ލައިފްސްޓައިލް

ކުލަ އޮޅުނު ހެދުމާއެކު ވިޔަފާރި މެކުހަށް ޖަހާލައިފި

Mar 1, 2015

އެ ހެދުމުގައި ހުރި ކުލައެއް ޔަގީންނުވެގެން މުޅި ދުނިޔެ އޭގެ އަވާގައި ޖެހުމުން މި ހެދުން އުފެއްދި ކުންފުނި، ރޯމަން އޮރިޖިނަލްސްގެ ވިޔަފާރި އިސާހިތަކު 347 ޕަސެންޓް މައްޗަށް ޖެހިލައިފި އެވެ.

ޓްވިޓާ ހޭޝްޓެގް "ދަ ޑްރެސް" އާ އެކު އެ ނަމުގައި މަޝްހޫރުވެފައިވާ ލޭސް މެޓީރިއަލްގެ މި ހެދުން ވިއްކާ އަގަކީ 77.13 އެމެރިކާ ޑޮލަރެވެ. މިދިޔަ ބުރާސްފަތި ދުވަހު އަންހެނަކު މީގެ ހެދުމެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާ އަށް ލައި އޭގެ ކުލައާ ބެހޭ ގޮތުން ސުވާލުކޮށްލުމާ އެކު މި ހެދުން ވަނީ އޭގެ "ޖާދުވީ ކުލައިން" މުޅި ދުނިޔެ އަޅުވެތިކޮށްފަ އެވެ.

ރޯމަން އޮރިޖިނަލްސް އިން ބުނެފައި ވަނީ ހެދުމުގެ ވާހަކަ ސޯޝަލް މީޑިއާގައި އެނބުރިގެން ދިއުމުން އެންމެ ގިނަ މީހުން އެމީހުންގެ ފިހާރަތަކަށް ޒިޔާރަތްކުރަމުން ދަނީ އެ ހެދުމުގެ އަސްލު ކުލަ ދެނެގަތުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް ހެދުން ގަންނަ މީހުންނާއި ހެދުމުގެ އަސްލު ކުލަ ބަލާލުމަށް ޒިޔާރަތްކުރާ މީހުންނާ އެކު ކުންފުނީގެ ވިޔަފާރި ވަނީ ނިކަން މައްޗަށް ޖެހިލައިފައި ކަމަށެވެ.

އެއީ މި ހެދުމާ އެކު ރޯމަން އޮރިޖިނަލްސްގެ އެހެން ފެޝަންތަކަށާއި އުފެއްދުންތަކަށް ވެސް އާންމުން މިހާރު ޝައުގުވެރިވަމުންދާތީ އެވެ.

މި ހެދުމެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށިތާ ބައިގަޑިއެއްހާ އިރުތެރޭގައި، ރޯމަން އޮރިޖިނަލްސްގެ ވެބްސައިޓްގައި ވިއްކަން ހުރި މި ވައްތަރުގެ 300 ހެދުން ވެސް ވަނީ ވިކި ހުސްވެފަ އެވެ. ކުންފުނިން ބުނެފައި ވަނީ ހެދުމަށް އިތުރު އޯޑަރުތައް ވެސް ލިބެމުންދާ ކަމަށެވެ.

ކޮންމެއަކަސް މި ހެދުމެއްގެ ފޯރިގަދަވެގެން ގޮސްފައިވާއިރު ފާހަގަކޮށްލަން ޖެހެނީ، ހެދުމުގައި ހުރި ކަމަށް އެންމެ ގިނަ މީހުން ބުނަމުން ދިޔަ ރަން ކުލަ އާއި ހުދު ކުލައިގެ ރޮނގު ދެމި ހެދުމެއް މި މަރުކާގެ ދަށުގައި ނުވެސް ނެތް ކަމެވެ. ހިޔާލު ތަފާތުވެގެން އުޅޭ "ދަ ޑްރެސް" ގެ އަސްލު ކުލައަކީ ވެސް ކަޅާއި ނުލެވެ.

ރޯމަން އޮރިޖިނަލްސް އިން ދެން ވިއްކަނީ ރަތާއި ފިޔާތޮށި އަދި ހުދު ކުލައިގެ މީގެ ހެދުމެވެ.