ރާއްޖެ ކުޅިވަރު

ސްކޮޑަކާމެދު ސުވާލު އުފެއްދުމަކީ ފުޓްބޯޅައިގެ އުސޫލު: ކޯޗު

ލާއޯސްއާ ދެކޮޅަށް މިމަހު 11 ވަނަ ދުވަހު އެ ގައުމުގައި ކުޅޭ މެޗަށް ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓެވާޓް އެކުލަވާލި ސްކޮޑުން އޭނާ ވަނީ، ކުރިން ހިމެނުނު މުހިންމު ބައެއް ކުޅުންތެރިން ޓީމުން ބާކިކޮށް، ބައެއް އެހެން ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. ޓީމުން ކޯޗް ބާކީ ކުރި އެންމެ މުހިންމު ކުޅުންތެރިޔަކީ ހުނަރުވެރި ޑިފެންސިވް މިޑްފީލްޑަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.

"ސްކޮޑް އެކުލަވާލާއިރު އަބަދުވެސް ސުވާލު އުފައްދާނެ. އެއްވެސް ސްކޮޑަކާމެދު އެންމެން 100 ޕަސަންޓް ހިތް ހަމައެއް ނުޖެހޭނެ. އެއީ ފުޓްބޯޅައިގެ އާންމު އުސޫލު"

އަޑުބަރޭ ޓީމަށް ނުނެގި ސަބަބާ ގުޅިގެން އެކަން ވަނީ މައްސަލައަކަށް ބަދަލުވެފަ އެވެ. ބައެއް ފަރާތްކުން ތުހުމަތު ކުރަނީ އަޑުބަރޭ ޓީމަށް ނުނެގީ ސީޔާސީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށެވެ.

"އަޑުބަރޭ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއް. ނަމަވެސް ލީގް ތިން ވަނަ ބުރުގެ ގިނަ މެޗްތަކުގައި އަޑުބަރޭ ކުޅެފައެއް ނުވޭ. އޭނާގެ ބަދަލުގައި ޓީމަށް ނެގި ކުޅުންތެރިންނަކީ މެޗްތަކުގެ 90 މިނެޓްގައި ރަނގަޅަށް ކުޅުނު ކުޅުންތެރިން. އެހެންވެ އަހަރެން ހިތަށް އެރީ އަޑުބަރޭ ގެންދިއުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ އެ ޖާގައަށް ކުޅޭ ރަނގަޅު އެހެން ކުޅުންތެރިޔަކަށް ފުރުސަތު ދިނުމޭ" ގައުމީ ކޯޗް ޑާރެން ސްޓެވާޓް ބުންޏެވެ.

ކޯޗް ބުނީ ކުޅުންތެރިން ދޫކޮށްލީ އިންޖަރީ އާއި ޕަފޯމަންސަށް ބަލާފައި ކަމަށެވެ. އިންޖަރީގައި ހުރި ނާއިޒު ހަސަން (ދާދު) އާއި ހަމްދާން އިބްރަހިމްއާއި ގާސިމް ޝަންމާމް އާއި ހުސައިން ނިޔާޒު (ބޮކުރީ) ވެސް ވަނީ ޓީމުން ބާކީ ކޮށްފައެވެ.