ހަބަރު

އިސްލާމިކް މިނިސްޓަރު 18 ރަށަކަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވައިފި

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ރ އަތޮޅާއި ބ އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި އެވެ. މި ދަތުރުފުޅުގައި ޖުމްލަ 18 ރަށަކަށް ވަޑައިގެންފައިވެ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅުގެ މަގުސަދަކީ އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ ދެތޮޅުގެ ރަށްތަކަށް ވަޑައިގެން ރަށުގެ ކައުންސިލްތަކާއި ބައްދަލުކުރައްވައި ރައްޔިތުންގެ އާންމު ހާލަތު ބެއްލެވުމާއި ހުރި ދަތިތައް
ރައްޔިތުންނާއި ވީހާ ވެސް ކައިރިން ބައްލަވައިލެއްވުމެވެ. އަދި ރަށްރަށުގައި ހުރި މިސްކިތްތަކުގެ ހާލަތު ވެސް ވަނީ ބަލާފަ އެވެ.

އަދި ރައްޔިތުންނާ ބައްދަލުކޮށް، ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މިނިސްޓަރު މަޝްވަރާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނާއިބު މުތްރިކް
އައްދައުސަރީ އަދި ސައުދީ އެމްބަސީގެ ބޭފުޅެއް ކަމަށްވާ މުހައްމަދު އަލް ޣާމިދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރު ވަޑައިގެންނެވި ރަށްތައް

  • ރ އަތޮޅު: މީދޫ، ކިނޮޅަސް، ފައިނު، އިންނާމާދޫ އަދި އަންގޮޅިތީމް
  • ބ އަތޮޅު: އޭދަފުށި ، މާޅޮސް، ދޮންފަނު، ކިހާދޫ، ދަރަވަންދޫ، ކަމަދޫ، ކުޑަރިކިލު، ކެންދޫ، ތުޅާދޫ، ހިތާދޫ، ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ

މިދަތުރުފުޅުގައި މިނިސްޓަރު ވަނީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދެރަށެއްގައި އިމާރާތްކޮށްފައިވާ ދެ މިސްކިތް ރަސްމީކޮށް
ހުޅުއްވައިދެއްވާފައެވެ. އެއީ ރ. އިންނަމާދޫގައި އިމާރާތްކޮށް ނިމިފައިވާ މިސްކިތާއި ރ.އަންގޮޅިތީމުގައި ބިނާކޮށްފައިވާ މިސްކިތެވެ.

އިންނަމާދޫ މިސްކިތުގައި އެއްފަހަރާ 304 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން އިންނަމާދޫގެ އާބާދީއަކީ 577 އެވެ.

އަންގޮޅިތީމު މިސްކިތުގައި އެއްފަހަރާ 304 މީހުންނަށް ނަމާދު ކުރެވޭނެއެވެ. އަންގޮޅިތީމަކީ 404 މީހުންގެ އާބާދީ އޮންނަ ރަށެކެވެ.

ސައުދީ އެހީގެ ދަށުން ދެ ރަށެއްގައި ގާއިމުކުރި މިސްކިތް ހުޅުވާފައިވާއިރު އިއްޔެ ރައީސް އަބްދުﷲ ޔާމީން ވަނީ ގިނަ މިނިސްޓަރުންތަކަކާއެކު ސައުދީއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވާފަ އެވެ.