ހަބަރު

ނައިފަރު މެންބަރު ރަށު ސްކޫލްގައި ސްމާޓް ކްލާސް ރޫމް ތަކެއް ހަދައިފި

ޅ. ނައިފަރު ދާއިރާގެ މަޖިލިސް މެންބަރުގެ ފައުންޑޭޝަން، އެފްއެޗް އިން "މަދަރުސަތުލް އިފްތިތާހު"ގައި 19 ސްމާޓް ކްލާސްރޫމެއް ގާއިމްކޮށްފި އެވެ. މަދަރުސަތުލް އިފްތިތާހުގެ ކްލާސްރޫމްތައް ޑިޖިޓަލް ކުރުމުގެ މި މަޝްރޫއަށް މުޅިއަކު 1.3 މިލިއަން ރުފިޔާ ހަރަދުވި އެވެ.

ސްމާޓް ކްލާސްރޫމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތެއް މިއަދު ވަނީ، އެ ސްކޫލްގައި ބާއްވައިފަ އެވެ. އެސްޓެކް މޯލްޑިވްސްއާ ހަވާލުކޮށްގެން ހެދި މި ކްލާސް ރޫމްތައް މިއަދު ހުޅުއްވައި ދެއްވީ، އެޑިޔުކޭޝަން މިނިސްޓަރު، އައިޝަތު ޝިހާމް އެވެ.

އެ ރަސްމިއްޔާތުގައި، އެފް އެޗް ފައުންޑޭޝަންގެ ރައީސް، ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަދަރުސަތުލް އިފްތިތާހުގައި 19 ސްމާޓް ކްލާސްރޫމް ގާއިމް ކުރުމަކީ އެފްއެޗްގެ ފަރާތުން އެސްކޫލަށް ދިން ރަނގަޅު ހަދިޔާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިކަމުގެ ސަބަބުން ސްކޫލްގެ ކިޔަވައި ދިނުމުގެ ފެންވަރު ރަނގަޅުވެ ދަރިވަރުންނާއި ޓީޗަރުންނަށް ފަސޭހަތަކެއް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ، ސްމާޓް ކްލާސްތަކުގައި ކިޔަވައި ދިނުމަށް އެ ސްކޫލުގެ ޓީޗަރުންވެސް އަހުލުވެރި ކުރުވައި ތަމްރީންކޮށްފައިވާ ކަމަށެވެ.

"މި ހިދުމަތާއެކު މި ކްލާސްރޫމްތަކުގައި ކިޔަވައިދެއްވާ މުދައްރިސުންގެ ފެންވަރު މަތިވެ ދަރިވަރުންގެ ތައުލީމުގެ ފެންވަރުވެސް މަތިވެގެންދާނެކަމަށް އުއްމީދު ކުރަން،" ޝިޔާމް ވިދާޅުވިއެވެ.

އެ ކްލާސްރޫމްތައް ގާއިމް ކުރުމަށް އެހީތެރިވެދިން ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ދެއްވައިފަ އެވެ.