ހޮލީވުޑް

ސުއިސައިޑް ސްކޮޑްގެ "އެކްސްޓެންޑެޑް ކަޓެއް" ނެރެނީ

Oct 6, 2016

ފާޑުކިޔުންތައް އަމާޒުވެފައިވާ "ސުއިސައިޑް ސްކޮޑް" ގެ "އެކްސްޓެންޑެޑް ކަޓެއް" ނުވަތަ ސިނަމާ އަށް ނެރުނު ވާޝަނަށް ވުރެން ތަފާތު ވާޝަންއެއް ނެރުމަށް ވާނާ ބްރަދާސް އިން ތައްޔާރުވެއްޖެ އެވެ.

މި ވާޝަންގައި، ފިލްމުގެ މުހިންމު އެއް ކެރެކްޓާ ކަމުގައިވާ ހާލީ ކްއިންގެ އެންމެ ކުރީގެ ދިރިއުޅުން ވެސް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ. އަދި ސިނަމާ އަށް ނެރުނު އޮރިޖިނަލް ފިލްމުން އުނިކޮށްފައިވާ ގިނަ މަންޒަރުތަކެއް މި ވާޝަންގައި ހިމެނޭނެ ކަމަށް ބެލެވެ އެވެ.

"ސުއިސައިޑް ސްކޮޑް" އަކީ ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބިގޮތާ ހިލާފަށް ފެންވަރު ދަށްވެ އެތައް ބައެއް ފާޑުކިޔުން އަދިވެސް އޮހެމުންދާ ފިލްމެކެވެ. ފިލްމަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ އޭގެ އެޑިޓިން އަށާއި ފިލްމުން ޖޯކާ އާއި ކްއިންގެ ކެރެކްޓާގެ ގިނަ މަންޒަރުތަކެއް އުނިކޮށްފައިވާތީ އެވެ.

މި ފިލްމުގެ އެކްސްޓެންޑެޑް ކަޓްގެ ބްލޫރޭ ނެރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

ފާޑުކިޔުންތެރިންގެ ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އެގޮތުން 175 ބަޖެޓަކުން ނުކުމެ ބޮކްސް އޮފީހުގައި މިހާތަނަށް 739 މިލިއަން ޑޮލަރު ނަގާފައިވެ އެވެ.

ޑީސީގެ "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް" އަކީ ވެސް "ސުއިސައިޑް ސްކޮޑް" ފަދައިން ފާޑުކިޔުން އަމާޒުވެފައިވާ އުފެއްދުމެކެވެ. ނަމަވެސް އެ ފިލްމުގެ ވެސް އެކްސްޓެންޑެޑް ކަޓަށް ފުދޭވަރެއްގެ ތަރުހީބެއް ލިބުނެވެ.