ވިޔަފާރި

މިފްކޯގެ މަސް ބޯޓު ފުން ކުރުމުގެ މަސައްކަތް ފަށައިފި

Oct 4, 2016
  • ދިޔަވަރު ބޮޑުވުމުން ބޯޓު ފުން ކުރެވޭނެ
  • ފުންކުރަން އިތުރު ބޯޓެއް ހަރަކާތްތެރިވޭ
  • ބޯޓަށް ގެއްލުމެއް ވެފައެއް ނުވޭ

ސަތޭކަ ވިހި ޓަނުގެ މަހާއެކު މ. ވޭވަށް ކައިރީ އޮންނަ ދޮންގިރި ފަރަށް އަރާފައިވާ މިފްކޯގެ މަސް ބޯޓު ފުން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ ބޯޓު ފުން ކުރުމަށް އެ ކުންފުނީގެ "މަހާ ކަލަމިންޖާ 403" އެ ބޯޓު ކައިރިއަށް ގޮސްފައިވާ ކަމަށާއި ދިޔަވަރު ބޮޑުވުމުން ބޯޓު ފުން ކުރެވޭނެ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ މިއަދު 230 އެހާއިރު ނޫނީ މިރޭ ބޯޓު ފުން ކުރެވޭނެ،" އަދްލީ ވިދާޅުވި އެވެ.

ރޭ 10:00 ޖެހި އިރު ދޮންގިރި ފަރަށް މިފްކޯގެ "މަހާ ކަލަމިންޖާ 401" އަރާފައިވަނީ މަސް ބަރުކޮށްގެން ކޫއްޑޫ މަސް ކާރުހާނާ އަށް ދަތުރު ކުރަނިކޮށެވެ. އެ ބޯޓުގައި އޭރު މިލިއަނެއްހާ ރުފިޔާގެ މަސް އެބަހުއްޓެވެ.

އަދްލީ ވިދާޅުވީ ބޯޓު އަރާފައި އޮތީ ވެލިގަނޑެއް އޮތް ތަނެއްގައި ކަމަށެވެ. އަދި ބޯޓު ފުންކުރަން މަސް ހުސްކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޯޓު ކައިރިއަށް ފީނައިގެން ބެލިއިރު އިރާދަކުރެއްވިއްޔާ އެއްވެސް ގެއްލުމެއް ބޯޓަކަށް ލިބިފައެއް ނެތް،" އަދްލީ ވިދާޅުވި އެވެ.

މިފްކޯ މަސް ކުންފުނީގައި ހަ ބޯޓު އޮޕަރޭޓް ކުރަމުންދާއިރު، "މަހާ ކަލަމިންޖާ 401" އަކީ އެ ކުންފުނީގައި ގެންގުޅޭ އެންމެ ބޮޑު އެއް ބޯޓެވެ.