ބޭރު ކުޅިވަރު

ޑިމަރިއާ އަށް ވަގުތު ބޭނުންވޭ: ވެން ހާލް

އިނގިރޭސި ފުޓްބޯޅަ އަށް ހޭނުމަށް މެންޗެސްޓާ ޔުނައިޓެޑްގެ އާޖެންޓީނާ މިޑްފީލްޑަރު އަންހެލް ޑިމަރިއާ އަށް ވަގުތު ބޭނުންވާ ކަމަށް ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް ބުނެފި އެވެ.

ކެޕްޓަން ވޭން ރޫނީ ޖެހި ދެ ލަނޑާއެކު އިނގިރޭސި ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން ސަންޑަލޭންޑް އަތުން ޔުނައިޓެޑް މޮޅުވިއިރު. މެޗުގެ ފުރަތަމަ ހާފަށް ފަހު ވެން ހާލް ވަނީ ޑިމަރިއާ ބަދަލުކޮށްފަ އެވެ. އިނގިރޭސިވިލާތުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެއާލް މެޑްރިޑް އިން ޔުނައިޓެޑަށް ބަދަލުވި ޑިމަރިއާގެ ފަރާތުން މެޗުގެ ފުރަތަމަ ހާފުގައި މާ ރަނގަޅު ކުޅުމެއް ނުފެނުނެވެ.

މެޗަށް ފަހު ވެން ހާލް ބުނީ ރޭގެ މެޗުގައި ޑިމަރިއާ ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އިނގިރޭސި ފުޓްބޯޅަ އަށް ހޭނުމަށް އޭނާ އަށް ވަގުތު ބޭނުންވާ ކަމަށެވެ.

"އިނގިރޭސި ލީގަށް ހޭނުމަށް ޑިމަރިއާ އަށް ވަގުތު ބޭނުންވާނެ. އިނގިރޭސި ފުޓްބޯޅަ އަށް ހޭނުމަކީ ފަސޭހަކަމެއް ނޫން،" ވެން ހާލް ބުންޏެވެ. "އަހަރެން ބޭނުން ޑިމަރިއާ އަށް ވަގުތު ދޭން. ޑިމަރިއާ ކަހަލަ މޮޅު ކުޅުންތެރިއެއް ބަދަލުކުރުމަކީ ފަސޭހަ ނިންމުމެއް ނޫން. އެކަމަކު އަހަރެން މި ނިންމުންތައް ނިންމަންޖެހޭނީ."

ޑިމަރިއާގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން ނިިކުތް ބެލްޖިއަމްގެ ޒުވާންގެ މިޑްފީލްޑަރު އަދުނާން ޔަނުޒާއީގެ ކުޅުމަށް ވެން ހާލް ވަނީ ތައުރީފްކޮށްފަ އެވެ.

"ޔަނުޒާއީ ތަނަވަސްކޮށްދިން ފުރުސަތަކުން ދެވަނަ ލަނޑު ޖެހީ. އެއީ އަހަރެން ވަރަށް ހިތްހަމަޖެހޭ ކަމެއް،" ވެން ހާލް ބުންޏެވެ.

ވެން ހާލް ބުނީ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކަމަށެވެ. ޔުނައިޓެޑް އިން ސަންޑަލޭންޑް ކޮޅަށް ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ.

"ދެވަނަ ހާފުގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. މިއަށްވުރެ ތަފާތު ބޮޑުކޮށްލަން ވެސް ފުރުސަތު ލިބުނު،" ވެން ހާލް ބުންޏެވެ. -- ބީބީސީ