ހަބަރު

މެޑަމްގެ ތައުރީފް ޓީޗަރުންނަށް: ގައުމު ބިނާކުރުމުގައި ތި ކުރައްވަނީ ނަމޫނާ މަސައްކަތެއް

Oct 5, 2016

ކުދިންނަށް ތައުލީމް އުނގަންނައިދޭން މުދައްރިސުން ކުރާ މަސައްކަތާއި ދައްކަމުންދާ ނަމޫނާ އަދި ހިތްވަރަށް ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް ފަސްްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމް ތައުރީފުކުރައްވައި ސާބަސް ދަންނަވައިފި އެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަސް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ އިރު، މެޑަމް، ފާތުންގެ ރަސްމީ ފޭސްބުކް ޕޭޗްގައި ނެރުއްވި ކުރު ހިތޯބެއްގައި ވިދާޅުވީ، މުދައްރިއްސުންނަކީ ގައުމު ބިނާކުރުމުގައި މުހިންމު ރޯލެއް އަދާކުރައްވަމުން ގެންދަވާ ބައެއް ކަމަށެވެ. އަދި މުދައްރިއްސުންގެ އެ ބޮޑު ގައުމީ ހިދުމަތުގައި ސާބިތުވެ، ދެމި ތިބުމަށް މެޑަމް ފާތުން ވަނީ އެންމެހާ ޓީޗަރުންގެ ކިބައިން މި އެދިވަޑައިގެންފަ އެވެ.

މެޑަމް ފާތުން ސިފަކުރެއްވި ގޮތުގައި، މުދައްރިއްސުންނަކީ ރިވެތި ނަމޫނާ ދައްކަމުން އަންނަ ބައެކެވެ.

"ގައުމު ބިނާކޮށްދެއްވުުގައި ދައްކަވަމުން ތިޔަ ގެންދަވާ ރިވެތި ނަމޫނާއަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން،" މެޑަމް ފާތުންގެ ތަހުނިޔާގެ މެސެޖްގައިވެ އެވެ.

މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ގިނަ ސްކޫލްތަކެއްގައި ވަނީ ހާއްސަ ހަރަކާތްތަކެއް ވެސް ބާއްވާފަ އެވެ. އަދި ޓީޗަރުންނަށް މަރުހަބާ ކިޔައި ޝުކުރު އަދާ ކުރުމުގެ އެކި މެސެޖްތައް އަންނަނީ އެކި ފަރާތްތަކުން ފޮނުވަމުންނެވެ.