ބަދަލު ކުރުމުން އައިރުޅީގައި ކޯޗާ ސަލާމް ކުރަން ދެކޮޅު ހެދުމުން އިޓަލީގެ ގައުމީ ޓީމުން ފޯވަޑް ގްރެޒިއާނޯ ޕެއްލޭ ވަކިކޮށްފި އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުން މި ގޮތަށް ނިންމީ އިއްޔެރޭ ސްޕޭނާއި އިޓަލީ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެ 1-1އިން އެއްވަރުވި މެޗަށް ފަހު އެވެ.
އިޓަލީގެ ކޯޗު ގިއާމްޕްއެރޯ ވެންޓޫރާ، ޕެއްލޭ ބަދަލުކުރީ 1-0އިން އިޓަލީ ބަލިވެފައި އޮއްވަ އެވެ. އޭނާ ބަދަލު ކުރުމުން ކޯޗާ ސަލާމްނުކޮށް ފަސްދީފައި އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އަތްއުކައިފަ އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ކުޅުންތެރިން ގައުމީ ޓީމުގެ އަގު ހިފަހައްޓަންޖެހޭނެ ކަމަށާއި ކުޅުންތެރިންގެ އަމަލުކުރަންޖެހޭ އަހުލާގީ މިންގަނޑުތަކަށް ތަބާވާންޖެހޭނެ ކަމަށެވެ. އަދި ޕެއްލޭގެ ފަރާތުން ފެނުނީ ގަބޫލުކުރެވޭނެ މަންޒަރެއްނޫން ކަމަށާއި ހޮނިހިރު ދުވަހު މެސެޑޯނިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ސްކޮޑުގައި ނުހިމަނާނެ ކަމަށެވެ.
މެޗަށް ފަހު ކޯޗު ބުނީ ޗައިނާ ލީގުގައި ކުޅޭ ޕެއްލޭ އޭނާ ދެކެ ރުޅިއައިސްފައި ހުރިކަމަށް ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް ފަހަރުގައި މެޗުގައި ދެއްކުނު ކުޅުމާމެދު ރުޅިއަތުވެދާނެ ކަމަށެވެ.
"އަހަރެންގެ ކެރިއަރުގައި މިފަދަ ވަރަށް ގިނަ ކަންތައްތަދެކެފިން. ފުޓްބޯޅައިގައި މިފަދަ ކަންތައްތައް ދިމާވާނެ. އެކަމަކު އިޓަލީގެ ޖާޒީ ލައިގެން ހުންނައިރު މިފަދަ ކަންކަމަށް ފަރުވާތެރިވާންޖެހޭނެ،" ކޯޗު ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އިޓަލީ މިވަގުތު އޮތީ ގްރޫޕުގެ ތިން ވަނާގަ އެވެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން ސްޕޭނަށް ދެ ވަނަ ލިބޭތީ އެވެ.