ހަބަރު

ޓީޗަރުންގެ ގަދަރު އުފުލަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރޭ: މިނިސްޓަރު

Oct 5, 2016
1

ޓީޗަރުންގެ ހައިބަތާއި ގަދަރު އުފުލުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށާއި އެކަމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ޓީޗަރުންނަށް އަދި އުނގަންނައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޮނުވި ތަހުނިޔާގެ މެސެޖުގަ އެވެ.

އެ މެސެޖުގައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ ގަދަރާއި ހައިބަތު އުފުލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މިހާރު ސްކޫލްތަކުގެ ދާއިމީ ވަޒީފާތަަަަކުގައި ތިބި ޓީޗަރުންނަކީ ޑިޕްލޮމާ ފެންވަރަށް ތަމްރީނުކޮށްފައިވާ ބަޔަކަށް ހަދާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ 3،000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނުކުރުމުގެ ޕްރޮގްރާމާއެކު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ މި މެސެޖުގައި ޓީޗަރުންނާއި އުނގަންނައިދިނުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްކަމަށް މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައިވެ އެވެ.