފައިވާއިރު، ހައިބަރީދޫކޮށް، އާސެނަލް ވަނީ ޒަމާނީ އަދި ހިތްފަސޭހަ އެމިރޭޓްސް ސްޓޭޑިއަމަށް ވެސް ބަދަލުވެފަ އެވެ. މި މުއްދަތުގައި ހޯދި 15 ތައްޓާއެކު ވެންގާ އަކީ މިހާރު އިނގިރޭސިވިލާތުގައި ކުރި އެންމެ ކާމިޔާބު ބިދޭސީ ކޯޗުވެސްމެ އެވެ. ޕްރެމިއާ ލީގުގައި ދެމިހުރި އެންމެ ދުވަސްވީ ކޯޗަކީ ވެސް އޭނާ އެވެ.
އެކަމަކު ވެންގާ ސިފަކުރަންޖެހޭގޮތް ބުނެދިނުމަކީ އެކަކަށް ވެސް ކުރަން ފަސޭހަކަމަކަށްނުވެ އެވެ. އިނގިރޭސި ފުޓްބޯޅަ ބަދަލު ކުރަން އޭނާ ދައުރު އޮތީ ކިހާވަރަކަށް ހެއްޔެވެ؟ ފުރަތަމަ 12 އަހަރު ތައްޓެއް ނުލިބި ހޭދަކުރަން ޖެހުނުއިރު އާސެނަލްގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ޓީމު ބިނާކުރީ ވެސް އޭނާ އެވެ.
ގަދަ ހަތަރަކަށް އެރުމަކީ ތައްޓެއް؟
ވެންގާގެ ޓްރާންސްފާ ޕޮލިސީ އެކިދުވަސްވަރު ތަފާތެވެ. ފުރަތަމަ 10 އަހަރާ އަޅާބަލާއިރު ފަހުދިހަގައި އޭނާ ހަރަދުކުރީ ވަރަށް ހިފެހެއްޓުންތެރިކަމާއެކުގަ އެވެ. މީގެގެ ނަތީޖާއެއްގެ ގޮތުން 2012 ވަނަ އަހަރު އޭނާ އަށް ވަރަށް ބޮޑު ފާޑުކިއުންތަކެއް އަމާޒުވި އެވެ. ތައްޓެއް ނުލިބި ޖެހިޖެހިގެން ހަތް ވަނަ ސީޒަން ނިންމާލުމުންނެވެ. ނަމަވެސް ގަދަ ހަތަރަކަށް އެރުމުން ޗެމްޕިއަންސް ލީގު ކުޅެވޭތީވެ މިއީ ތައްޓެއް ލިބުންފަދަ ކަމެއްކަމަށް އޭނާ ސިފަކޮށް އޭނާ ރައްދުދިނެވެ.
"ފުރަތަމަ ތައްޓަކީ ގަދަ ހަތަރެއްގައި ނިންމާލުން. އަހަރެން ގަބޫލުކުރާ ގޮތުގައި ގަދަ ހަތަރެއްގައި އޮތުމަކީ އަހަރުމެންނަށް ވަރަށް ބޮޑު ކާމިޔާބީއެއް. އެހެންވީމާ އެކަމަށް ފޯކަސްކުރަންވީ،" ސަންޑަލޭންޑް އަތުން އެފްއޭކަޕުގެ ފަސް ވަނަ ބުރުގައި ބަލިވެ ކެޓި މެޗަށް ފަހު ވެންގާ 2012 ވަނަ އަހަރު ބުންޏެވެ.
މިއީ އޭނާގެ މައިގަނޑު ފިލޯސަފީކަމަށް ވަންޏާ ވެންގާ އަކީ ކާމިޔާބު ކޯޗެއް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. އެއީ 20 ސީޒަނުގައި ވެސް ގަދަ ހަތަރެއްގައި އޭނާގެ ޓީމު އޮތުމެވެ. އަނެއްކޮޅުން އިނގިރޭސިވިލާތުގައި އޭނާ އަށްވުރެ ގިނަ ތަށި ހޯދާފައިވާ ހަމައެކަނި ކޯޗަކީ މެންޗެސްޓާ ޔުނައިޓެޑުގައި 27 އަހަރު ކޯޗަކަށް ހުރި ސާ އެލެކްސް ފާގަސަން އެވެ. ނަމަވެސް ވާދަވެރި ޓީމުތަކާ އަޅާކިޔާއިރު ފާއިތުވެދިޔަ 12 ސީޒަނުގެ ތެރެއިން 10 ސީޒަނުގައި އާސެނަލް ލީގު ނިންމާލީ ޗެމްޕިއަން ޓީމަށްވުރެ 10 ޕޮއިންޓް ފަހަތުގައި އޮވެގެންނެވެ. ވެންގާއަކީ ކާމިޔާބު މީހެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އުނދަގޫވަނީ މިފަދަ ތަފާސް ހިސާބުތަކާހެދި އެވެ.
ވެންގާގެ އެންމެ ކާމިޔާބު އަހަރަކީ 2004 އަދި 2005 އަހަރުގެ ސީޒަނެވެ. އެއްވެސް މެޗަކުން ބަލިނުވެ އާސެނަލް ލީގު ޗެމްޕިއަންކަން ހޯދިއިރު އޮތީ ކުޑައަގުތަކެއްގައި ގަތުމަށްފަހު ވެންގާ ތަރިންނަށް ހަދާފައި ތިބި ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ޓީމެކެވެ. ޑެނިސް ބާކެމްޕާއި، ސޯލް ކެމްބެލް އާއި ތިއޭރީ އޮންރީ އާއި ރޮބަޓް ޕިރޭޒް އަދި ކެޕްޓަން ޕެޓްރިކް ވިއޭރާ ފަދަ ކުޅުންތެރިންނަކީ ޕްރެމިއާ ލީގު ހޯދަން އާސެނަލް ކުރި އުއްމީދު ހަގީގަތަށް ހަދައިދިން ޓީމުގެ މުހިންމު ތަރިންނެވެ. ޖެހިޖެހިގެން 49 މެޗުން ބަލިނުވެ ރެކޯޑް ހެދި ފަހުރުވެރި ޓީމުގެ މެމްބަރުންނެވެ.
އިނގިރޭސި ބައެއް ކޯޗުން ބުނާގޮތުގައި ވެންގާ އަކީ އޭނާގެ ކުޅުންތެރިންނަށް ވަރަށް ފަރުވާތެރި ކޯޗެކެވެ. ރޮނަލްޑް ކޮއެމަން ބުނާގޮތުގައި ކޮންމެ ކުޅުންތެރިއަކަށް ވެސް ވެންގާ ކަންތައްތައް ކޮށްދެނީ ދަރިއެއް ފަދައިންނެވެ. ޓީމާ ވަކިވުމަށްފަހު ގާތްގުޅުމެއް ނެތަސް އާސެނަލްގެ ޖާޒީގައި ހުންނައިރު ކުޅުންތެރިޔާ އާއި ވެންގާގެ ގުޅުން އާދަޔާ ހިލާފަށް ރަނގަޅުވަނީ އޭނާ ގެންގުޅޭ އޯގާތެރި އުސޫލުތަކުގެ ސަބަބުންނެވެ.
ވެންގާ އަކީ ބޮޑު އަގުގައި ކުޅުންތެރިން ގަތުމަށް އިސްކަން ނުދޭކޯޗެކެވެ. އޭނާ އެންމެ އަގުބޮޑުކޮށް ގަނެފައިވާ ކުޅުންތެރިއަކީ 40 މިލިއަނަށް ގެނައި މެސުޓް އޮޒިލް އެވެ. ނަމަވެސް ޕްރެމިއާ ލީގުގެ އަގުބޮޑު ކުޅުންތެރިންގެ ލިސްޓުގައި އޮޒިލް އަށް ޖާގަ ލިބެނީ ނުވަ ވަނާގަ އެވެ. އާސެނަލްގެ ސަޕޯޓަރުން ވެންގާ ދެކެ އެންމެ ނުރުހުންވަނީ ވެސް މިސަބަބާހެދި އެވެ. ތަރިން ޓީމަށް ނުގެންނާތީ އެވެ. އޭނާ އިސްކަންދެނީ އާދައިގެ ކުޅުންތެރިން ތަރިންނަށް ހަދާފައި ބޮޑު އަގުގައި ވިއްކުމަށެވެ. މީގެ ސަބަބުން ކުލަބަށް މާލީގޮތުން ލިބޭ ފައިދާބޮޑެވެ. ސަޕޯޓަރުން ކިތަންމެ ރުޅިއައި ނަމަވެސް ވެންގާ އަށް އާސެނަލްގެ ވެރިންގެ އިތުބާރު އޮންނަ ސަބަބަކީ ވެސް މިއީ އެވެ. އެކަމަކު މިސަބަބާހުރެ އާސެނަލް އަކީ ވެންގާ ގެންގުޅޭ ނާސަރީއެއް ކަމަށް ބުނާމީހުން ވެސް ނުހަނު ގިނަ އެވެ.
ޕްރެމިއާ ލީގަކީ އެއްހައިސިއްޔަތަކުން އޭނާގެ އަމިއްލަ ލީގެކޭ ބުނެވިދާނެ އެވެ. އެލެކްސް ފާގަސަންގެ 810 މެޗުގެ ރެކޯޑާ ހަމަކުރަން ވެންގާ މިހާރު ބޭނުންވަނީ އެންމެ 62 މެޗެވެ. ޕްރެމިއާ ލީގުގައި ވެންގާގެ ރެކޯޑާ ގާތްކުރެވޭނެ ކޯޗަކު ވެސް ނެތެވެ. މިހެންވެ ލީގުގައި އޭނާގެ ތަޖުރިބާ ކިތަންމެހާ ވެސް ބޮޑެވެ.
އެކަމަކު ފުރަތަމަ ދިހައަކާއި ފަހު ދިހައިގައި ވަރަށް ބޮޑު ތަފާތުތަކެއް އެބަހުއްޓެވެ. ފުރަތަމަ 10ގައި 566 މެޗު ކުޅެ 327 މެޗުން މޮޅުވިއިރު 100 މެޗުން ބަލިވީ އެވެ. ފަހު 10ގައި 563 މެޗު ކުޅެ 320 މެޗުން މޮޅުވިއިރު 119 މެޗުން ވަނީ ބަލިވެފަ އެވެ. ފުރަތަމަ 10ގައި ޖެހީ 1022 ގޯލެވެ. ވަނީ 513 ގޯލެވެ. ފަހު 10ގައި 1064 ގޯލު ޖަހައި ބައިކޮޅަށް ވަނީ 584 ގޯލެވެ. ފުރަތަމަ 10ގައި ލިބުނީ 11 ތައްޓެވެ. ފަހު 10ގައި އެންމެ ހަތަރު ތައްޓެވެ. ޗެމްޕިއަންސް ލީގުގައި ދެވުނީ އެންމެ ފަހަރަކު ފައިނަލާ ހަމައަށެވެ. މިހެންވެ އެއްބަޔަކަށް އަދިވެސް އޭނާ ވަރެއް ނެތެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ފަދަ ކޯޗުންގެ ނަޒަރުގައި ވެންގާ އަކީ ބޮޑުވެގެންވާ ފޭލިޔާއެކެވެ.