ލައިފްސްޓައިލް

ނުކައި ގިނަ ވަގުތު ހޭދަކުރުމަކީ މަސައްކަތަށް މޮޅުވެދާނެ ކަމެއްތަ؟

Oct 6, 2016

ގިނައިރުތަކެއްވަންދެން ނުކައި ތިބުމަކީ އުނަގަނޑުގެ ސައިޒު ތިރިކުރުމަށް ބައެއް މީހުން ވަރަށް އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. އެކަމަކު ތަޖުރިބާކާރުން މިހާރު ކުރާ ސުވާލަކީ މިއީ އެވެ. -- ނުކައި ގިނަ ވަގުތު ހޭދަކުރުމަކީ މީހަކު މަސައްކަތަކަށް މޮޅުވެދާނެ ކަމެއްތޯ އެވެ؟

ނިކައި ތިބެ ގިނަ ވަގުތު މަސައްކަތްކުރުމަށް އެންމެ މަޝްހޫރު ބަޔަކީ ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުންނެވެ. އެމެރިކާގެ ކެލިފޯނިއާގައި މަސައްކަތްކުރާ "ބަޔޯހެކަރުން" ގެ މެދުގައި ވެސް މި ދުވަސްވަރު އެންމެ މަޝްހޫރު ޓްރެންޑަކީ މިއީ އެވެ. އޭގެ ތެރެއިން ބައެއް މީހުން "ވީފާސްޓް" ގެ ނަމުގައި އޮންލައިން ކޮމިއުނިޓީއެއް ވެސް އުފައްދައި މި ޓްރެންޓް އިތުރަށް ފުޅާކުރަމުން އަންނައިރު މީގެ ތެރެއިން ބައެއް މީހުން މަސައްކަތްކުރަނީ 60 ގަޑިއިރަށް "ރޯދަ އަށް ތިބެގެން" ނެވެ.

ބައެއް މީހުން 36 ގަޑިއިރުވަންދެން ނުކައި ތިބޭއިރު 23 ގަޑިއިރުވަންދެން ނުކައި މަސައްކަތްކުރާ މީހުން ވެސް އެބަތިއްބެވެ. މި އާދަޔާހިލާފު ތަޖުރިބާ އަށް ފަހު އެމީހުން ބުނަނީ ނަތީޖާ ވަރަށް ވެސް ފޮނި ކަމަށާއި މަސައްކަތުގެ ކޮލިޓީ އާއި އުފެއްދުންތެރިކަން ވަރަށް ވެސް ރަނގަޅު ކަމަށެވެ.

ނުކައި މަސައްކަތްކުރުމުގެ މި ޓްރެންޑެއް ފައްކާކޮށްފައި ވަނީ ކެލިފޯނިއާގެ ސޭން ފްރެންސިސްކޯގައި އަލަށް އުފައްދައިގެން މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް ކަމުގައިވާ ނޫޓްރޯބޮކްސްގެ މެމްބަރުންނެވެ. އެމީހުންނަކީ ނޫޓްރޯބޮކްސްގެ ނަމުގައި މަޝްހޫރުވެފައިވާ "ސްމާޓް ބޭސްގުޅަ" އުފައްދާ ކުންފުންޏެކެވެ. -- އެއީ ސިކުނޑީގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ހުއްދަ ބޭހެކެވެ.

ނުކައި ގިނައިރު މަސައްކަތްކުރުމުގެ ސަބަބުން މަސައްކަތުގެ ފެންވަރު ރަނގަޅުވާ ކަމަށް މި ގްރޫޕުން ބުނާއިރު މިފަދަ ލައިފްސްޓައިލަކަށް ތަބާވުމަކީ ސިއްހީގޮތުން ނިކަން ބޮޑެތި ފައިދާތަކެއް ކޮށްފާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވެސް ގަބޫލުކުރެ އެވެ. ވަކިން ހާއްސަކޮށް، ހުސް ބަނޑާ ގިނައިރު ހުރުމުގެ ފައިދާ ބޮޑެވެ.

މިސާލަކަށް ހަށިގަނޑަށް ނަގާ ކެލޮރީސްގެ މިންވަރު މިފަދަ ގޮތަކަށް މަދުކުރުމަކީ މީހާގެ މޫޑަށާއި ނިދުމަށް އޭގެ އަރާމުކަން ފޯރާކަމެއް ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.

ސިއްހީ އަދި އިލްމީ ދިރާސާތަކަށް މަޝްހޫރު އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ނިއުރޯސައިންސް ޕްރޮފެސަރެއް ކަމުގައިވާ މާކް ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ގިނައިރު ނުކައި ތިބެ މަސައްކަތްކުރުމަކީ މައްސަލަތައް ހައްލުކޮށް މަސައްކަތްކުރުމުގެ ގާބިލުކަން (ކޮގްނިޓިވް އެބިލިޓީ) ސިކުނޑީގައި ވަރުގަދަކޮށްދޭ ކަމެއް ކަމަށް އެ ބޭފުޅާގެ ދިރާސާތަކުން ވެސް އެނގިފައިވާ ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް، ނުކައިގިނައިރު މަސައްކަތްކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް އަލަށް މި ތަޖުރިބާކުރާ ނަމަ ފުރަތަމަ ދުވަސްކޮޅު ވަރަށް ވަރުބަލިކޮށްލާނެ އެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ އެގޮތަށް މަސައްކަތް އާދަކޮށްފި ނަމަ އެކަމަށް ހޭނި އާދަވެދާނެ އެވެ.

ނަމަވެސް މިގޮތަށް ނުކައި ގިނައިރު މަސައްކަތްކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ސިއްހީގޮތުން އެންމެ ރަނގަޅުގޮތް ކަމަކަށް ނުވެދާނެ އެވެ. މިސާލަކަށް، މާބަނޑު މީހުންނާއި ކުދިންނަށް ގާތުން ދޭން ޖެހޭ އަންހެނުން އަދި ހަކުރު ބަލީގެ މީހުންނެވެ.

ކޮންމެއަކަސް މިގޮތަށް ނުކައި ގިނައިރު މަސައްކަތްކުރުމުގެ ތަޖުރިބާއަކަށް ދާން ވިސްނާ ނަމަ އެންމެ ފުރަތަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން ވެސް ވަރަށް މުހިންމެވެ.