ބޭރު ކުޅިވަރު

މަގާމުގައި 124 ދުވަސް، ޑިމަޓެއޯ ވަކިކޮށްފި

އެސްޓަން ވިލާގެ ކޯޗުކަމުން އެންމެ 124 ދުވަހަށް ފަހު ރޮބާޓޯ ޑިމަޓިއޯ ވަކިކޮށްފި އެވެ.

އިނގިރޭސި ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ޓީމުން އޭނާ ވަކިކުރީ މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވުނީ އެންމެ މެޗަކުން ކަމަށްވުމުންނެވެ. ޓީމު އޮތީ 19 ވަނާގަ އެވެ.

އެކުލަބުން މިހާރު ދަނީ ފާއިތުވެގެންމިދާ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަސް ވަނަ ކޯޗަކު ހޯދަން މަސައްކަތް ފަށާފަ އެވެ. އާ ކޯޗަކު އަންނަން ދެން ޓީމު ބަލަހައްޓާނީ ޑިމަޓިއޯގެ އެސިސްޓެންޓް ސްޓީވް ކްލާކެވެ.

މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު ޑިމަޓިއޯ އަށް ވިލާގެ ކޯޗުކަންދިނީ ޗައިނާގެ ކުންފުންޏަކުން ކުލަބު ގަތުމަށްފަހު އެވެ. ނަމަވެސް ޗެލްސީ އަށް ޗެމްޕިއަންސް ލީގު ހޯދައިިދިން ކޯޗަށް ވަނީ ޓީމާއެކު ކުރިއަށް ނުދެވިފަ އެވެ.