އެމްޑީޕީ-ޖޭޕީ އިން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ވަކި ހިސާބަކުން އިދިކޮޅު ލީޑަރުން މުޒާހަރާ ދޫކޮށްލާފައި ގެއަށް ވަޑައިގަތުމަކީ އެބޭފުޅުން ފިއްލެވުން ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ސިފަ ކުރައްވައިފި އެވެ.
އަދީބު އެހެން ޓްވީޓް ކުރެއްވި އިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު ހުންނެވީ މުޒާހަރާ ހިނގި ވަގުތު ސްރީލަންކައިގަ އެވެ. އޭރު ޖޭޕީން ބުނެފައި ވަނީ އެބޭފުޅުން ސްރީލަންކާގައި މަޑު ކުރަން ޖެހުނީ، އެގައުމުގެ ރައީސް ސިރިސޭނަ އާ އިއްޔެ ހަވީރު ބައްދަލު ކުރައްވަން އެޕޮއިންޓްމަންޓް ހަމަޖެހިފައި އޮތުމުން ކަމަށެވެ. ނަމަވެސް ގާސިމް ސިރިސޭނައާ ބައްދަލު ކުރެއްވީ މިއަދު ހެނދުނު އެވެ.
މުޒާހަރާ އިއްޔެ ނިންމާލިކަން ރަސްމީކޮށް އަލީ ވަހީދު އިއުލާން ކުރެއްވުމަށް ފަހު، ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އާ ދެބޭފުޅުން ވަނީ ވެސްޓްޕާކް ސަރަހައްދުގައި އޮތް ކާރަކަށް އަރައިގެން އެ ސަރަހައްދުން ވަޑައިގެންފަ އެވެ. އެއަށް ފަހު މުޒާހަރާ ދެން ކުރިއަށް ގެންދާނެ ގޮތެއް ނޭނގި ދެ ބަސްވުން ވެސް ހިނގި އެވެ. އެ ހިސާބުން މުޅި މުޒާހަރާގެ ފޯރި ކެނޑި ބައިބައިވި އެވެ.
އެ ދެ ޕާޓީ އިން ބުނެފައި ވަނީ މުޒާހަރާގެ ކަންތައްތައް ދިޔައީ ހަމަ ރޭވިފައިވާ ގޮތަށް ކަމަށެވެ.