ހަބަރު

"ބާޣީން" ނެކޭ ތޮލާލް ވިދާޅެއް ނުވޭ: އެޗްއާރްސީއެމް

Feb 28, 2015

ހިއުމަރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނައިބު ރައީސް އަހުމަދު ތޮލާލް ފުލުހުންނަށް ނިސްބަޔްކޮށް "ތިޔައީ ބާޣީންނޭ" ވިދާޅުވި ކަމަށް ފުލުހުން ބުނާ ބުނުމާ ގުޅިގެން ކޮމިޝަނުން ބެލި އިރު އެކަން އެގޮތަށް ހިނގާފައި ނުވާ ކަމަށް ކޮމިޝަނުން ބުނެފި އެވެ.

އެޗްއާރްސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނަނީ އޭގެ ސަބަބުން ކޮމިޝަނަށް ފާޑުކިޔުންތައް އަމާޒުކޮށް ކޮމިޝަންގެ މަސައްކަތްތަކުގެ އިތުބާރު ގެއްލި ކޮމިޝަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރަން ހުރަސް އެޅޭ ގޮތަށް ހަބަރު ފެތުރެމުންދާތީ ހިތާމަ ކުރާ ކަމަށެވެ.

އަދި ބުނީ ތޮލާލަށް ތުހުމަތުކޮށްފައިވާ އެފަދަ ކަމެއް ހިނގާފައިވާނަމަ ހިނގާފައިވާ ގޮތެއް ރަނގަޅަށް ބެލުމެއް ނެތި ތޮލާލާއި ކޮމިޝަން ބަދުނާމްވާ ގޮތަށް ހަބަރުތައް އާންމުކޮށްފައިވާތީ މި މައްސަލަ ތަހުގީގު ކޮށްދޭން ޕޮލިސް އިންޓަގްރެޓީ ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"މި ބަދުނާމާ ގުޅިގެން ނައިބު ރައީސް އަހުމަދު ތޮލާލާއި އާއިލާއަށް ބިރު ދެއްކުމުގެ ފޯނު ކޯލްތަކާއި މެސެޖްތައް ލިބެމުންދާތީ މިކަން މި ކޮމިޝަނުން ކުށްވެރި ކުރަމެވެ. އަދި ކޮމިޝަންގެ ނައިބު ރައީސް ސަލާމަތްތެރިކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކަށަވަރުކޮށްދިނުމަށް މި ކޮމިޝަނުން ގޮވާލަމެވެ،" އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.

މި ބަޔާން ނެރުނު އިރު ތޮލާލް ވިދާޅުވެފައި ވަނީ ފުލުހުންނާ ދިމާލަށް، އޭނާ "ބާޣީ"އަށް ގޮވި ކަމަށް ސާބިތުކޮށްދީފި ނަމަ ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ފުލުހުން ބުނީ ދޫނިދޫގައި ހައްޔަރުކޮށްފައި އިންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެޗްއާރުސީއެމްގެ މެންބަރުން ޒިޔާރަތް ކުރުމަށް ފަހު ދޫނިދޫ އިން އެނބުރި ވަޑައިގަތް މަގުމަތީގައި ތޮލާލް ވަނީ، "ތިއީ ބާޣީންނޭ" ވިދާޅުވެ ލޯންޗްގައި ތިއްބެއްވި ފުލުހުންނާ ދިމާކޮށްފައި ކަމަށެވެ.

އެ މައްސަލަ މިހާރު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ފުލުހުން ހުށަހަޅައިފަ އެވެ.