މާލޭގައި ދިރިއުޅޭ ބައެއް މީހުން މި އާޓިކަލްއެއް ކިޔާނީ އާއިލާއާ އެކު ހުޅުމާލެ އަށް "ދަތުރު" ގޮސް ބީޗުގައި ތިބެގެންނެވެ. ނުވަތަ ބާބެކިއުއަކަށް ފަހު ކަމުގައި ވެސް ވެދާނެ އެވެ. ނުވަތަ އަނެއް ބަޔަކު ތިބޭނީ މާފުށީގެ ގެސްޓްހައުސްއެއްގެ ފިނި ހިޔަލާއި އަރާމުގަ އެވެ.
އެކަމަކު މިއީ މަދު ދިވެހިންތަކެއްގެ "ވީކެންޑް" ކަމަށް ވެދާނެ އެވެ. ގިނަ ދިވެހިންނަކީ ވީކެންޑްގައި ހިންދެމިލަން ވަގުތު ނުލިބޭ ނުވަތަ އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ނުލިބޭ މީހުންނެވެ. ވަކިން ހާއްސަކޮށް ޓެކްނޮލޮޖީ އާއި އޮފީހުގެ ގިނަ މަސައްކަތް "ޖީބުގައި" ގެންގުޅެވޭ މި ޒަމާނުގައި އޮފީހުގެ މަސައްކަތުން ބޯދަމައިގަތުމަކީ ފަސޭހަކަމަކަށް ވެސް ނުވާނެ އެވެ.
ބައެއް މީހުން ޗުއްޓީއަކަށް ގޮސް އެނބުރި އަންނައިރު ވެސް ވަރުބަލިކަން ނުފިލަނީ މި ސަބަބާ ހެދި ކަމަށް ވެސް ވެދާނެ އެވެ. އަދި ބައެއް މީހުން ބުރާސްފަތި ދުވަހު މަސައްކަތަށް ސަލާމްބުނުމާއި އާދީއްތަ ދުވަހު އޮފީހަށް ނުނިކުންނަ ސަބަބަކީ ވެސް މިއީ ކަމަށް ވެދާނެ އެވެ.
އަނެއްބަޔަކު ތިބެނީ ހަފުތާބަންދުގައި ވެސް އޮފީހުގެ މަސައްކަތުން އަތް ދޫނުކޮށްލެވިފަ އެވެ. އީމެއިލްތަކަކަށް ރިޕްލައިކުރުމުގަ އާއި ކުރިއަށް އޮތް ހަފުތާގެ މަސައްކަތަށް ނުވަތަ ޕްރޮޖެކްޓަކަށް ތައްޔާރުވުމުގަ އެވެ.
މި މައްސަލައިގައި ސައިންސް ބުނަނީ ކީކޭކަން އެނގޭ ހެއްޔެވެ؟ --މަސައްކަތުން އަތް ދޫކޮށްނުލެވުމަކީ ޕާސަނާލިޓީގެ މައްސަލައެކޭ އެވެ.
އެމެރިކާގެ ޔުނިވާސިޓީ އޮފް ޓަލްސާގެ ސައިކޮލޮޖިސްޓެއް ކަމުގައިވާ ޖެނީފާ ރެގްސްޑޭލް ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އަބަދު މަސައްކަތަށް ބޯކޮށްޕާލައިގެން ތިބެނީ ނަފުސާނީގޮތުން "ނެގެޓިވް ވިސްނުމުގެ" މީހުން ކަމަށެވެ. އޭނާ މިކަން ސާބިތުކޮށްފައި ވަނީ ތަފާތު އެކި ދާއިރާތަކަކުން ހޮވާލި މުވައްޒަފުންތަކެއްގެ މެދުގައި ކުރި ދިރާސާއަކުންނެވެ.
މި ދިރާސާގައި ބައިވެރިވި މީހުންނަށް ދީފައިވާ އިހްތިޔާރުތަކަކީ ހަފުތާ ބަންދުގައި އެމީހުން ކުރާނެ މަސައްކަތެވެ. އޭގެ ތެރޭގައި ހިމެނެނީ ނިކަން ޝައުގުވެރިވެދާނެ ކަންކަމާއި ފޫހިވެ ރުޅިއަންނަ ޒާތުގެ ކަންކަމެވެ.
ދިރާސާއިން ދެއްކިގޮތުން، ހަފުތާ ބަންދުގައި މަސައްކަތުން އަތް ދޫކޮށްލެވޭ މީހުންނަކީ ޕޮޒިޓިވް އެޓިޓިއުޑަކާ އެކުގައި މަސައްކަތްކުރާ މީހުންނެވެ. ސްޓްރެސް ލެވެލް މަތި ނުވަތަ ނެގެޓިވް ވިސްނުން ބޮލުގައި ގިނަ މީހުންނަށް ހަފުތާ ބަންދުގައި، މަޖާ ކަމެއް ނުވަތަ ޓީވީ ބެލުން ފަދަ ފޫހިފިލުވުމުގެ ކަމެއް ދިނަސް އެމީހުންގެ ރުޅިގަދަވަނީ އެވެ. ނުވަތަ ކޮންމެ ކަމެއްކުރިޔަސް އަބަދުވެސް އޮފީސް މަސައްކަތް އޭގެ ތެރެއަށް ވައްދަނީ އެވެ.
ނެގެޓިވް މައިންޑްސެޓް ބަދަލުކުރުމަށް ހޮބީއެއްގެ ގޮތުގައި ކަމެއް ނުވަތަ އެހެން މަސައްކަތެއް ހިޔާރުކުރުމަކީ ބުއްދިވެރިކަމެއް ކަމަށް ތަޖުރިބާކާރުން ލަފާދެ އެވެ. މިސާލަކަށް، ހަފުތާ ބަންދުގައި ދުވަން ދިއުން ނުވަތަ ޕާކަށް ނޫން ނަމަ ބީޗަށް ގޮސް މަސައްކަތުން ސިކުނޑި ސަލާމަތްކޮށްލުން ކަހަލަ ކަންކަމެވެ.