ހަބަރު

ސަފާރީ ބޯޓުތަކަށް ބަނދަރެއް ހަދަން ލޭމްއިން ސަރުކާރަށް ހުށަހަޅައިފި

Feb 28, 2015

މާލެ އަތޮޅުގެ ފަޅެއް އަމިއްލައަށް ހިއްކައިގެން ސަފާރީ ބޯޓުތަކަށް ހާބަރެއް ހެދުމުގެ މަސައްކަތް ކުރަން ސަފާރީ ބޯޓްތަކުގެ ޖަމްއިއްޔާ، ލިވަބޯޑް އެސޯސިއޭޝަން (ލޭމް) އިން އިކޮނޮމިކް ކައުންސިލަށް ޕްރޮޕޯސަލެއް ހުށަހަޅައިފި އެވެ.

ލޭމުން މިއަދު ބުނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ އެކު އެ ޖަމްއިއްޔާ އިން ބޭއްވި ބައްދަލުވުމަށް ފަހު، މިނިސްޓަރު އެދިވަޑައިގަތް ގޮތުގެ މަތިން އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަކުން އަމިއްލައަށް ފައިސާ ހޯދައި ސަފާރީ ބޯޓުތަކަށް އަމިއްލަ ހާބަރެއް ހެދުމަށް ޕްރޮޕޯސަލެއް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕްރޮޕޯސަލް ރައީސް އޮފީހުގެ ދަށުގައި އޮންނަ އިކްނޮމިކް ކައުންސިލުން މިހާރު ބަލައިގެންފައިވާ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.

އެ ޖަމްއިޔާއިން ބުނި ގޮތުގައި ޕްރޮޕޯސަލްގެ ދަށުން ސަރުކާރުން ލޭމްއާ ހަވާލު ކުރަން ޖެހެނީ މާލެ ކައިރި ފަޅެކެވެ. އަދި އެ ފަޅު ޑިވެލޮޕް ކުރުމަށް ފައިސާ އާއި އިންވެސްޓަރެއް ހޯދުން އަދި އެތަން ހިންގުމުގެ ޒިންމާތައް ނަގާނީ އެ ޖަމްއިއްޔާއިންނެވެ.

ސަފާރި ބޯޓުތަކަށް އެކަށީގެންވާ ބަނދަރެއް ނެތުމުގެ ސަބަބުން އެ ބޯޓުތައް އަޅަނީ ހުޅުމާލެ އާއި ހުޅުލެއާ ދެމެދުގައި އޮންނަ ފަޅުގަ އެވެ. ނަމަވެސް އެކަމުގެ ސަބަބުން އެއާޕޯޓަށް ޖައްސަން އަންނަ ފްލައިޓްތަކަށް އުނދަގޫ ވުމާއި ކަނޑު ގަދަ ދުވަސްވަރު ސަފާރީތަކަށް ބޮޑެތި ގެއްލުންތައް ވުމަކީ ދިމާވެފައިވާ އޮތް ބޮޑު މައްސަލައެކެވެ.

އެކަންކަން ހައްލު ކުރުމަށް ލޭމް އިން ސަރުކާރާ މަޝްވަރާ ކުރާތާ މިހާރު އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް އެކަމަށް އެއްވެސް ހައްލެއް ނުލިބެ އެވެ. ސަފާރީ ބޯޓުތަކަށް ހާއްސަކޮށްގެން ދިޔަ ނަރު ފަޅުގައި މެރީނާއެއް ހަދަން ބީލަމަށް ހުޅުވާލި ނަމަވެސް އެ ޕްރޮޖެކްޓް އެއަށް ވުރެ އިތުރަށް ކުރިއަށް ދާ ގޮތެއް ނުވި އެވެ.