ޔުނައިޓެޑް ވިކްޓަރީ އަށް ކުޅޭ ސީރިއާ ކީޕަރު މަހުމޫދު އަލީ ގައުމީ ޓީމަށް ކުޅެން ހިނގައްޖެ އެވެ.
ޓީމުގެ މެނޭޖަރު އަބުދުއްލަތީފް ބުނީ އޭނާގެ ޓީމުގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކީޕަރު އެނބުލި ރާއްޖެ އަންނާނީ ގައުމީ ޓީމުގެ ދެ މެޗު ވެސް ނިންމާފައި ކަމަށެވެ.
މަހުމޫދަކީ ސީރިއާގެ އެއްވަން ކީޕަރެވެ. އެ ގައުމުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ވެސް ކީޕަރު މިހާތަނަށް ސީނިއާ ޓީމަށް ކުޅެދީފައިވަނީ ހަތަރު މެޗެވެ. ނަމަވެސް މިއަދު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ އަންގާރަ ދުވަހު ގަތަރާ ދެކޮޅަށް ވެސް ސީރިއާގެ އެއްވަނަ ކީޕަރުކަން ކުރާނީ އޭނާ އެވެ.
އުމުރުން 28 އަހަރުގެ ކީޕަރު މަހުމޫދު ވަނީ ޔުނައިޓެޑް ވިކްޓަރީގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާގެ ބޮޑު ހިއްސާއަކާ ވެސް އެކު ޓީމު މިވަގުތު އޮތީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ހަތަރުވަނާގަ އެވެ.
މަހުމޫދަކީ މިވަގުތު ރާއްޖޭގައި ތިބި ބިދޭސީ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމެއްގައި ހިމެނޭ ހަތަރު ކީޕަރުން އެއް ކުޅުންތެރިޔާ އެވެ. ދެން ތިބީ އީގަލްސް އަށް ކުޅޭ ލަންކާ ކީޕަރު ސުޖަން ޕެރޭރާ އާއި މާޒިޔާގެ ބަދަލު ކީޕަރެއްގައި ގޮތުގައި ހުރި ލަންކާގެ ގައުމީ ޓީމުގެ ރިޒާވް ކީޕަރާއި ބީޖީ އަށް ކުޅޭ ޕާކިސްތާނުގެ އެއްވަނަ ކީޕަރު ސާގިބް ހަނީފެވެ.