ފިނިޕޭޖް

ޝަމްރާހްގެ އަޑުން ދިވެހިންނަށް ދިން ފަރުވާ

  • ޕްލާސްޓިކް ސާޖަރީ އާއި ދިވެހި ޓޫރިޒަމް އެއްކޮށްލަން ބޭނުންވޭ
  • ރާއްޖެ އަށް އެނބުރި ނަޔަސް މުސްތަގުބަލު ރާވަނީ ރާއްޖެއާ އެކު
  • މޯލްޑިވިއަން އައިޑޮލް އިން މިފަހަރު ވެސް ފެނިދާނެ

ޑޮކްޓަރަކަށް ވުރެން މިހާރު އޭނާ މަޝްހޫރީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. ނުވަތަ އޮޕެރާ އަށް ދިވެހިންގެ ތެރެއިން ހޮވާލެވޭނެ އެންމެ ހެޔޮވަރު އަދި އެންމެ ގަދަފަދަ އަޑުގެ ގޮތުގަ އެވެ. ޑޮކްޓަރު އަހުމަދު ޝަމްރާހް މިގޮތަށް ގިނަ ދިވެހިންތަކެއްގެ މެދުގައި މަޝްހޫރުވެ މަގްބޫލުވުމުގެ ސިއްރަކީ ދެބަސްވެވެން ނެތް އޭނާގެ މި ކުޅަދާނަ ކަމެވެ.

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގައި އޭނާ ހުށަހަޅައިދިން "މޫނު ބުރުގާ" ލަވައިގެ ރެންޑިޝަންއާ އެކު "ދިވެހިންގެ ޕެވަރޮއްތީ" އެއް އުފަންވެ ހުއްޓުމެއް ނެތް ތައުރީފު އޭނާ އަށް އޮހެން ފެށީ އެވެ.

އެއަށް އޭނާ މިފަހުން އާންމުންގެ ސަމާލުކަން ހޯދީ މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ބިރުވެރި ފިލްމު، 4426 ގެ ޕްރޮމޯޝަނަލް ލަވަ، "އަންނަހެން ހީވެޔޭ" ގެ އާދަޔާހިލާފުކަމާ އެކުގަ އެވެ. އެކަމަކު ހަގީގަތަށް ބުނަނީ ނަމަ، ދިވެހި ލަވަ އާއި މިއުޒިކްގެ އުދަރެހުގައި މަޝްހޫރު ނަމަކަށް ޝަމްރާހުގެ ނަން ނުވިޔަސް އޭނާގެ އަޑުގެ ގަދަފަދަކަމުގެ ވާހަކަ އާއި ލަވަކިޔުމަށް މޮޅުކަމުގެ ވާހަކަ ނުދެކެވޭ ދުވަހެއް އޭނާގެ ހަޔާތަކު ނެތެވެ.

އިންޓަ ސްކޫލް ލަވަ މުބާރާތުން ފެށިގެން މިއީ އަބަދުވެސް ދިވެހިން އާޝޯހުކުރުވަމުން އަންނަ ނަމެކެވެ. އޭނާގެ އިންޓަވިއު ވެސް ތަފާތީ މި ސަބަބާ ހެދި އެވެ.

ތިރީގައި މިއޮތީ ޕްލާސްޓިކް ސާޖަންއެއްގެ ގޮތުގައި ހާއްސަވުމަށް ރަޝިއާގައި ކިޔަވަމުން އަންނަ ޑޮކްޓަރު ޝަމްރާހުގެ ވާހަކަ އާއި ލަވައާއި މިއުޒިކަށް ހިތް ދޫކޮށްލި ޝަމްރާހެއްގެ ވާހަކަ އެވެ.

އެންމެ ފުރަތަމަ ވެސް ހިނގާބަލަ ފިލްމު "4426" އިން ލިބުނު ފުރުސަތާއި އޭގެ ޕްރޮމޯޝަނަލް ލަވައިގެ މަސައްކަތުގައި ކުރެވުނު ތަޖުރިބާއިން ފަށައިގަންނަމާ. ކޮން ގޮތަކަށް އެ މަސައްކަތް އަދި އެ ތަޖުރިބާ ސިފަކުރާނީ؟

"އިންޓަ ސްކޫލް ލަވަމުބާރާތުގެ ފަހުން "މޫނު ބުރުގާ" ލަވަ ނޫނިއްޔާމު ނުއިންނާނެ އެއްވެސް ދިވެހި ލަވައެއް އެގޮތަށް ކިޔާފައެއް. އެކަމަކު އެއީ ކުރަން ވަރަށް ބޭނުންވެފައި ހުރި ކަމެއް. އެކްސްޕެކްޓެއް ނުކުރަން އަސްލު ނަހުލާ ގުޅާނެ ކަމަކަށް ވެސް. އެހެންވީމަ އިޓް ވޯޒް އަ ޕްލެސެންޓް ސަޕްރައިޒް ކުރުކޮށް ބުނަންޏާމު. އަޅުގަނޑަށް މިކަން ވެދާނެ ކަމަށް ނަހުލާ ގަބޫލުކުރީތީ ވަރަށް ބޮޑަށް އުފާވި."

"ނަހުލާގެ ބޭބީއެއް 4426 އަކީ. ވަރަށް ބޮޑު ޝަރަފެއް މި ފިލްމަށް ލަވައެއް ކިޔާލަން ލިބުމަކީ."

މޯލްޑިވިއަން އައިޑޮލްގައި ޝަމްރާހު ހުށަހަޅައިދިން ލަވަ، މޫނު ބުރުގާ އަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ލަވައެއް. ވަކިން ހާއްސަކޮށް ގިނަ ބަޔަކު ހައިރާންކޮށްލި ލަވައެއް. މިފަހަރު ކޮން ގޮތަކަށް ވިސްނީ މި ލަވަ އަށް މަސައްކަތްކުރިއިރު؟

"އަޅުގަނޑުގެ ސްޓައިލް ހުރިހާ ބޭފުޅުންނަކަށް ކަމުނުގޮސްދާނެ. އެކަމަކު ހަމަގައިމު ވެސް މި ލަވަ އާ އެއްޗަކަށް ވެގެންދާނެހެން ހީވަނީ. އަސްލު ބޭނުންވަނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ އެއް ފްލޭވާއަކަށް، އެއް ޓޯނަކަށް ނުގޮސް ކޮންމެވެސް ވަރަކަށް ވެރައިޓީތައް ގިނަވާން"

"އެންމެ ފުރަތަމަވެސް އޮޕެރާ، ކްލެސިކަލް ކަހަލަ އެއްޗިއްސަށް އިންޓްރެސްޓް ހުންނާތީ އެހެންވީމަ އެކަހަލަ ފީލްއެއް މިއީ. މޫނު ބުރުގާ ލަވައިގައި އަދި އެ ފެނިގެންދިޔައީ ވަރަށް ކުޑަ މިންވަރެއް. އެއަށް ވުރެ ބޮޑަށް މި ލަވައިން ފެނިގެންދާނެ އެބައި. އެކަމަކު ސީދާ މުޅިން އޮޕެރާއެއް ނޫން މިއީކީ އަދި"

"މިއީ އަމިއްލަ ރާގެއް. އަދި ފުރަތަމަ ފަހަރު އަމިއްލަ ރާގަކަށް ލަވައެއް ރިކޯޑްކުރި. އެގޮތުން ބަލާއިރު ވެސް ހާއްސަ ލަވައެއް މިއީ. ލަވައެއް ކިޔާއިރު ބޮޑަށް ޝައުގުވެރިވަނީ ވީހާ ވެސް އުނދަގޫވިވަރެއް. އިފް އިޓްސް މޯ ޗެލެންޖިން، ދެން އިޓް އިޒް މޯ އިންޓްރެސްޓިން. ގިނަ ފަހަރު ނަގަނީ ވެސް ވަގުތުން ކިޔާނުލެވޭ ކަހަލަ ލަވަތައް."

"ދެން މޫނު ބުރުގާއާ މި ލަވައާ ކޮމްޕެއާކުރަންޏާމު، މޫނު ބުރުގާ އަކީ ކުރިން ވެސް މަޝްހޫރު ލަވައެއް. އެހުންތެރިންގެ މަގްބޫލުކަން ވެސް ލިބިފައިވީ ލަވައެއް. އެހެންވީމަ އެއްގޮތަކުން މިއީ ރިސްކެއް. އެ ލަވަ ތަންކޮޅެއް ފަސޭހަވެސް ވާނެކަން ނޭނގެ ރީކްރިއޭޓްކުރަން. އެކަމަކު މުޅިން އާ އެއްޗެއް އުފައްދާ ނަމަ އެ އޮންނަ ރިސްކް ވެސް ބޮޑުވާނެ. ސީދާ އެ ލަވައާ މި ލަވަ ކޮމްޕެއާކުރަން އުނދަގޫ. އެކަމަކު ހީވަނީ މި ލަވަ ވެސް ކަމުދާނެހެން. ވަރަށް މަސައްކަތްކުރެވިފައިވާ ލަވައެއް މިއީ."

ޕްރޮފެޝަން އަށް ބަލާއިރު ޝަމްރާހަކީ ޑޮކްޓަރެއް. އަދި އެ ދާއިރާގައި އިތުރަށް ތަމްރީން ހެދުމަށް މިހާރު ވެސް ކިޔަވަމުން ދަނީ. އެހެންވީމަ ބައެއް މީހުން ހިތަށް އަރައިފާނެ ޑޮކްޓަރަކު މުޅިން އެހެން ދާއިރާއަކަށް މިހާބޮޑަށް ހިތްޖެހިގެން، އެހާ ބިޒީއިރު ވަގުތު ވެސް މިކަމަށް ހުސްކުރަނީ ކީއްވެގެންތޯ ބަލައިލަން. ކީކޭ ބުނެލާނީ؟

"އެންމެ ކުޑައިރުވެސް ދޭތި ވައްކެއް ނުކުރެވޭނެ ގައިމުވެސް. އެންމެ ކުރީގެ ހަނދާންތަކަށް ދާއިރު ވެސް ލަވަކިޔާހިތްވޭ. ދެން ފެށުނީ މެޑިކަލް. މެޑިކަލް ފޮތްތަކާ އެއްޗެހި އަބަދުވެސް ފެންނާތީ އެ އެއްޗެހި ކިޔަންފެށީމަ އެ ހިސާބުންކަން ނޭނގެ އެ އިންޓްރެސްޓް އައީ. ދެ ބައި އެއްކޮށް އިންނާނީ ކޮންމެ ގޮތެއްވިޔަސް. ވަތްކެއް ނުކުރެވޭނެ"

"ބައެއް ފަހަރަށް ވަރަށް ދެރަވާ ގޮތް ވެސް ދިމާވޭ. އެއީ ލަވަކިޔަން ވަރަށް ރަނގަޅު ފުރުސަތުތައް ލިބިފައި ހޮސްޕިޓަލް ވަގުތު ނުވެގެން ދޫކޮށްލަން ވެސް ޖެހޭ ވަރަށް ގިނައިން. މެޑިސިން މި އިންނަނީ ޕްރައިއޯރިޓީއަކަށް. އެކަމަކު (ދެ އިންޓްރެސް) ވެސް ބެލެންސްކުރެވޭތޯ ބަލަނީ."

ލަވަކިޔުމަށް މިހާ ބޮޑަށް ހިތްޖެހިފައިވާއިރު ނުވަތަ މިހާ ކުޅަދާނައިރު ކީއްވެގެންތަ ލަވަކިޔުމުގެ ޕްރޮފެޝަން ހިޔާރުނުކުރީ ނުވަތަ ލަވަ އާއި މެޑިސިން އިން ހިޔާރުކުރާ ނަމަ ކޯއްޗެއް ނަގާނީ؟

"ވަރަށް ގިނައިން އަމިއްލަ (ނަފުސާ) ވެސް ސުވާލުކޮށްލެވޭ ކަމެއް ތިއީ. އެކަމަކު މެޑިސިން ދޫކޮށްލައިފިއްޔާމު ވެސް އިންނާނެހެން ހީވަނީ ވަރަށް ބޮޑު ރިގްރެޓެއް. އެއީ މެޑިސިން ވެސް ހަމަ އެހާ ޕެޝަން. ދިވެހިން ބުނާހެން، އެ މާ ދޫކޮށްލެވޭކަށް ނެތް، މި މާ ނުބިނދެ ދޫކޮށްލެވޭކަށް ނެތް. އެކަހަލަ ގޮތެއް މި ދިމާވަނީ. އަޅުގަނޑު ފުރިހަމައެއް ނުވާނެ ދޭ ތިން އެކަތި ނުލައެއް. ހިތްހަމައެއް ވެސް ނުޖެހޭނެ. އެހެންވީމަ ޓްރައިކުރަނީ ވީހާ ވެސް ވަރަކަށް ބެލެންސްކުރުމަށް"

"ދޭތިން އެކަތި ނަގާ ނަމަ، ތިކަން ވާނީ މިކަހަލަ ސުވާލަކަށްކަން ނޭނގެ. ކޯއްޗެއް ހެއްޔޭ ބޭނުމީ. ހިތް ހޭ ނުވަތަ ފުއްޕާމޭހޭ؟ އެހެންވީމަ ވަރަށް އުނދަގޫވާނެ، ދޭތި ވެސް ވަރަށް މުހިންމު."

"ދެން އެންމެ ބޮޑަށް އިންޓްރެސްޓް ހުންނަނީ އާޓްގެ އެކި ފޯމްތަކަށް. ކްލިނަރީ އާޓްސް އާއި އިންޓީރިއާ ޑިޒައިނިން، އެކަހަލަ ކަންކަމަށް. މެޑިސިން އާއި މިއުޒިކް ނޫން ނަމަ ފަހަރެއްގައި އެކަހަލަ ދިމާލަކުން ވެސް ފެނިދާނެހެން ހީވަނީ."

ޝަމްރާހު މި ފެންނަނީ އާންމު ދިރިއުޅުމުގައި ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެއްގެ ގޮތުގައި. އެކަމަކު ލަވަކިޔަން ސްޓޭޖަށް އެރީމަ ދެން މި ފެންނަނީ ވަރަށް ތަފާތު ޝަމްރާހެއް. މި ބަދަލު އަންނަ ގޮތް ކިޔައިދީބަލަ؟

"އާންމުކޮށް މިހެން އުޅޭއިރު ތަންކޮޅެއް ބަންދުވެފައިކަން ނޭނގެ މި ހުންނަނީ. އެކަމަކު ސްޓޭޖަށް އެރީމަ ވަރަށް ފްރީކޮށް މި އުޅެވެނީ. އަދި މުޅިން އެހެން މީހަކަށް މި ބަދަލުވަނީ. އަދި އެހެން އެއްވެސް އެއްޗަކަށް ނުވިސްނައި ހަމައެކަނި ލަވައިގެ ލިރިކްސްގައި ބުނާ އެއްޗެއް އެވަގުތު ބޮލުގައި އެ އިންނަނީ. އެހެން މީހަކު ހީކޮށްފާނެ އެއްޗެއް، ކޮށްފާނެ ކޮމެންޓަކަށް ވެސް ސަމާލުކަމެއް ނުދެވޭ. އެހެންވީމަކަން ނޭނގެ ސްޓޭޖަށް އެރީމަ އެކަހަލަ ތަފާތެއް އަންނަހެން ހީވަނީ."

މެޑިސިންގެ ތެރެއިން ވެސް ޕްލާސްޓިކް ސާޖަރީ އަށް މިވަރަށް ހިތްޖެހުނު ނުވަތަ ޝައުގުވެރިވި ސަބަބަކީ ކޮބައިތަ؟

"ހީވަނީ އެއީ އާޓަށް ހުންނަ އިންޓްރެސްޓްހެން ބޮޑަށް އެ އަންނަނީ. ފުރަތަމަ އަސްލު ހިތަށް އެރި ކުޑަކުދިންގެ ޑޮކްޓަރަކަށްވާން ވެސް. އެކަމަކު ރަޝިއާ އަށް ގޮސްސަ އަދި ރަޝިއާ އަށް ނުގޮސް އައިޖީއެމްއެޗުގައި އުޅުނުއިރު ވެސް ފުދޭވަރަކަށް އުނދަގޫވޭ ބަލިކުދިންނާ ދިމާވީމަ. އައި އޭމް އަ ވެރީ ސެންޓިމެންޓަލް ޕާސަންއެއް. އެގޮތަށް ދެރަވާތީ އެހެންވީމަ ހެންޑްލްކުރެވޭނެހެނެއް ހީއެއް ނުވޭ. ދެން އެކޮޅަށްގޮސްސަ ވެސް އެކަހަލަ ކަމެއް ދިމާވީމަ ހިތަށް އެރީ އެހެން ދިމާލަކަށޭ ދާނީ. އެގޮތުން ބެލިއިރު އާޓަށާއި މެޑިސިން އެއްކޮށްލެވޭ އެއްޗަކަށް މި އޮންނަނީ ޕްލާސްޓިކް ސާޖަރީ. ޕްލަސް އެހާ އިންޓްރެސްޓިން ދާއިރާއެއް ވީމަ ހިތަށް އެއީ މިކަމޭ ކުރާނީ."

ޕްލާސްޓިކް ސާޖަރީ އަކީ ހީއެއް ނުވޭ ދިވެހިންގެ މެދުގައި އެހާ އާންމު ނުވަތަ ބަލައިގަނެވިފައި އޮތް ކަމެއްހެން. ގަބޫލުކުރެވޭނެ ދިވެހިންގެ މެދުގައި މަގްބޫލު އެއްޗަކަށް ޕްލާސްޓިކް ސާޖަރީ ހެދިދާނެ ކަމަށް. ޕްލާސްޓިކް ސާޖަރީއޭ ބުނީމަ އަބަދުވެސް ނެގެޓިވްކޮށްހެން ހީވަނީ ގިނަ ދިވެހިން ވިސްނަނީ. އެ ވިސްނުން ބަދަލުކުރެވިދާނެ ކަމަށް ގަބޫލުކުރެވޭތަ؟

"ހިތަށް އަރާ ކީއްވެގެންބާވައޭ ފޮލޯނުކުރަންވީ. އެއީ އާ ފޯނެއް ނެރެފިއްޔާމު އެވެސް އެބަ ފޮލޯކުރޭ. އާ ޓްރެންޑެއް ނުކުންނައިރަށް އެވެސް އެބަ ފޮލޯކުރޭ. ފަހުގެ އެއްޗިއްސަށް ލޯބިކުރާ ބައެއްކަން ނޭނގެ ދިވެހިންނަކީ. އެހެންވީމަ ޕްލާސްޓިކް ސާޖަރީ ކަހަލަ ކަމެއް ދިވެހިން ގަބޫލުނުކުރާން ޖެހޭ ސަބަބެއް އިން ހެނެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ދެން ކޮންމެވެސް ވަރަކަށް އެބައުޅޭކަން ނޭނގެ އެކްސްޓްރީމް ސައިޑެއް ވެސް. އެކަމަކު ހީވަނީ ޕްލާސްޓިކް ސާޖަރީ މިކޮޅަށް ގެނެވިއްޖެ ނަމަ މަޑުމަޑުން ނަމަވެސް އެބައި ފެތުރިގެންދާނެހެން."

"ނެގެޓިވްކޮށް މިއާ މެދު ވިސްނެނީ، އޭގައި އެ ދިމާވަނީ މިސްޕްރެކްޓިސްކަން ނޭނގެ އެ އުޅެނީ. ރަނގަޅަށް އެކްސްޕީރިއަންސް ނުލިބޭ ޕްލާސްޓިކް ސާޖަންސް އާއި އަދި ބައެއް ފަހަރަށް އަމިއްލަ އަށް ވެސް ބޮޓެކްސް އިންޖެކްޓްކޮށް އެބަ ހަދައެއް ނޫން މީހުން. ޕްލަސް ބްލެކް މާކެޓްގައި އެކަހަލަ ކަންތައް ތަންކޮޅެއް ޗީޕްކޮށް ނިންމާލުން ވެސް. އަދި އޭގެ އެކްސްޓްރީމް އަށް ދިޔައީމަ ވެސް އެފަދަ ގޮތެއް ދިމާވެދާނެ."

ބިއުޓީގެ ނަޒަރުން ބަލާއިރު ޕްލާސްޓިކް ސާޖަރީގެ ބޭނުމާއި މުހިންމުކަން ދިވެހިންނަށް ކިޔައިދޭ ނަމަ ކޮން ގޮތަކަށް ވިސްނައިދޭނީ؟

"ޖެނެރަލީ ބުނަންޏާމު ޕްލާސްޓިކް ސާޖަރީ މުހިންމުވާނެ ދެގޮތެއް މި އޮންނަނީ. އެއްގޮތަކީ އެކްސިޑެންޓެއް ނޫނީ ބާތު ޑިފެކްޓެއް އެކަހަލަ ކަމަކާ އެކު އުޅެން ޖެހޭ ބޭފުޅުން އެކަހަލަ ކަމެއް ރަނގަޅުކުރަން. އެ ކަންތައް ރަނގަޅުކުރެވެންޏާމު އެއީ އަސްލު ވަރަށް ބޮޑު ސައިކޮލޮޖިކަލް ރިލީފެއްކަން ނޭނގެ. ރާއްޖޭގައި ވަރަށް ގިނައިން ފެނޭ، ވަރަށް ފަސޭހައިން ރަނގަޅުކޮށްލެވިދާނެ މައްސަލަތަކާ އެކު ވެސް މުޅި ލައިފް ހޭދަކޮށްލާތަން. އެކަމަކު އެ ކަންތައް ރަނގަޅުކޮށްލެވިއްޖެ ނަމަ އެމީހުންނަށް ނަފުސާނީގޮތުން ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑުވާނެ"

"މީގެ އިތުރުން ބިއުޓީ ސައިޑަށް ބަލަންޏާމު އޭގައި ވެސް އިންނާނީ ސައިކޮލޮޖިކަލް ތަންކޮޅެއް. މިސާލަކަށް ނޭފަތް ހުންނަ ގޮތަކާ މެދު ހިތްހަމަނުޖެހެނީ ނުވަތަ ހަށިގަނޑު ކޮންމެވެސް އެހެން ތަނެއް ހުންނަގޮތަކާ މެދު ހިތްހަމަނުޖެހެނީ. އެ ހާލަތުގައި އެ ހިތްހަމަނުޖެހުން އެހެން މީހުންނަށް ވެސް ބާލަމުން ހިނގައިދާނެ. އެހެންވީމަ އެކަހަލަ ކަންތައްތައް ރަނގަޅުކޮށްލެވޭ ގޮތެއް އޮވެއްޖެ ނަމަ ހީވަނީ ދިވެހިން ވެސް ބޭނުންކުރާނެހެން. ދިވެހިންނަކީ ވެސް އެހެން ގައުމުތަކުގެ މީހުން ފަދައިން ރީއްޗަށް ލޯބިކުރާ ބޭފުޅުންތަކެއްހެން އަޅުގަނޑަށް ހީވަނީ"

"މިސާލަކަށް އަޅުގަނޑުގެ (ނިއްކުރީގައި ހުރި ލަކުނެއް) ވެސް މިހުރީ ކޮސްމެޓިކް ސާޖަރީ ހަދައިގެން ރަނގަޅުކޮށްފައި."

އެހެންވީމަ ބުނެވިދާނެތަ ޝަމްރާހަކީ ވަރަށް ބޮޑަށް ރީތިކަމަށް ބަލާ މީހެކޭ ނުވަތަ ވަކި ގޮތަކަށް ނުވަތަ ސްޓައިލްއެއްގައި ހުރުމަށް މަސައްކަތްކުރާ މީހެކޭ؟

"ގިނަ ބޭފުޅުންހެން ރީއްޗަށް ލޯބިކުރަން އަޅުގަނޑު ވެސް. އެކަމަކު ލިމިޓެއްގެ ތެރޭގައިކަން ނޭނގެ މި ގެންގުޅެވެނީ. މާ އެކްސްޓްރީމަކަށް ނުދަން. ޑީސެންޓްކޮށް ހުރެވޭތޯ ބަލަނީ. މެޑިކަލް ޕްރޮފެޝަންވީމަ ވެސް ޑީސެންޓްކޮށް މި ހުންނަން ޖެހެނީ ސީރިއަސްކޮށް ފެންނަން ބޭނުންވަނީ ކަމުގައި ވަނީ ނަމަ. އަނެއްކޮޅުން މިއުޒިކްގެ ތެރޭގައި އުޅޭ އާޓިސްޓަކަށްވީމަ ވެސް ވަކިގޮތަކަށް ހުންނަން މި ޖެހެނީ. އާދައިގެ ގޮތަކަށް އަބަދަކު ނުއެއް ހުރެވޭނެ"

"މުޅިން ފުލީ ކޮމްފަޓެބްލްއެއް ނޫން އަދިވެސް އިމާޖެކާ މެދުގައެއް. މަސައްކަތްކުރަން ވަގުތުވާ ވަރަކުން ރަނގަޅުކުރެވޭތޯ. އެއީ ހަމައެކަނި އިމޭޖު ރަނގަޅުކުރާކަށް ނޫން. ހެލްތު ވައިސްކޮށްވެސް. ވެއިޓް އިޝޫ ވެސް ވަރަށް ގިނަ ބޭފުޅުންނަށް ދިމާވާ ކަމެއްކަން ނޭނގެ. އަޅުގަނޑަށް ވެސް ދިމާވެފައި މި ހުންނަނީ އެ މައްސަލަ ވެސް. އެހެންވީމަ އެކަމަށް ވެސް މަސައްކަތްކުރެވޭ."

ޕްލާސްޓިކް ސާޖަރީ އާއި ދިވެހި ރާއްޖެ އެއްކޮށްލައިފި ނަމަ ފެންނަ މަންޒަރަކީ ނުވަތަ ފެންނަ ހުވަފެނަކީ ކޮބާ؟

"ރާއްޖޭގައި އަދި ނެތްހެން ހީވަނީ ޕްލާސްޓިކް ސާޖަރީ މިވަގުތަށް ބަލާއިރު. އެކަމަކު ވަރަށް ވިސްނަން، ރާއްޖެއަކީ ޓޫރިސްޓްތަނަކަށް ވެފައި ރާއްޖޭގައި ތައިލެންޑް ފަދައިން ޕްލާސްޓިކް ސާޖަރީ އާއ ޓޫރިޒަމް އެއްކޮށްލައިގެން ވަރަށް ބޮޑު މާކެޓެއް ހެދޭނެހެން ހީވަނީ. ކުރިއަށް އޮތްތަނުގައި އެކަހަލަ ހިޔާލުތައް ހޮސްޕިޓަލްތަކުގެ ވެރިންނަށް ދޭން ވެސް ހިތުގައި އޮވޭ. މިސާލަކަށް ރަޝިއާގައި ހުރިކަމުގައިވިޔަސް މިކޮޅަށް އައިއެސް ރާއްޖެ އަށް ކޮންޓްރިބިއުޓްކުރެވޭ ފަދަ ގޮތަކަށް މަސައްކަތްކުރަން ހިޔާލު ހުންނަނީ. ބޭރުން އެފަދަ ޑޮކްޓަރުން ގެނެސްގެން ވެސް ރާއްޖޭގައި ކުރަން ރަނގަޅު ކަމެއްހެން އަޅުގަނޑަށް ހީވަނީ. މުޅިން ރާއްޖެ ދޫކޮށްލާފައި ދާގޮތަކަށް ނޫން."

ރާއްޖޭގެ ސިއްހީ ނިޒާމަށް ބަލާއިރު މި ދާއިރާއިން ފާހަގަކޮށްލެވޭ މައްސަލަތަކެއް ހައިލައިޓްކޮށްލާ ނަމަ ކޮން މައްސަލަތަކެއް ނަގާނީ؟

"މިކޮޅުގަ އެންމެ ބޮޑު އިޝޫއަކީ ހީވަނީ މަޑުކުރަން ޖެހުންކަން ނޭނގެ. ބޭނުންވާ ވަރަށް ޑޮކްޓަރުން ނެތުމުގެ މައްސަލަ. މެއިން ހަބަކަށް މި އިންނަނީ މާލެ. ހުރިހާ ކޮޅަކުން، ބޭނުންވާ ޑޮކްޓަރަށް ދައްކަން އަންނައިރު ބޮޑު ކިޔޫއެއްގައި ތިބެން މި ޖެހެނީ. އެއީކަން ނޭނގެ އެންމެ ބޮޑު އިޝޫއަކީ. އަދި އިތުރު ބައިވަރު އެހެން އިޝޫތައް ވެސް އެބަހުރި."

"އެގޮތުން މި މައްސަލައެއް ދިމާވާތީ، ވަރަށް އާޖެންޓް މައްސަލަތަކަށް ވެސް އެބަހުރި ފަރުވާކުޑަކުރެވިފައި. އެހެންވީމަ އޭތި ޓެކްލްކުރަން ބަލާއިރު ސަރުކާރުގެ ފަޅިންކަން ނޭނގެ ގޮތެއް ހެދުނަސް ހެދޭނީ. އެއީ ގިނަ ސްޕެޝާލިޓީ ޑޮކްޓަރުންނާއެކު ގިނަ ފުރުސަތުތައް ހުޅުވައިގެން. ދެން އަނެއްކޮޅުން ޕްރައިވެޓް ކްލިނިކްތަކަށް ދާއިރު ފުދޭވަރަކަށް އަގުބޮޑުކޮށް މި އޮންނަނީ ވެސް. ފްރީ ހެލްތު ކެއާ ސިސްޓަމަކަށް ބަލާއިރު އާސަންދަވެސް މާ ލިމިޓްވެފައި ހުންނަނީ ވެސް އަޅުގަނޑަށް ހީވަނީ."

ވަރަށް ގިނަ ފަހަރަށް ރާއްޖޭގައި ފެންނަ މަންޒަރެއް އަދި ދިމާވާގޮތެއް އެއީ ދިވެހި ރަނގަޅު ޑޮކްޓަރުން ވެސް ރާއްޖޭގައި މަސައްކަތްކުރަން ބޭނުން ނުވުން. ކޮބައިހެން ހީވަނީ މީގެ ސަބަބަކީ؟

"ރާއްޖެ ދެކެ ލޯބިނުވާތީކީއެއް ނޫންހެން ހީވަނީ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން މިތަނުގައި މަސައްކަތްކުރާހިތްނުވަނީ. ވެދާނެ، ކޮންޑިޝަންތައް ހުރި ގޮތުން ކަމަށް ވެސް. ބޭރުގައި ތިބެގެން، ވަރަށް ބައިވަރު އަހަރުތަކެއް ހޭދަކޮށްގެން ވަރަށް ގިނަ ކަންތައްތަކެއް ދަސްކޮށްގެން އައިސް އޭގެ ވަރަށް ކުޑަ ޕަސެންޓެއް ބޭނުންކުރަންވެއްޖެއްޔާމު އަޅުގަނޑުވެސް ބޭނުމެއް ނުވާނެކަން ނޭނގެ (މިތަނުގައި) މަޑުކުރާކަށް. އެއީ ބޭނުންވާނެ ހުރިހާ އެއްޗެއް ނުގެއްލި އެ އެއްޗަށް ޓަޗްކުރަން. އެ އިޝޫ ވެސް ދިމާވޭ. ދެން އަނެއްކޮޅުން ޕްރޮވައިޑްކުރާ ކޮންޑިޝަންތައް ވެސް ރަނގަޅުވީމަހެން ހީވަނީ ބޭރަށް އެ ދަނީ. ރާއްޖެ ދެކެ ލޯބިނުވުމެއް ނޫން އެއީކީ. މިކަން ބަދަލުކުރެވޭނީ ސަރުކާރަށް ހެން ހީވަނީ."

ދެން ހިނގާ މޯލްޑިވިއަން އައިޑޮލްގެ ވާހަކައެއް ވެސް ދައްކާލަމާ. އަނެއްކާވެސް އާ ސީޒަނެއް އެނބުރި އަންނަނީ. ހީވޭތަ ޝަމްރާހުގެ އާދަޔާހިލާފު ޕާފޯމެންސެއް އަނެއްކާވެސް ފެނިގެން ހިނގައިދާނެހެން؟

"ޖަޖެއްގެ ގޮތުގައި ނުފެންނާނެ ހަމަގައިމުވެސް. އެކަމަކު ޓީވީ މޯލްޑިވްސް އިން ފުރުސަތެއް ލިބިއްޖެ ނަމަ ހީވޭ އަނެއްކާވެސް މޯލްޑިވިއަން އައިޑޮލް އިން ގެސްޓެއްގެ ގޮތުގައި ފެނިދާނެހެން. އެކަމަކު ޖަޖެއްގެ ގޮތުގައި ފެންނާނެއް ހެނެއް ހީއެއް ނުވޭ. އެއީ ވަގުތު ހުންނަގޮތުން އެހާވަރަށް ވަގުތު ދެވޭނެހެނެއް ހީއެއް ނުވޭ."

  • ފޮޓޯގްރެފީ އަދި ރީޓަޖިން: މިލްޒީރޯ ނިޝާން
  • މޭކަޕް އައި ސްޓައިލިން: ޖަސްޓިން
  • ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު / އަވަސް
  • ވޯޑްރޯބް: ޗެޕްސް