ހަބަރު

ފަރަށް އެރި ބޯޓްގެ ޖޫރިމަނާ 633.7 މިލިއަން ރުފިޔާގައި

މިިދިޔަ އޮގަސްޓްމަހު ފުވައްމުލަކު ފަރަށް އުރުނު ވިއެޓްނާމުގެ ބޯޓް، "އެންޖީއޯ ސަން" ގެ ސަބަބުން ފުވައްމުލަކު ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދައްކަން ޖެހޭނެ ފައިސާގެ އެންމެ ބޮޑު އަދަދު ކަނޑައަޅައި އެ އަދަދާމެދު ގޮތެއް ނިންމަން އެ ބޯޓަށް އަންގައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު މިއަދު ވިދާޅުވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 633.7 މިލިއަން ރުފިޔާ ކަމަށެވެ. އެ އަދަދަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދު ކަމަށެވެ.

ނާފިޒް ވިދާޅުވީ އެ އަދަދާމެދު އެއްވެސް މައްސަލައެއްވާ ނަމަ އެކަމާމެދު ހުށަހެޅުމެއް ހުށަހަޅަން 15 - 30 ދުވަހާއި ދެމެދުގެ މުއްދަތެއް ބޯއްޓަށް ދީފައިވާނެ ކަމަށެވެ. އަދި އެމުއްދަތުގައި ފައިސާ ދައްކާނެ އިންތިޒާމްތައްވެސް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

"މިއީ ގެއްލުމުގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދު. މިކަހަލަ އެހެން ކޭސްތަކުގައި އެގްޒެކްޓް އަދަދެއް ބުނަން އެނެގޭނެ ގެއްލުމުގެ ބަދަލުގައި. އެކަމަކު މި ކޭސްގައި ތަންކޮޅެއް އުނދަގޫ އެބަވޭ އެގްޒެކްޓް އަދަދެއް ބުނަން. އެހެންވެ އެސްޓިމޭޓެޑް ފިގާއެއް. މި އަދަދަކީ ސަރުކާރާ ނެގޯޝިއޭޓް ކޮށްގެން ކުޑަކުރެވޭނެ އަދަދެއް." ނާފިޒް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ ފުވައްމުލަކު ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް ބޯޓު ފުންކުރި ސެލްވޭޖް ކުންފުނިންވެސް ދިރާސާކުރި ކަމަށާއި އެ ދިރާސާގެ މައްޗަށް ބަލައި ތައްޔާރުކޮށްފައިވާ ރިޕޯޓުގައިވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައެޅިދާނެ ފައިސާގެ އަދަދުގައި މާބޮޑު ތަފާތެއް ނެތް ކަމަށެވެ.

މީގެއިތުރުން ނާފިޒް ވިދާޅުވީ ބަދަލުގެ ގޮތުގެ ދައްކަންޖެހޭ ފައިސާގެ ކަންކަން ނުނިމެނީސް ބޯޓު ފުރަން ހުއްދަ ދިނީ ބޯޓަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ބޯޓު އަޑިއަށް ދިއުމުގެ ބިރު އޮތުމުން ކަމަށެވެ. ނަމަވެސް ބޯޓު ވަނީ މަރާމާތު ކުރުމަށް ގެންދަނިކޮށް އިންޑިއާ ކަނޑަަށް ފެތިފަ އެވެ.

"ބޯޓު ފުރަން ހުއްދަދިނީ ބޯޓު ފޫ ގޮސްފައި އޮތުމުގެ ސަބަބުން ޕަމްޕް ޖައްސައިގެން ބޯޓު ދިޔަ ހިއްކަމުން ދާތީ. ފެތުމުގެ ބިރު އޮތުމުން. ހުއްދަ ދިނީވެސް އެންމެ ކައިރީގައި އޮތް ބަނދަރަކަށް ގެންގޮސް ބޯޓު މަރާމާތު ކުރަން. މިމަހުގެ އެއް ވަނަ ދުވަހު ބޯޓު ވަނީ ފުރާފައި. ނަމަވެސް ބޯޓު ވަނީ ގެންދަނިކޮށް ބޯޓުގައި ދިޔަ ބޮޑުވެ ފެތިފައި" ނާފިޒް ވިދާޅުވި އެވެ.

ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު ފައިނަލްކޮށް ފައިސާގެ އިންތިޒާމް ހަމަޖެއްސުމުން ނޫނީ ބޯޓުގެ ކެޕްޓަން އަށް ނުފުރޭނެ ކަމަށެވެ.

"ބޯޓުގެ ކެޕްޓަން އަދި އިތުރު މީހަކު ފިޔަވައި އެހެން ކްރޫއިން ފުރުވާލާނަން. އެމީހުންނަށް ފުރޭނީ ފައިސާގެ އިންތިޒާމްތައް ހަމަޖެއްސުމަށްފަހު" ނާފިޒް ވިދާޅުވި އެވެ.

ރާއްޖޭގެ ތިމާވެއްޓާ ބެހޭ ގާނޫނުގައިވާ ގޮތުން ތިމާވެއްޓަށް ލިބޭ ގެއްލުމެއްގެ ބަދަލުގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ އެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނެގޭނެ ވަކި އަދަދެއް ކަނޑައަޅާފައި ނުވާތީ ގެއްލުމުގެ ބަދަލު ކިތަންމެ ބޮޑު އަދަދަކުންވެސް ސަރުކާރަށް ނެގިދާނެ އެވެ.