ވިޔަފާރި

ޓުއާ ގައިޑުންނަކީ ސޭޓުން ތަ؟

ޓުއާ ގައިޑުންނަކީ ޒިޔާރަތްކުރާ މީހުންނަށް މައުލޫމާތު ދިނުމަށް ތިބޭ ބައެކެވެ. ބޭރުގެ މެހުމާނުން މާލެ އައުމާއެކު ފުރަތަމަ މަރުހަބާ ކިޔަނީ އެމީހުންނެވެ. އެ މީހުން ވާން ޖެހޭނީ ވަރަށް ޕްރޮފެޝަނަލް ބަޔަކަށެވެ. ނަމަވެސް ރާއްޖޭގައި މިކަން މުޅިން ތަފާތެވެ. ދިވެހި ގިނަ ގައިޑުން އުޅޭތަން ފެންނަނީ ޓޫރިސްޓުން ލައްވާ ވިޔަފާރި ކުރުވުމުަގަ އެވެ. އެ މީހުންނެކޭ ފިހާރަތަކުގެ ސޭޓުން ނެކޭ ވަކި ތަފާތެއް ނެތެވެ.

"ގިނަ ޓުއާ ގައިޑުންނަކީ ސުވެނިޔަ ފިހާރަތަކުގެ މުވައްޒަފުން. އެހެންވެ އެމީހުންގެ ހަމައެކަނި ވަޒީފާއަކީ މުދާ ވިއްކުން،" ޓުއާ ގައިޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝިހާމް ވިދާޅުވި އެވެ.

މާލެއަށް ޓޫރިސްޓުން އާއްމުކޮށް އަންނަނީ މާލެ ބަލާމުމަށެވެ. މާލޭގައި ހުރި އެކި އެކި އާސާރީތަންތަން ބަލައިލުމަށެވެ. މީގެ ތެރެއިން ވިޔަފާރިކުރަނީ މަދު ބައެކެވެ. ނަމަވެސް މާލެއަށް އަންނަ ގިނަ ޓޫރިސްޓުންނަށް ޓުއަގައިޑުން ގިނަ ފަހަރަށް މަޖުބޫރު ކުރުވާފައި އޮންނަނީ ހަދިޔާ ގަންނާށެވެ. މީގެ މައިގަނޑު ސަބަބަކަށް ވަނީ ޝިހާމް ވެސް އެ ވިދާޅުވި ގޮތަށް އެ މީހުންނަކީ ކޮންމެވެސް ސުވެނިއާ ފިހާރައަކުން ކަޓް ލިބޭ ބަޔަކަށް ވުމެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޓުއާ ގައިޑުންގެ އެއްވެސް ތަމްރީނެއް ލިބިފައި ނެތް މީހުންނެވެ. ސްކޫލް ނިންމާލާފައި ނޫނީ ކޮންމެވެސް އެހެން ވަޒީފާއެއްގައި އުޅުމަށް ފަހު ދެން ފެންނަނީ ކުއްލިއަކަށް ޓުއާގައިޑެއްގެ ހެދުމުގައި ހުއްޓަ އެވެ. މީގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް އޮތް ހުތުރުނަން ވަރަށް ވެސް ބޮޑެވެ.

ހޮޓެލް ސްކޫލާއި އަމިއްލަ ކޮލެޖުތަކުން ވެސް ޓުއާ ގައިޑް ކޯސްތައް ހެދެ އެވެ. މީގެ ކޯހެއްގެ ދިގު މިނަކީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހެވެ. މާލޭގައި ޓޫރިސްޓުންނަށް ގައިޑް ކޮށްދިނުމަށް 300 އެއްހާ މީހުން ހަރަކާތްތެރިވެ އެވެ. ނަމަވެސް މީގެ ތެރޭގައި ފާސް އޮންނަނީ މަދު ބައެއްގެ އަތުގަ އެވެ. މިގޮތަށް މަސައްކަތް ކުރާ ޓުއާ ގައިޑުންގެ ތެރޭގައި ބައެއް ކުށްތަކަށް އަރައިގަންނަން ކުދިން ވެސް ހިމެނޭ ކަމަށް އެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. މީގެ ސަބަބުން ރާއްޖޭގެ ވެރިރަށް މާލޭގެ ހަގީގަތް ބަލައިލުމަށް އަންނަ އެތައް ޓޫރިސްޓުންނަށް އެކަން ވިސްނިފައި އޮންނަނީ ބިރެއްގެ ގޮތުގަ އެވެ. ޓުއާ ގައިޑް އެސޯސިއޭޝަންގެ ރައީސް ޝިޔާމް ވިދާޅުވި ގޮތުގައި މާލެއަށް އަރާ ބައެއް ޓޫރިސްޓުންގެ އަތުން ފައިސާ އަތުލުން ފަދަ ކަންތައްތައް ވެސް ބައެއް މީހުން ކުރާ ކަމަށެވެ.

"ބައެއް ފަހަރު އެބަހުރި ޓޫރިސްޓުންގެ އަތުން ޑޮލަރު އަތުލާފަ މާރުކޮށްގެން އަންނާނަމޭ ކިޔާފަ ފިލާފައި ވެސް. ވަރަށް ފަހުން މާލެއަށް އައި ޓޫރިސްޓު ދެމަފިރިއަކަށް މިގޮތަށް އުޅުނު ގައިޑަކު ޑްރަގް ވެސް ދީފައި ފައިސާ އަތުލި. މިއީ ވަރަށް ހިތާމަވެރި ކަންތައްތައް،" ޝިޔާމް ވިދާޅުވިއެވެ. އޭނަ ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތައް ގިނައިން ޖެހެނީ ގައިޑް ފާސް ނެތް މީހުން މި ދާއިރާގައި އުޅުމުގެ ފުރުސަތު ލިބޭތީ ކަމަށެވެ.

"ގިނަ މީހުންނަކީ ފިހާރަތަކުގެ ކުދިން. މާލެއަށް ގެސްޓުން އަންނައިރު މި އޮންނަނީ އޮޕަރޭޓަރުންނާ ފިހާރަތަކާ ޑީލް ހަދާފަ. އެހެންވެ އެ ކުދިން ފުރަތަމަ ވެސް ގެސްޓުން ގޮވައިގެން މި ދަނީ ފިހާރައަށް،" ޝިޔާމް ވިދާޅުވި އެވެ.

އޭނަ އަދި ވިދާޅުވި ގޮތުގައި ފިހާރަތަކުގެ މިގޮތަށް މަސައްކަތް ކުރާ ޓުއާ ގައިޑުންނާ އެ ފިހާރަތަކާ ދެމެދު ވަޒީފާގެ އެއްވެސް ކަހަލަ އެއްބަސްވުމެއް ނޯވެ އެވެ. އޭގެ ސަބަބުން ޓޫރިސްޓަކަށް ލިބޭ ގެއްލުމަކުން ޒިންމާ ނަގާނެ ފަރާތެއް ވެސް ނުހުރެ އެވެ.

"މީގެ އެންމެ ބޮޑު ނުރައްކަލަނީ މިގޮތަށް އުޅޭ ގައިޑުންނަށް ޒިންމާވާނެ ބަޔަކު ނެތުން. މީގެ ސަބަބުން މައްސަލައެއް ޖެހުނަސް ޒިންމާވާނެ ބަޔަކު ވެސް ނުތިބެ،" ޝިޔާމް ވިދާޅުވި އެވެ.

ޓުއާ ގައިޑުންގެ ވަޒީފާއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ކަމެކެވެ. ޓޫރިސްޓު ސީޒަނެއްގައިނަމަ ގައިޑަކަށް މަހަކު 10000ރ. އާއި 15000ރ. ގެ އާމްދަނީއެއް އެފަދަ ފަރާތްތަކުން ހޯދަ އެވެ.

"މިހާރު ގިނަ މީހުން ތިބެނީ ސުވެނިޔަ ފިހާރަތަކުގެ ދަށުވެފަ. އެ މީހުންގެ ފިހާރަތަކަށް ގެސްޓުން ނުގެންދާނަމަ މުސާރައެއް ނުދޭ. މި މައްސަލަ ޖެހިގެން ގިނަ ބަޔަކު ވަޒީފާއިން ވެސް ކެނޑިއްޖެ،" ޝިޔާމް ވިދާޅުވި އެވެ.

ޓުއާ ގައިޑުންގެ ވަޒީފާއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ކަމެކެވެ. ޕްރޮފެޝަނަލް ވަޒީފާ އެކެވެ. ނަމަވެސް ޓުއާ ގައިޑުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވެސް ބަދަލުވާން ޖެހެ އެވެ. ސޭޓުންގެ ގޮތުގައި ތިބި ގައިޑުންގެ މަސައްކަތް ވެސް ހުއްޓުވަން ޖެހެ އެވެ. އޭރުން އެއީ ގަދަރުވެރި މަސައްކަތެއްގެ ގޮތުގައި ހެދިދާނެ އެވެ.