ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ދެވަނަ އަޑުއެހުން މާދަމާ ހަވީރު ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިދިޔަ ހަފުތާގައި ވެސް ވަނީ ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި ނާޒިމަށް ވަނީ ވަކީލަކު އައްޔަން ކުރުމަށާއި ދައުވާއަށް ޖަވާބުދާރީވާން ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ނާޒިމްގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން މާދަމާ ހަވީރު ބާއްވަން ތާވަލް ކުރިކަން ނާޒިމްގެ ވަކީލުން ކުރެއްވި ޓްވީޓެއްގައިވަނީ ކަށަވަރުކޮށް ދީފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ނާޒިމް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލައިގައި ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދުގެ މައްޗަށް ވެސް ދައުވާކުރަން ކޯޓަށް ފޮނުވި ނަމަވެސް ފަހުން ދައުލަތުން ވަނީ އެ ދައުވާ އަނބުރާ ގެނެސްފަ އެވެ.