ހަބަރު

ނާޒިމްގެ މައްސަލަތައް ދައުލަތުން އިސްތިއުނާފްކުރީ ގާނޫނާއި ޚިލާފަށް: ވަކީލް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ ގާނޫނާއި ޚިލާފަށް ކަމަށް ނާޒިމްގެ ވަކީލް ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވުނު މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކުގައި ނާޒިމް ކުރީ ކުށެއް ކަމަށް ނުބެލެވޭ ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ. އެހެންވެ އެ މައްސަލަތައް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ އެކަމަށް އޮންނަ 90 ދުވަހުގެ މުއްދަތު ހަމަވި ފަހުންނެވެ.

އެ މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ނާޒިމްގެ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ އެގޮތަށް މުއްދަތު ހަމަވާ ފަހުން މައްސަލަ އިސްތިއުނާފް ކުރުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އަވަހަށް ދައުވާ އުފުލުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައި އޮންނައިރު އެ ހައްގު ހަނިވާ ގޮތަށް އަމަލު ކުރުމުގެ ބާރު ދައުލަތަށް ނޯންނާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދުގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ ނާޒިމްގެ މައްސަލަ ދައުލަތުން ހުށަހެޅީ އެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުއްދަ ދިނުމުން ކަމަށާއި އެހެންވެ އެ މައްސަލަ އިސްތިއުނާފްކޮށްފައިވަނީ ރަނގަޅަށް ކަމަށް ދެކޭ ކަމަށެވެ. އަދި ނާޒިމްގެ ފަރާތުން މިއަދު ފާހަގަކުރި ކަންތައްތަކާ ގުޅިގެން ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދިނުމަށް ދައުލަތުން އެދުނެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ އެ ފުރުސަތު ދައުލަތަށް ދިނުމަށް ފަހު އެވެ.

ކުރިން މަޖިލީހުގެ ނައިބު ރައީސް ކަން ވެސް ކުރެއްވި ނާޒިމަކީ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. ނަމަވެސް މިހާރަކަށް އައިސް ސަރުކާރާއި އަދި ޕީޕީއެމްގެ އެއްވެސް ހަރަކާތަކުން ނާޒިމް ނުފެނެ އެވެ.