ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި ޗެނަލްތަކަށް އެވޯޑުތަކެއް ދޭން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ނިންމައިފި އެވެ.
ޓީވީއެމްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ބްރޯޑްކާސްޓު ކުރާ ފަރާތްތަކަށް އެވޯޑު ދިނުމުގެ މަގްސަދަކީ ގައުމު ބިނާކޮށް ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި ބްރޯޑްކާސްޓަރުން އަދާ ކުރަމުން އަންނަ މުހިންމު މަސައްކަތުގެ އަގުވަޒަން ކުރުން ކަމަށެވެ.
އެގޮތުން ބްރޯޑްކާސްޓިން އެވޯޑުތަކަށް ހުށަހަޅާ ޕްރޮގްރާމްތަކަކީ މިއަދުން ފެށިގެން ޖުލައި 31 އާ ދެމެދު ބްރޯޑްކާސްޓުކޮށްފައިވާ އުފެއްދުމަށް ވާން ޖެހޭނެ ކަމަށާއި އެ އެވޯޑު އަންނަ އަހަރުގެ އޮކްޓޯބާ ހަތަރު ވަނަ ދުވަހު ދޭން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިކަމާ ގުޅޭ ޖަޖިން ޕެނަލްއެއް ވެސް ކޮމިޝަނުން އެކުލަވާލާ މަސައްކަތް ކުރިޔަށް ދާނަން. ވަރަށް އިންސާފުވެރިކަމާއި މިކަން ކުރިޔަށް ދާނީ ކަމުގެ ވަރަށް ތަޖުރިބާ ކާރުން ތިއްބަވާނީ. އެހެންވެ މި ކަމުގައި ހުރިހާ ބްރޯޑްކާސްޓަރުން ވެސް ވާދަވެރިކަމާއި އެކު ކުރިމަތިލާން އަޅުގަނޑު އެދެން،" ޝަހީބު ވިދާޅުވި އެވެ.
ޓީވީ އަދި ރޭޑިއޯތަކަށް ދޭ އެވޯޑުތައް
- އެންމެ މޮޅު ޑޮކިއުމެންޓަރީ ޕްރޮގްރާމް
- އެންމެ މޮޅު ހަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމް
- އެންމެ މޮޅު މުނިފޫހި ފިލުވުމުގެ ޕްރޮގްރާމް
- މެދު ނުކެނޑި އެންމެ ގިނަ ދުވަހު ފޮނުވި ޕްރޮގްރާމް
- އަހަރުގެ ތީމް ޕްރޮގްރާމް
- އަހަރުގެ ބްރޯޑްކާސްޓިން ޗެނަލް
- އެންމެ މަގުބޫލް ޕްރެޒެންޓާ
- ބްރޯޑްކާސްޓިން ދާއިރާއަށް އެންމެ ހިދުމަތްކޮށްދީފައިވާ ފަރާތް
ޝަހީބު އިތުރަށް ވިދާޅުވީ އަހަރުގެ ތީމް ޕްރޮގްރާމް ގޮތުގައި ހަމަޖައްސާފައި ވަނީ "ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުން ކޮންމެ މީހެއްގެ ޒިންމާއެއް" މި ތީމް ކަމަށެވެ. އަދި އެ ތީމަށް މަސައްކަތް ކޮށްގެން އެއްވަނަ އަށް އަންނަ ފަރަތަކަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމް ދޭން ރާވާފައިވާ ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ.