ހަބަރު

ކައުންސިލް ބޭއްވޭނީ ދައުވާ ކުރި މެންބަރުން މާފަށް އެދުމުން: މައުމޫން

Oct 8, 2016
5
  • މައުމޫން ވިދާޅުވަނީ އެ ބޭފުޅުން ބަޣާވާތް ކުރިކަމަށް
  • އެފަދަ ކަމެއް ނުކުރަން މެންބަރުން ވައުދުވާން ޖެހޭ
  • މަޝްވަރާގެ މަންދޫބުން ކައުންސިލުން ނިންމަން ޖެހޭ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމް ހައިޖެކް ކުރުއްވައިގެން އުޅުއްވާ ކަމަށް ވިދާޅުވެ މައުމޫންގެ މައްޗަށް ސިވިލް ކޯޓްގައި ދައުވާ އުފުލި ކައުންސިލްގެ މެންބަރުން މާފަށް ނޭދޭހާ ހިދަކު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ނުބާއްވާނެ ކަމަށް މައުމޫން އަންގަވައިފި އެވެ.

މަޝްވަރާތަކުގައި ސަރުކާރާ އެކު ބައިވެރިވާނެ މަންދޫބުން ޕާޓީގެ ކައުންސިލުން ނިންމުމަށް ރައީސް އޮފީހުން އެދުނު ނަމަވެސް މައުމޫން ވަނީ، އެ މަނިކުފާނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވި މެންބަރުން ތިއްބަވަނިސް ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް އަންގަވައިފަ އެވެ.

މައުމޫން ނިންމަވާފައި ވަނީ އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން އާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު މަޝްވަރާތަކަށް ހަމަޖެއްސުމަށެވެ. އެހެން ނަމަވެސް ރައީސް އޮފީހުން ވަނީ އެބޭފުޅުންގެ ނަން ޕާޓީގެ ކައުންސިލުން ފާސްނުކުރާތީ ގަބޫލު ކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

ޕީޕީއެމްގެ ކައުންސިލްގެ ވައިބަ ގްރޫޕަށް މައުމޫން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ 19 ޖުލައިގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި، ޕާޓިގެ ރައީސްއާ ދެކޮޅަށް، "ބަޣާވާތް" ކުރައްވައި ކައުންސިލްގެ ބައްދަލުވުގެ ކޯރަމް ގެއްލުވާލުމަށް ފަހު، އެ ޖަލްސާއިން ނިކުންނަވައި އެމަނިކުފާނުގެ އަގު ވެއްޓޭ ގޮތަށް މީޑިއާގައި ވާހަކަ ދައްކަވައި އެމަނިކުފާނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވި ކައުންސިލްގެ މެންބަރުން މާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެބޭފުޅުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު އަމަލެއް ނުކުރައްވާނެ ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ވައުދުވުމުން ނޫނީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ވެސް މައުމޫންގެ މެސެޖްގައި ވަނީ ވިދާޅުވެފަ އެވެ.

އެ މެސެޖް މައުމޫން ފޮނުއްވަން ޖެހުނީ ޕާޓީގެ ޑެޕިއުޓީ އެސްޖީ އަލީ އަމީން ވިދާޅުވި ގޮތުގައި ކައުންސިލް ބައްދަލުވުމެއް ބާއްވައި ދިނުމަށް ޕާޓީގެ އެކި ފަރާތްތަކުން މައުމޫންގެ ކިބައިން އެދިފައިވާތީ ކަމަށެވެ.

"... ޕާޓީގެ ރައީސް ގޮވައިގެން ޝަރީއަތަށް، ވަޑައިގެންނެވި މެންބަރުން އެ ކަންކަމަށް މާފަށް އެދިވަޑައިގަތް ޕާޓީގެ އަސާސީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ވައުދުވެ ވަޑައިގެންނެވުމުން ނޫނީ، ކައުންސިލްގެ ޖަލްސާއެއް ނުބޭއްވޭނެ ކަމުގައި ދަންނަވަން،" މައުމޫން ޕާޓީ ކައުންސިލްގެ ވައިބާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައިވެ އެވެ.

ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ކޯޓުން އަމުރުކޮށް ދިނުމަށް މައުމޫންއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު އެވެ. އެ އަމުރު މައުމޫންގެ މައްޗަށް ވަނީ ނެރެފަ އެވެ.

އެބޭފުޅުންނާ އެކު ޕީޕީއެމް ކައުންސިލްގެ ގިނަ މެންބަރުން އެރޭގެ ބައްދަލުވުމުން ނިކުންނެވީ، ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީ އިން ވަކިކޮށްފައިވާ ދެ މެންބަރުން ކަމަށްވާ ފާރިޝް އާއި ނާދިރާ ބައްދަލުވުމުގައި ބައިވެރިވާތީ އެކަމާ މެދު ސުވާލުތަކެއް ކުރިމަތި ކުރެއްވުމަށް ފަހު އެވެ. އަދި އެބޭފުޅުން ވިދާޅުވީ އެބޭފުޅުން ތިއްބަވައިގެން ބާއްވާ ކައުންސިލް ބައްދަލުވުން ގަވާއިދާ ހިލާފު ކަމަށެވެ.