ދުނިޔެ

އަނިޔާކޮށްގެން ވެސް ތަހުގީގުގައި ސީއައިއޭ ކާމިޔާބެއް ނޫން: ރިޕޯޓް

Dec 9, 2014

އެމެރިކާގެ ވޯލް ޓްރޭޑް ސެންޓަށް ދިން ހަމަލާ އަށް ފަހު، އަލްގާއިދާ ޖަމާއަތުގެ މެންބަރުން ކަމަށް ބެލެވޭ މީހުން ހައްޔަރުކޮށް އެ މީހުންނާ މެދު އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ހިންގާފައި ވަނީ ވަރަށް ލާއިންސާނީ ތަހުގީގުތަކެއް ކަމަށާއި އެކަމަކު އެ ތަހުގީގުތަކުގެ ނަތީޖާ ރަނގަޅު ނޫން ކަމަށް އެމެރިކާގެ ސެނެޓްގެ ރިޕޯޓެއްގައި ބުނެފި އެވެ.

ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީން މިއަދު އާންމުކުރި ރިޕޯޓްގައި ބުނެފައި ވަނީ އަނިޔާވެރިކަމާ އެކު ހިންގާ ތަހުގީގުތަކުން ލިބޭ ނަތިޖާ ރަނގަޅު ކަމަށް ބުނެ ސީއައިއޭ އިން ވަނީ ރައްޔިތުންނަށް ދޮގު ހަދައިފަ އެވެ. އެ ރިޕޯޓްގައި ބުނެފައި ވަނީ ލާއިންސާނީ އަމަލުތައް ހިންގައިގެން ތަހުގީގުތައް ކޮށްފައި ވަނީ ހަރުދަނާ އުސޫލެއްގެ ދަށުން ނޫން ކަމަށާއި އެ ތަހުގީގުތަކުން ލިބުނު މައުލޫމާތަށް އިތުބާރު ވެސް ނެތް ކަމަށެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ މީގެ ކުރިން ވެސް ވަނީ ސީއައިއޭ އިން ތަހުގީގުތަކުގައި މީހުންނާ މެދު އަމަލުކުރާ ގޮތަކީ ލާއިންސާނީ އަނިޔާގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ.

ސެނެޓްގެ ރިޕޯޓްގައި 6000 ސަފުހާ ހިމެނެ އެވެ. ނަމަވެސް ސިއްރު މައުލޫމާތު ހިމެނޭތީ އާންމުކޮށްފައި ވަނީ އެންމެ 480 ސަފުހާ އެވެ. އެއީ މުޅި ރިޕޯޓްގެ ހުލާސާ އެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމާ 2009 ވަނަ އަހަރު އޮބާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ވަނީ ސީއައިއޭ އިން ލާއިންސާނީ އަނިޔާކޮށްގެން ހިންގާ ތަހުގީގުތައް ހުއްޓުވައިފަ އެވެ. މިއީ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި ތަހުގީގުތަކުގައި ބޭނުންކުރަން ފެށި އުސޫލުތަކެކެވެ.

ކުށުގެ ތުހުމަތުކުރެވޭ މީހުން ކަނު ބަނދެ މޫނަށް ފެން އަޅައި ހާސްކޮށްލުމާއި ގައިގައި އަތުން ތެޅުމާއި ގަދަ ފިނީގައި ބެއިތިއްބުމާއި ނިދިޔަ ނުދީ ހިފެހެއްޓުން ފަދަ ކަންތައް ކުރެ އެވެ.

މި ރިޕޯޓް ނެރުމާ ދިމާކޮށް އެމެރިކާ އިން ވަނީ އެކި ގައުމުތަކުގައި ހުންނަ އެމެރިކާގެ އެމްބަސީތަކާއި އެކި އޮފީސްތަކުގެ ސަލާމަތީ ފިޔަވަޅު ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. -- ބީބީސީ