ހަބަރު

ސަރަޙައްދީ ތަރައްގީގެ އެންމެ ބޮޑު ފައިދާ ނެގޭނީ ރާއްޖެއަށް: ސައުދީ

Oct 5, 2016

ސަރަޙައްދީ ތަރައްގީގެ އެންމެ ބޮޑު ފައިދާއެއް ނެގޭނެ އެއް ގައުމުކީ ރާއްޖެ ކަމަށާއި ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ސައުދީ ވަލީއަހުދުގެ ނައިބު މުހައްމަދު ބިން ސަލްމާން އާލް-ސަޢުދު، ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސައުދީއަށް ވަޑައިގަތުމުން ބައްދަލު ކުރައްވާ މިއަދު ހެނދުނު ސައުދީ އަރަބިއްޔާގެ ކިންގް ސަޢުދު ގެސްޓް ޕެލަސްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ވަލީއަހުދުގެ ނައިބު ވިދާޅުވީ ސައުދީން އަބަދުވެސް ރާއްޖެއަށް އެއްބާރުލެއްވުން ދޭނެ ކަމަށާއި ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ދަމަހައްޓަން މަސައްކަތްކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ބައިނަލްއަޤްވާމީ ދުނިޔޭގައި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށާއި ސަރަޙައްދީ ތަރައްގީގެ އެންމެ ބޮޑު ފައިދާއެއް ނެގޭނެ އެއް ގައުމުކީ ރާއްޖެ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީން ވަނީ ސައުދީ ވަލީ އަހުދުގެ ނައިބަށް ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް އެމަނިކުފާނުގެ ސަރުކާރުން ރާވާ ކުރިއަށްގެންދިޔުމަށް ހމަޖެހިފައިވާ މަޝްރޫއުތަކުގެ މައްޗައް އަލިއަޅުއްވާލައްވާފަ އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ ސަރަޙައްދީ ތަރައްޤީއާއި، ސަލާމަތީ ކަންކަމާއި، ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، މި ސަރުކާރުގެ އަމާޒަކީ ރާއްޖެ ތަރައްގީ ކުރުމެވެ.