ވިޔަފާރި

ޓީޗަރުންނަށް ދިރާގުގެ ޑިސްކައުންޓް ހަދިޔާ!

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ހާއްސަ ޕެކެޖުތަކެއް ތައާރަފްކޮށްފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި މެނޭޖާ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ޓީޗަރުންނަކީ ވަރަށް ބުރަ މަސައްކަތެއް ކުރައްވައިގެން ގައުމުގައި މުހިންމު ރޯލެއް އަދާކުރައްވާ ބައެއް ކަމަށާއި އެގޮތުން ޓީޗަރުން ކުރައްވާ މަަސައްކަތް އަގު ވަޒަން ކުރުމުގެ ގޮތުން އެ ފަރާތްތަކަށް ހާއްސަ ޕެކެޖުތަކެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

ދިރާގުން ތައާރަފް ކުރި ޕެކޭޖުތަކު ތެރެއިން މޮބައިލް ޕޯސްޓްޕެއިޑް ޕެކޭޖު ނުވަތަ ބްރޯޑްބޭންޑު ޕޯސްޓްޕެއިޑް ޕެކެޖު ނަގާ ޓީޗަރުންނަށް މަހު ފީ އިން ތިން މަސް ދުވަސް ވަންދެއް 50 ޕަސަންޓު ޑިސްކައުންޓު ލިބެއެވެ. އަދި މިހާރު އެ ޕެކޭޖުތައް ގެންގުޅޭ ޓީޗަރުންނަށް ވެސް އެކަމަށް އެދުމުން ހަމަ އެ ތިން މަހުގެ ޑިސްކައުންޓު ލިބެއެވެ. އެ އޮފާގައި އެއްވެސް ކަނެކްޝަން ފީއެއް ނުނަގާނެ އެވެ. އަދި ބްރޯޑްބޭންޑު ޕެކޭޖާއެކު މައިފައި ޑިވައިސްއާއި އޭޑީއެސްއެލް ރައުޓާވެސް ޓީޗަރުންނަށް ހިލޭ ދޭން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ ޓީޗަރުންނަށް ހާއްސަ ދެ މޮބައިލް ބްރޯޑްބޭންޑް ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ. އެއީ 499 ރުފިޔާއަށް 10 ޖީބީ ޑޭޓާއާއި 699 ރުފިޔާއަށް 20 ޖީބީ ޑޭޓާ ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖްތައް ހޯދުމަށް އެޕްލިކޭޝަން ފޯމް ހުށަޙަޅަން ޖެހެނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އަދި އެ ޓީޗަރަކު އުޅޭ ސްކޫލެއްގެ ރަސްމީ ތައްގަނޑު ފޯމްގައި ޖަހަން ޖެހެ އެވެ.

"އަޅުގަނޑުމެން މިފަދަ ހަދިޔާއެއް ދޭން ނިންމީ އެއީ ޓީޗަރުންނަށް ވަރަށް ކަމުދާނެ ހަދިޔާއެއް ގޮތުގައި ބަލާފައި. އެއީ އެބޭފުޅުންގެ މަސައްކަތާއި ރީސާޗު އަދި އިންޓަނެޓު ބޭނުން ކުރަން ފަސޭހަވެ ފުރިހަމަ ވެގެންދާނެ ކަމަށް ގަބޫލުކުރެވޭތީ،" މިރުޝާން ވިދާޅުވި އެވެ.