ބޭރު ކުޅިވަރު

ބަލިވުމުގެ ޒިންމާނަގަން. ސްޓައިލް ބަދަލެއްނުވާނެ: ބާސެލޯނާ ކީޕަރު

ސެލްޓަވީގޯ އަތުން އިއްޔެރޭ ބާސެލޯނާ ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށާއި ނަމަވެސް އެއީ އޭނާގެ ސްޓައިލް ބަދަލުކުރަންޖެހޭ ކަމެއްނޫން ކަމަށް ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ބުނެފި އެވެ.

ސެލްޓަވީގޯ 4-3އިން ބާސެލޯނާ ބަލިވިއިރު ފުރަތަމަ ހާފުގައި އެ ޓީމުން ތިން ގޯލު ޖެހި އެވެ. އަދި ފުރަތަމަ ގޯލާއި ފަހު ގޯލަކީ ޓާސްޓެގަން ހެދި މިސްޓޭކްތަކުން ޖެހި ދެ ގޯލެވެ. ތިން ވަނަ ގޯލަކީ ބާސެލޯނާގެ ޖެރެމީ މެތިއު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި ބައްޔާއެކު ބާސެލޯނާ އަށް ވަނީ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން މިވަގުތު އޮތީ ޓޭބަލުގެ ހަތަރުވަނާގަ އެވެ.

"އަހަރުމެން މަސައްކަތްކުރިން އެންމެ ފަހުވަގުތާ ހަމައަށްވެސް މޮޅުވާން. އެކަމަކު އެ ގޯލަކީ އަހަރެންގެ މިސްޓޭކެއް. ޓީމުގެ ކިބައިން އަހަރެން އެކަމަށް މައާފަށް އެދެން. ތެދަށް ބުނަންޏާ ބުނަންޖެހޭނީ އަހަރެން އުޅުނީ ޖޯޑީ (އަލްބާ) އަށް ޕާސްކުރަން. އެއީ ވަރަށް ބޮޑު ފެއިލިއާއެއް. ދެން އެކަން ތަކުރާރެއްނުވާނެ. އަހަރެން އަތުން މިކަން ނުވިނަމަ އަހަރުމެން މޮޅުވީސް. އަހަރެން ޓީމުގެ ކިބައިން މައާފަށް އެެދެން،" ޖަރުމަނުގެ ކީޕަރު ބާސެލޯނާގެ ކޮޅަށް ވަން ހަތަރުވަނަ ގޯލާ ބެހެ ގޮތުން ވާާހަަކ ދައްކަމުން ބުންޏެވެ.

"މިކަން މިގޮަތަށް ވިޔަސް އަހަރެންގެ ސްޓައިލް ބަދަލު ނުކުރާނަން. މިއަންނަނީ އިންޓަނޭޝަނަލް ބްރޭކެއް. އެއަށްފަހު އަހަރުމެން އާހިތްވަރާއެކު ފަށައިގަންނަވީ. އެއީ އެންމެ ރަނގަޅު ގޮތަކީ،" ޓާސްޓެގަން ބުންޏެވެ.