ހަބަރު

އެލިއާ އިން އެމްއެންޑީއެފަށް އައުޓްބޯޑް ދެ އިންޖީނު ހަދިޔާކޮށްފި

އެލިއާ އިންވެސްޓްމެންޓްސް އިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ދެ ޔަމަހާ އައުޓްބޯޑް އިންޖީން ހަދިޔާކޮށްފި އެވެ.

އެލިއާ އިން ބުނީ މިއީ އެމްއެންޑީއެފްގެ ބެލުމުގައި ދަށުގައި އޮންނަ، 12 ސީ އެމްބިއުލާންސްއަށް ބޭނުންވާ 24 އިންޖީނު ގަތުމަށް އެލިއާ އާ ހަވާލުކުުރެވުނު ކޮންޓްރެކްޓް ނިންމުމަށް ފަހު، ހަދިޔާއެއްގެ ގޮތުގައި ދިން ދެ އިންޖީނު ކަމަށެވެ. މި މަސައްކަތް އެލިއާ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

އެލިއާ އިން އެމްއެންޑީއެފަށް މިއަދު ހަދިޔާކޮށްފައިވަނީ 200 ހޯސް ޕަވަރުގެ ދެ އިންޖީނެވެ. އެލިއާގެ ފަރާތުން މި އިންޖީނުތައް އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އެކުންފުނީ މެނޭޖިން ޑިރެކްޓާ އަލާއު އަލީ އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އިންޖީނުތަކާއި ހަވާލުވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލިއާގެ ޖެނެރަލް މެނޭޖާ އަހްމަދު ސައީދު ވިދާޅުވީ ސީ އެމްބިއުލާންސްތަކުގައި ރަނގަޅު ފެންވަރެއްގެ އިންޖީނުތައް ހުންނަން ޖެހޭނެ ކަމަށާއި ޔަމަހާ އަކީ އެކަމަށް އެންމެ އެކަށީގެންވާ ބްރޭންޑް ކަމަށެވެ.

އެލިއާ އިން ރާއްޖެ އެތެރެކުރާ 200 ހޯސް ޕަވަރު އަދި 250 ހޯސް ޕަވަރުގެ އިންޖީނަކީ ރާއްޖެއަށް ހާއްސަކޮށްގެން އުފައްދާ އިންޖީނުތަކެއްކަންވެސް ފާހަގަކުރި އެވެ.