ބޭރު ކުޅިވަރު

ޓޮޓެންހަމް އިން އަހަރެން ގެންދަން މަސައްކަތްކުރި: މޮރީނިއޯ

އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި މިރޭ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ކުރިމަތިލާއިރު، ޗެލްސީގެ ކޯޗު ޖޯސޭ މޮރީނިއޯ 2007 ވަނަ އަހަރު ޓޮޓެންހަމް އަށް ގެންދަން އެ ކްލަބުން މަސައްކަތްކުރި ކަމަށް މޮރީނިއޯ ބުނެފި އެވެ.

ޗެލްސީއާ އެންމެ ފުރަތަމަ 2004 ވަނަ އަހަރު ހަވާލުވެ، 2007 ވަނަ އަހަރާ ހަމައަށް އެ ޓީމަށް ކޯޗުކޮށްދިން މޮރީނިއޯ އަށް ޓޮޓެންހަމް އިން ޝައުގުވެރިވި ނަމަވެސް، ޗެލްސީން ވަކިވިއިރު އިނގިރޭސި އެހެން ކްލަބަކަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކޯޗު ނުކޮށްދޭން ޗެލްސީއާއެކު މޮރީނިއޯ ވަނީ އެއްބަސްވެފަ އެވެ. ޓޮޓެންހަމް އިން ޗެލްސީއާ ވާހަކަ ދެއްކި ނަމަވެސް، ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކަށް ނާދެވުުނު ކަމަށް މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޓޮޓެންހަމް އަށް ކޯޗުކޮށްދިނުމުގެ ފުރުސަތު އޭރު ތަނަވަސްވި ނަމަވެސް އޭނާ އެ ޓީމާ ހަވާލު ނުވާނެ ކަމަށެވެ.

"އެއަށްވުރެ ޗެލްސީގެ ސަޕޯޓަރުންނަށް އޮތް ލޯބި ބޮޑު،" މޮރީނިއޯ ބުންޏެވެ.

ޗެލްސީ އަށް 2004 އިން 2007 އަށް ކޯޗުކޮށްދިންއިރު، މޮރީިނިއޯ ވަނީ ދެ ފަހަރު ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. މިރޭގެ ފައިނަލަަށް ނުކުންނައިރު މޮރީނިއޯގެ އުންމީދަކަށް ވާނީ ޗެލްސީގެ ކޯޗުކަމާ ދެވަަނަ ފަހަރަށް ހަވާލުވި ފަހުން އެ ޓީމާއެކު ފުރަތަމަ ތަށި ހޯދުމެވެ.

އެކަމަކު މިރޭގެ މެޗަށް ނުކުންނައިރު ޗެލްސީގެ ސާބިއާ މިޑްފީލްޑަރު ނެމަންޔާ މަޓިޗް ވަނީ ސަސްޕެންޑްވެފަ އެވެ.

ލަންޑަން އަށް ނިސްބަތްވާ ދެ ކްލަބު އެންމެ ފަހުން ކުރިމަތި މެޗުގައި ޗެލްސީ އަތުން ޓޮޓެންހަމް އަމިއްލަ ދަނޑުގައި މޮޅުވީ 5-3 އިންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު ފަށާނީ މިރޭ 2100ގަ އެވެ. -- ބީބީސީ