ޑރ. އަބްދުﷲ ޚަލީލް

ހޮސްޕިޓަލްތައް ދެން އަޅާނީ ތަމްރީން ވަސީލަތްތަކާ އެކު: ހަލީލް

ހޮސްޕިޓަލްތައް އިމާރާތް ކުރާއިރު ދެން އެކަން ކުރާނީ ކޮންމެ ތަނަކުވެސް މުވައްޒަފުން ތަމްރީން ކުރެވޭ ގޮތަށް އެފަދަ ވަސީލަތްތައް ގާއިމުކޮށްގެން ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ރޭ ބޭއްވި ހަފްލާގައި މިނިސްޓަރު ހަލީލް ވިދާޅުވީ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިން ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުންނަކީ އަބަދުވެސް އާ ކަންކަން ބަލައި ދިރާސާކޮށް އަދި ދަސްކުރަންޖެހޭ މީހުން ކަމަށެވެ.

"ސިއްހީ ދާއިރާ އަކީ އަބަދުވެސް ތަމްރީންތައް ބޭނުންވާނެ ދާއިރާއެއް. އެހެންވެ އެކަމަށް އިސްކަންދީގެން ހޮސްޕިޓަލްތައް ތަރައްޤީކުރާނީ ޓްރެއިނިން ފެސިލިޓީޒްތަކާއެކު،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ހަލީލް ވިދާޅުވީ އޭއީއެޗްގައި އަލަށް ހަދާ އިމާރާތާ އެކު އެތަނުގައިވެސް ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ނަރުހުންގެ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު ހަލީލް ވިދާޅުވީ ނަރުހުންނަކީ ވަރަށް ގިނަ ގޮތްގޮތުން ކުރިއަށް ދެވޭނެ އަދި މުޖުތަމައަށް މުހިއްމު ހިދުމަތްތަކެއް ދެވޭނެ ބައެއް ކަމަށެވެ. އެހެންވެ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އާއި ގުޅިގެން އެކަމާ ގުޅޭ ކޯސްތައް ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު ނާސިންގެ ކޯސްތައް ހިންގަނީ ހަމައެކަނި އެމްއެންޔޫ ގައެވެ.