މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލަށް ކޯޗަކާއި ބޭންޑެއް ހޯދަނީ

Oct 4, 2016

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކަށް މިއުޒިކް ކޯޗަކާއި މިއުޒިކް ބޭންޑެއް ހޯދަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިއުލާންކޮށްފި އެވެ. މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހު އެވެ. އޮޑިޝަންތައް މި މަހު ފަށާނެ އެވެ.

ޕީއެސްއެމް މިއަދު ވަކިވަކިން ކޮށްފައިވާ ދެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މިޔުޒިކް ކޯޗުކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކާއި މިޔުޒިކް ބޭންޑެއްގެ ގޮތުގައި ޝޯގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 3:00 އަށް ރޭޑިއޯ ބިލްޑިންނަށް ހާޒިރުވެ މައުލޫމާތު ސާފުކުރަން ޖެހެ އެވެ.

ބޭންޑާއި ކޯޗު ހޮވުމަށް ނިންމާފައިވަނީ ހުށަހަޅާ ޕްރޮޕޯސަލްއަށް ބަލައިގެންނެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ 3:00 އަށް ރޭޑިއޯ ބިލްޑިންއަށް ހާޒިރުވާންޖެހެ އެވެ.

ދެވަނަ ސީޒަން ލޯންޗުކޮށްފައިވާއިރު، ސީޒަންގެ ޓައިޓަލް ސްޕޮންސާއަކީ ދިރާގެވެ. މެއިން ސްޕޮންސާއަކީ އެލައިޑް އިންޝުއަރެންސް އަދި ލޮޓަސް އެވެ. ޓްރެވެލް ޕާޓުނަރަކީ މޯލްޑިވިއަން އެވެ. ބެވަރޭޖް ޕާޓްނަރަކީ އެކްސް އެލް އެވެ.