ހަބަރު

އަބްދުﷲ ގާޒީ ހައްޔަރުކުރަން އެއްވެސް ވެރިއަކު އަޅުގަނޑަށް އަންގާފައެއް ނުވޭ: ޖަލީލު

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރަން އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް އޭރުގެ އެއްވެސް ވެރިއަކު އަމުރުކޮށްފައިނުވާ ކަމަށް ޖަލީލް މިރޭ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ގާޒީ ބަންދު ކުރިއިރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައިގެން ޖަލީލު އެކަމުގައި ބައިވެރިވި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ މިރޭ ބޭއްވި ޝަރީއަތުގައި ޖަލީލު ވިދާޅުވީ އަބްދުﷲ ގާޒީ ބަންދު ކުރަން އޭރުގެ އެއްވެސް ވެރިއަކު އޭނާއަށް އަމުރުކޮށްފައިނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ލަފައެއް ނުވަތަ އިރުޝާދެއް ވެސް އޭނާގެ ވެރިން އޭނާއަށް ދީފައި ނުވާ ކަމަށް ޖަލީލް ވިދާޅުވި އެވެ. ވެރިންގެ ގޮތުގައި އޭނާ މާނަ ކުރެއްވީ އޭރު ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލާފާނެވެ.

"ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ ގާޒީ ބަންދުކުރަން އަޅުގަނޑުގެ އެއްވެސް ވެރިއަކު އަޅުގަނޑަށް އަންގާފައެއް ނުވޭ، ވެރިންނޭ އަޅުގަނޑު މިދަންނަވަނީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އާއި އޭރުގެ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ،" ޝަރީއަތުގައި ޖަލީލު ވިދާޅުވި އެވެ.

ޖަލީލު ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ބަންދުކުރަން އޭނާގެ ދަށުން ތިބި އެއްވެސް މުވައްޒަފަކަށް އޭނާ އަންގާފައެއް ނުވާނެ އެވެ. އެފަދަ ކަމަކަށް އެއްވެސް ލަފައެއް ވެސް ދީފައި ނުވާނެ ކަމަށާއި އެކަމަށް މަޝްވަރާ ކުރި އެއްވެސް ބައްދަލުވުމެއްގައި އޭނާ ބައިވެރިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނާއި ޚިލާފަށް އަބްދުﷲ ގާޒީ ބަންދުކުރަން އޭނާ ނިންމާފައިނުވާނެ ކަމަށް ވިދާޅުވެ ދައުލަތުގެ ދައުވާއަށް ޖަލީލު މިރޭ އިންކާރު ކުރެއްވި އެވެ.

ޖަލީލު ވިދާޅުވީ އަބްދުﷲ ގާޒީގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ބުނެ އެކަމުގެ ޝަކުވާ އައުމުން އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ އެކު ބައެއް ބައްދަލުވުންތައް ބާއްވާފައިވާނެ އެވެ. އެގޮތުން ސުޕްރީމް ކޯޓާއި ފުލުހުންނާ އެކު އެކި ފަހަރުމަތިން އެކަމުގައި ބައްދަލުވުންތައް ބޭއްވި ނަމަވެސް އޭނާ ހުރި އެއްވެސް ބައްދަލުވުމެއްގައި އަބްދުﷲ ގާޒީ ބަންދުކުރަން މަޝްވަރާކޮށްފައި ނުވާ ކަމަށާއި ގާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކުރަން މަޝްވަރާ ނުކުރާ ކަމަށް ޖަލީލް ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި ޖަލީލުގެ ވަކީލް އާދަމް އާސިފް ވިދާޅުވި ގޮތުގައި ގާޒީ ބަންދުކުރަން އުޅޭކަން ޖަލީލަށް އެނގިވަޑައިގަތީ އަބްދުﷲ ގާޒީ ބަންދުކުރި ރޭ އޭނާ ޑިފެންސް މިނިސްޓްރީއަށް ދިއުމުން އެތަނުގައި އޮތް ބައްދަލުވުމަކުންނެވެ. އެ ބައްދަލުވުމަށް ޖަލީލު ދިއުމުން އަބްދުﷲ ގާޒީ "އުފުރާލަން" ޓްރޫޕްސް ފޮނުވާފައިވާނެ ކަމަށާއި ކުރިއަށް އޮތް 30 މިނެޓްގެ ތެރޭގައި އަބްދުﷲ ގާޒީ ހުންނާނީ ދޫނިދޫގައި ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ޖަލީލު ގާތު ވިދާޅުވި ކަމަށް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވި ގޮތުގައި އެގޮތަށް ތޮލްހަތު ވިދާޅުވުމުން އެކަމާ ދެކޮޅަށް ޖަލީލު އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އެވެ. އެގޮތުން ކޯޓާއި އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގޭގެ ހުރުމަތް ކަނޑައި ސިފައިންގެ މެދުވެރިކޮށް އެކަން ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ތޮލްހަތު ގާތު ޖަލީލު ވިދާޅުވި ކަމަށް އާސިފް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ރައްދު ދީ ތޮލްހަތު ވިދާޅުވެފައިވަނީ އެކަން ކުރަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ އަބްދުﷲ ގާޒީ ބަންދުކޮށްފައި ހުރީ ކ. ގިރިފުށީގައި ކަން ޖަލީލަށް އެނގިވަޑައިގަތީ ވެސް ޖެހިގެން އައި ދުވަހު އެވެ. އަދި އަބްދުﷲ ގާޒީ އެތަނުގައި ބަންދުކޮށްފައި ހުރިއިރު ވެސް އޭނާގެ ކަންކަން ބެލެހެއްޓުމުގައި ޖަލީލުގެ އެއްވެސް ދައުރެއް ނެތެވެ.

އާސިފް ވިދާޅުވީ އަބްދުﷲ ގާޒީ ބަންދު ކުރުމުގެ އޮޕަރޭޝަންގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތުގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން އަބްދުﷲ ގާޒީ ހައްޔަރުކުރަން ދިޔައިރު އެ އޮޕަރޭޝަންގެ ކޮމާންޑަރުންނާއި އޭގެފަހުން އޭނާ ބަންދުކޮށްފައި ހުރިއިރު އޭނާގެ ކަންކަން ބަލަހައްޓާ ފަރާތްތަކުން ވެސް ރިޕޯޓް ކުރަމުންދިޔައީ ސީދާ ތޮލްހަތަށް ކަމަށް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވި ގޮތުގައި ގާޒީ ހައްޔަރު ކުރުމުގެ ކުރިން ސިފައިންގެ ޗެއިން އޮފް ކޮމާންޑަށް ބަދަލުތަކެއް ގެނެސް، ޑިފެންސް މިނިސްޓަރަށް ބައެއް ކޮމާންޑަރުން ރިޕޯޓް ކުރަންޖެހޭ ގޮތަށް ޑައިރެކްޓަރެއް ޑިފެންސް މިނިސްޓްރީން އޮތީ ނެރެފަ އެވެ.

އެގޮތުން މާލޭ އޭރިޔާ އާއި ނޮދަން އޭރިޔާގެ އިތުރުން ސަދަން އޭރިޔާ އާއި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ސްޕެޝަލް ފޯސަސަކީ ސީދާ މިނިސްޓަރުގެ ބެލުމުގެ ދަށުން ހިންގާ ތަންތަން ކަމަށް އެ ޑައިރެކްޓާގައި ބުނެފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ. އެހެންވެ އެ ކޮމާންޑްތަކުގެ ކޮމާންޑަރުން ވެސް ސީދާ ރިޕޯޓް ކުރަމުން ދިޔައީ ސީދާ މިނިސްޓަރަށް ކަމަށާއި ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން އެ ކޮމާންޑްތަކުގެ ކަންކަމާ ޖަލީލަށް ނުބެހެވޭ ކަމަށް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓްރީން ނެރުނު އެ ޑައިރެކްޓާގައި ގާނޫނާއި ޚިލާފް ކަންތައްތަކެއް ހުރިކަން ފާހަގަވާތީ ޖަލީލު ވަނީ އެކަން ރައީސް އޮފީހުގެ އޭރުގެ ލީގަލް ސެކެޓްރީ ހިސާން ހުސައިނާ ހިއްސާކޮށްފަ އެވެ. އަދި އެކަން އޭރުގެ މިނިސްޓަރު ތޮލްހަތުގެ އަރިހުގައި ވެސް ވިދާޅުވި ކަމަށާއި ނަމަވެސް އެ ޑައިރެކްޓާ އޮތީ ރަނގަޅަށް ކަމަށް ތޮލްހަތު ވިދާޅުވެފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޖަލީލާ ދެކޮޅަށް ހެކި ހުށަހަޅައިފަ އެވެ. ސިފައިންނާއި ފުލުހުންގެ އޭރާއި މިހާރުގެ އިސްވެރިނާއި އަބްދުﷲ ގާޒީ އާއި އޭނާ ދިރިއުޅުއްވާ ގޭގައި އުޅުނު ބައެއް މީހުން ވެސް ޖަލީލާ ދެކޮޅަށް ހެކިންގެ ގޮތުގައި ދައުލަތުން މިރޭ ހުށަހެޅިއިރު ވީޑިއޯ އާއި އެ އޮޕަރޭޝަންގެ ބައެއް ލިޔުންތައް ވެސް ދައުލަތުން ވަނީ ޖަލީލާ ދެކޮޅަށް ހުށަހަޅައިފަ އެވެ.

ޖަލީލުގެ ފަރާތުން ވެސް މިރޭ ވަނީ ދިފާއުގައި ހަ މީހެއްގެ ނަން ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. ހެކި ހުށަހަޅަން ދެ ފަރާތަށް ފުރުސަތު ދިނުމުގެ ކުރިން ފަނޑިޔާރުން ވަނީ އެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ އެއްވެސް ފަނޑިޔާރަކު ހެއްކެއްގެ ގޮތުގައި އެއްވެސް ފަރާތަކަށް ހުށަނޭޅޭނެ ކަން މިރޭ ދެ ފަރާތަށް ވެސް އަންގަވައިފަ އެވެ.

މިރޭގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން ކަމަށެވެ. ނަމަވެސް ދެން އަޑުއެހުން އޮންނާނެ ތާރީޚެއް ފަނޑިޔާރުން ވިދާޅެއް ނުވެއެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި އޭރުގެ ރައީސް ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތާއި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެއެވެ. އޭގެ ތެރެއިން އިބްރާހިމް ދީދީ އާއި ޒިޔާދުގެ ޝަރީއަތް ވެސް މިރޭ ކުރިއަށް ގެންދަން ތާވަލްކޮށްފައި އޮތް ނަމަވެސް ލިޔުންތައް ގިނަކަމުން ޖަވާބުދާރީވާން އިތުރު މުއްދަތެއް އެ ދެ ބޭފުޅުންގެ ފަރާތުން އެދުމުން އެ ދެ ބޭފުޅުންނަށް ވެސް ތިން ދުވަހުގެ މުއްދަތެއް އިތުރަށް ދިނުމަށް ފަހު އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.