ހަބަރު

ފުވައްމުލަކު ފަރަށް އެރި ބޯޓު ގެންދަނިކޮށް ފެތިއްޖެ

މިދިޔަ އޮގަސްޓަ މަހު ފުވައްމުލަކުގެ ނަރުދަމާ ނިޒާމަށް ބޭނުންވާ ހިލަޔާއި ހިލަވެލި ހިފައިގެން ދަތުރުކުރަނިކޮށް ފުވައްމުލަކު ފަރަށް އެރި ވިއެޓްނާމްގެ އެންޖީއޯ ސަން މަރާމާތަށް ގެންދަނިކޮށް ފެތިއްޖެ އެވެ.

ރާއްޖޭގެ ފަރާތުން ބޯޓުގެ ކަންކަމާ ހަވާލުވެފައިވާ ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަންގެ ޗެއާމަން އަހުމަދު މައުމޫން މިއަދު ވިދާޅުވީ ބޯޓު ފެތުނީ ބޯޓަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް ގެންދަނިކޮށް މިމަހުގެ އެއް ވަނަ ދުވަހުގެ ރޭގެ 10:40 ހާއިރު އިންޑިއާ ކަނޑަށް ކަމަށެވެ. ބޯޓު ފެތިފައިވާ ގާތްގަނޑަކަށް 4،000 މީޓަރު އަޑިއަށް ކަމަށެވެ.

"ބޯޓު އޮތީ ވަރަށް ބޮޑަށް ފޫގޮސްފައި. އަޅުގަނޑުމެން ބޯޓު މަރާމާތު ކުރަން ގެންދިޔައީ އެންމެ ކައިރީގައި ހުރި ރިޕެއާ ފެސިލިޓީއަށް. ގެންދިޔަ މަގުމަތީގައި ބޯޓު ފެތުނީ. ގަސްތުގައި ފައްތާލީކީ ނޫން." މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ބޯޓުގެ ހާލަތު ހުރިގޮތުން ބޯޓު ގެންދިޔައީ ޓަގެއްގައި ކަފު ޖަހައިގެން ކަމަށެވެ.

ބޯޓުގެ ކްރޫއިން އަދި ތިބީ މާލޭގަ އެވެ. ކްރޫއިންނަށް މާލެއިން ފުރޭނީ ބޯޓު ފަރަށއ އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ޖޫރިމަނާގެ އިންތިޒާމްތައް ހަމަޖައްސާފަ އެވެ. ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު 15 ދުވަސްތެރޭގައި އަންގާނެ ކަމަށްވެ އެވެ.

ސިންގަޕޫރުގެ ކުންފުންޏަކުން މި ބޯޓު ފުންކޮށްފައިވަނީ ބޯޓު ފުންކުރިތާ މަހެއްހާ ދުވަސް ފަހުންނެވެ. ބޯޓު ފުންކުރަން ބޯޓުގައި ހުރި 1،500 ޓަނުގެ ހިލައާއި ހިލަވެލިވަނީ ފަރުމައްޗަށް އުކާލާފަ އެވެ.