ހަބަރު

ބްރޯޑްކޮމްގެ މެންބަރުން އެކަކު އަނެކަކަށް ތުހުމަތުގެ އިނގިލިތައް

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަކި ޓީވީ ސްޓޭޝަންތަކަށް އަމާޒުކޮށްގެން ޖޫރިމަނާ ކުރި ކަމަށް ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު އެއްބަސްވެވަޑައިގެންނެވިއިރު، ބްރޯޑްކޮމްގެ މެންބަރުން މިއަދު ވަނީ އެއް މެންބަރު އަނެއް މެންބަރަށް ތުހުމަތުގެ އިނގިލި ދިއްކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބްރޯޑްކޮމްގެ މެންބަރުން މިއަދު ވަނީ ހާޒިރުވެވަޑައިގެންފަ އެވެ. އެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވަނީ ކޮމިޝަންގެ މެންބަރު އިސްމާއީލް ސޮފްވާން އެކަންޏެވެ.

ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލިސް މެންބަރުން ވަނީ ކުރިން އޮތް ހިޔާލު ފާޅު ކުރުމާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ބައެއް ޓީވީ ސްޓޭޝަންތައް ޖޫރިމަނާ ކުރި މައްސަލައާ ގުޅޭ ގޮތުން ބްރޯޑްކޮމްގެ މެންބަރުންނާ ސުވާލު ކޮށްފަ އެވެ.

ސުވާލުތަކުގެ ޖަވާބުގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވަނީ ވަކި ޓީވީ ސްޓޭޝަނަކަށް ނުވަތަ ސްޓޭޝަންތަކަށް އަމާޒުކޮށްގެން ކޮމިޝަނުން މައްސަލަތައް ބަލައި ޖޫރިމަނާ ކޮށްފައިވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ޝަހީބު ވިދާޅުވި ގޮތުގައި ކޮމިޝަނުން ބަލާ މައްސަލަތަކުގައި ވަކި ގޮތެއް ކަނޑައަޅަން ނަގައި ވޯޓުގައި ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ވޯޓެއް ނުދެވެ އެވެ. އެހެންކަމުން ޖޫރިމަނާ ކުރި ގިނަ މައްސަލަތަކުގައި އޭނާ ވޯޓު ނުދެއްވަ އެވެ. ނަމަވެސް ކޮމިޝަންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމެއް ތަންފީޒު ކުރެއްވުމަކީ ރިޔާސަތުގެ އިންނަވާ ބޭފުޅެއްގެ ޒިންމާއަށް ކަމަށްވާތީ ނިންމުންތައް ތަންފީޒު ކުރެއްވީ އެވެ.

"ބްރޯޑްކޮމްގެ މަސައްކަތްތަކެއް ހުދުމުހުތާރު އުސޫލުން ކުރިއަކަށް ނުގެންދެވޭނެ. އަޅުގަނޑު ރިޔާސަތު ބަލަހައްޓާތީވެ، ހުރިހާ މައްސަލައެއްގައި އަޅުގަނޑު އެކަނި ގޮތެއް ނުނިންމޭނެ. މަޖިލީހުގައި ކަން ކުރާ އުސޫލުން ބްރޯޑްކޮމްގައި ވެސް ރިޔާސަތުގަ އިންނަވާ ބޭފުޅަކަށް ވޯޓެއް ނުދެވޭ. މެންބަރުންގެ އަޣުލަބިއްޔަތުން ގޮތެއް ނިންމީމައި ރިޔާސަތަށް އޮންނަނީ އެ ގޮތެއް ތަންފީޒު ކުރުން." ޝަހީބު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވި ކޮމިޝަންގެ ފަރާތުން އެފަދަ މައްސަލަތައް ފާހަގަވީ މެންބަރުންގެ އިހުލާސްތެރިކަމެއް ނެތުމުން ކަމަށެވެ. އަދި މެންބަރުންނަށް ސިޔާސީ ނުފޫޒު ފޯރައިގެން އުޅުއްވާ ކަމުގެ މައުލޫމާތު މިއަދު ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެ ޝަހީބު ވަނީ މެންބަރުން ފާޑުވިދާޅުވެފަ އެވެ.

ޝަހީބުގެ ވާހަކަފުޅުގައި ގިނަ ތުހުމަތުތަކެއް ކޮމިޝަންގެ މެންބަރު ސޮފްވާނަށް ވެސް ކުރެއްވި އެވެ. އެ ގޮތުން ބައެއް ޓީވީ ޗެނަލްތަކަށް ފިޔަވަޅު ނާޅައިގެން ސޮފްވާން ރުޅި އައިސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި ރާއްޖެ ޓީވީ ބަންދު ކުރަން އޭނާ މަސައްކަތް ކުރެއްވި ކަމަށް ވެސް ޝަހީބު ތުހުމަތު ކުރެއްވި އެވެ.

ޝަހީބުގެ މައްޗަށް އެއްވެސް ސިޔާސީ ނުފޫޒެއް އޮތްތޯ ސުވާލު ކުރެއްވުމުން ޝަހީބު ވިދާޅުވީ އޭނާގެ މައްޗަށް އެއްވެސް ސިޔާސީ ބޭފުޅެއްގެ ނުފޫޒު ނެތް ކަމަށެވެ. އަދި ބްރޯޑްކޮމްއިން ގޯސް ހަދަމުންދާކަން ފާހަގަ ކުރެއްވުމުން މަގާމުގައި ދެމި ހުންނެވީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުން ޝަހީބު ވިދާޅުވީ އިސްތިއުފާ ދެއްވާފައި ވަޑައިގަތުން އެއީ ހައްލެއް ކަމުގައި ދެކަވަޑައި ނުގަންނަވާތީ އެ ކަން ނުކުރެއްވީ ކަމަށެވެ.

"އަޅުގަނޑު އިސްތިއުފާ ދިނުން އެއީ ހައްލެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑު އިސްތިއުފާ ދީފިނަމަ އެހެން މީހަކު އައިސް ވެސް ހަމަ މިހެން ކަންކަން ކުރިއަށް ދާނެ. އަޅުގަނޑު ގަބޫލު ކުރީ މަގާމުގައި ހުރެގެން ކަންކަން ރަނގަޅު ކުރަން. އަދި ކަންކަން ގޯސްވީމަ އިސްތިއުފާ ދިނުމަކީ ރާއްޖޭގައި ސަގާފަތް އޮތް ގޮތެއް ވެސް ނޫން." ޝަހީބު ވިދާޅުވި އެވެ.

ޝަހީބުގެ ވާހަކަތަކަށް ރައްދު ދެއްވައި ކޮމިޝަންގެ މެންބަރު އައިމިނަތު ސަރާހަތު އިއްޒަތު ވިދާޅުވީ ކަންކަން ރަނގަޅަށް ނުދާނަމަ ރިޔާސަތު ދޫކޮށްލެވުމުގެ ފުރުސަތު ޝަހީބަށް އޮތް ކަމަށެވެ. އަދި ބައެއް މައްސަލަތަކުގައި މެންބަރުންގެ ވޯޓު ހަމަހަމަވުމުން ރިޔާސަތުގައި އިންނަވާ ބޭފުޅާ ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ސަރާހަތު ވިދާޅުވި އެވެ.

ކޮމިޝަންގެ މެންބަރުންނަށް ސިޔާސީ ނުފޫޒު ފޯރާފައިވޭތޯ ވަކިވަކި މެންބަރުންނާ ވެސް ސުވާލު ކުރެއްވި އެވެ. ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ކުރެއްވި އެ ސުވާލުގެ ޖަވާބުގައި ހުރިހާ މެންބަރުން ވެސް ވިދާޅުވީ އެ މެންބަރަކަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ އާއި މެންބަރު ޒީނާ ޒާހިރުގެ އިތުރުން މެންބަރު ހަސަން ނަބާހު ވަނީ އަށާރަ ވަނަ މަޖިލީހުގެ ބައެއް މެންބަރުން ގުޅުއްވައި ބައެއް ކަންކަން ނުކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޒައިނާއާއި ނަބާހަށް ގުޅުއްވީ ކޮން މެންބަރުން ކަމެއް އެ ދެ ބޭފުޅުން ވިދާޅެއް ނުވެ އެވެ. ޒީނާ ވިދާޅުވި ގޮތުގައި އޭނާއަށް ގުޅުއްވީ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދާއި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު މުބީނެވެ. ދެ މެންބަރުން ވެސް ގުޅުއްވައި ސުވާލު ކުރެއްވީ ރާއްޖެ ޓީވީ ބަންދު ނުކުރަނީ ކީއްވެގެންތޯ ކަމަށް ޒީނާ ވިދާޅުވި އެވެ.

"އެ މެންރުން ގުޅުއްވައި އެހެން ވިދާޅުވި ނަމަވެސް އަޅުގަނޑު އެންގިން އެއީ ކުރެވޭނެ ކަމެއް ނޫނޭ. ވަކި ޓީވީ ސްޓޭޝަނަށް ހަމަ ކުއްލިއަށް ބަންދު ކުރުމުގެ އިހުތިޔާރެއް އަޅުގަނޑުމެންގެ މައްޗަށް ނޯންނާނެ ކަމަށް. އެއްވެސް މީހެއްގެ ނުފޫޒެއް އަޅުގަނޑަކަށް ނުފޯރުވޭނެ." ޒީނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ބައެއް ޖަލްސާތަކުގައި ޒައިނާ ބައިވެރިވެވަޑައިގެންނެވި މަންޒަރުތައް ހިމެނޭ ފޮޓޯތަކާ ގުޅިގެން މެންބަރުން އޭނާއާ ސުވާލު ކުރެއްވި އެވެ. އެ ސުވާލު ޖަވާބުގައި އެއްވެސް ސިޔާސީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށާއި ބައިވެރިެވވަޑައިގަތީ އިސް ރަށްވެހިންނަށް ހާއްސަ ކޮށްގެން ބޭއްވި ޖަލްސާއެއްގައި އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ މެންބަރު އަމްޖަދު ވަހީދު އެ ކޮމިޝަނަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެހެންކަމުން އަމްޖަދުގެ ވާހަކަފުޅުގައި އެކަން ފާހަގަކުރައްވައި ވިދާޅުވީ ކޮމިޝަނުން ބެލި ގިނަ މައްސަލަތަކުގައި އޭނާއަށް ބައިވެރިވެވަޑައިނުގެނެވޭ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ކޮމިޝަނުން ބެލި މައްސަލަތަކުގައި ބައިވެރިވެވަޑައިގެންނެވިއިރު އެ މައްސަލަތަކުގައި އަމަލު ކުރެއްވީ އެ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ކޮމިޝަންގެ މެންބަރުންގެ ވާހަކަތަކާ ގުޅިގެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުން ވަނީ ބްރޯޑްކޮމްގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާއާއި ކޮމިޝަންގެ މެންބަރު އިސްމާއީލް ސޮފްވާން ކޮމިޝަނުން ވަކިކުރަން ހުށަހެޅުއްވި އެވެ. އެ ކަމާ ގުޅޭ ގޮތުން ކޮމިޓީން ދެން ބާއްވާ ބައްދަލުވުމުގައި ގޮތެއް ނިންމަން ވަނީ ހަމަޖެހިފަ އެވެ.