ހަބަރު

ގިނަ ދުވަސްތަކަކަށްފަހު ވަކީލުން ހުވާކުރަން ބާއްވަން އުޅުނު ހަފުލާ ފަސްކޮށްފި

ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ 132 މީހަކަށް ދިނުމަށް މާދަމާ ރޭ ބޭއްވުމަށް ނިންމި ރަސްމިއްޔާތު މިއަދު ކެންސަލްކޮށްފި އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ، އެ ރަސްމިއްޔާތު ފަސްކޮށްފައިވާ ކަމަށާއި އަލުން އެ ރަސްމިއްޔާތު ބާއްވާނެ ދުވަހެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ. ރަސްމިއްޔާތު ފަސްކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ކުރީގައި އޭޖީ އޮފީހުން ކުރަމުން ގެންދިޔަ މި މަސައްކަތް މިހާރު ވަނީ ޑީޖޭއޭ އަށް ބަދަލުކޮށް ހަވާލުކޮށްފަ އެވެ. ޑީޖޭއޭއާ ވަކީލުންނަށް ހުއްދަ ދިނުން ހަވާލުކުރި ފަހުން އެއްވެސް ހުއްދައެއް ދޫކޮށްފައެއް ނުވެ އެވެ. މިކަމާ ގިނަ ބަޔަކު ކަންބޮޑުވެސް ފާޅުކުރި އެވެ.

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ވަކީލުންގެ ހުއްދަ ދިނުމަށް ނިންމާނީ ކޮމިޓީއިންނެވެ. އެ ކޮމެޓީގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ބޭއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ. ވަކީލަކު ކަމުގެ ހުއްދައަށް އެދުނު 160 މީހުންގެ ތެރެއިން 132 މީހަކަށް ވަކީލުކަމުގެ ހުއްދަ ދިނުމަށް އެ ކޮމެޓީން ވަނީ ނިންމާފަ އެވެ.