ހަބަރު

ފްލޮރިޑާގައި އުޅޭ ދިވެހިން ތޫފާނުން ސަލާމަތްވުމަށް އެހެން ސަރަހައްދުތަކަށް

ބާރުގަދަ "ހަރިކޭން މެތިއޫ" ތޫފާން އަރާތީ، އެމެރިކާގެ ފްލޮރިޑާގައި ތިބި ހަތަރު ދިވެހިން ރައްކާތެރި ސަރަހައްދުތަކަށް މިހާރު ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ފްލޮރިޑާގައި ތިބި ހަތަރު ދިވެހިންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށާއި އަދި އެ މީހުން މިހާރު ވަނީ އަމިއްލައަށް ރައްކާތެރި ސަރަހައްދުތަކަށް ގޮސްފައި ކަމަށެވެ. އަދި އެ މީހުން ތިބީ ރައްކާތެރި ހިސާބެއްގައި ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ހަރިކޭން މެތިއު ތޫފާން ފްލޮރިޑާއަށް އަރައި އެތައް ގެއްލުންތަކެއް ލިބެމުން އަންނަ އިރު، ފްލޮރިޑާގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ. އަދި ފްލޮރިޑާގެ އިތުރުން އިތުރުން ޖޯޖިއާ އަދި ސައުތް ކެރޮލައިންއިން ވަނީ ކަރަންޓުގެ ހިދުމަތްވެސް ކެނޑިފަ އެވެ. އެ ތޫފާނުގެ ސަބަބުން ހައިޓީގައި ފެންބޮޑުވެ، 800 މީހުން މަރުވެ އެތަށް ބަޔަކު ހާލުގައި ޖެހިފައިވެ އެވެ. މީގެ އިތުރުން ބަހާމާސްއިން ވެސް މީހުން މަރުވި އަދަދު ވަނީ މިހާރު 27 އަށް އަރާފަ އެވެ.