ހަބަރު

ޝައްކުވާ ފައިސާގެ ބޮޑު މުއާމަލާތަކަށް ރާއްޖޭގައި ހުރި ބޭންކަކުން ދެކޮހަދައިފި

Oct 8, 2016
4

ގަޔާނާގެ އިންވެސްޓަރެއްގެ 10 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްދިނުމަށް ރާއްޖޭގައި ހުރި ބޭންކަކުން ދެކޮޅުު ހަދައިފި ކަމަށް އެ ގައުމުގެ އޮންލައިން ނޫހަކުން ބުނެފި އެވެ.

އެޓްލާންޓިކް ކަނޑުގައި އޮންނަ ދެކުނު އެމެރިކާއަށް ނިސްބަތްވާ ގަޔާނާގެ އޮންލައިން ނޫހެއް ކަމަށްވާ "ގަޔާނާ ގާޑިއަން" ގައި ބުނެފައިވަނީ ރާއްޖޭގައި ޓްއަރިޒަމް ސިނާއަތަށް އިންވެސްޓް ކުރަމުން އަންނަ ގަޔާނާގެ ރައްޔިތެއްގެ 10 މިލިއަން ޑޮލަރު ބޭންކަށް ޖަމާ ކުރަން ދެކޮޅު ހަދާފައިވާ ވަނީ އެ ފައިސާއަކީ މަނީ ލޯންޑަރިންގެ ތެރޭގައި ހިމެނޭ ފައިސާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އަދި އެމީހާއަކީ ގަޔާނާގެ ސިޔާސީ ފަރާތްތަކާ ގުޅުން އޮންނަ މީހެއްކަމަށް އެ ނޫހުން ތުހުމަތު ކުރަމުން ބުނެފައި ވަނީ، އެ ފައިސާ ޖަމާކޮށްދޭން ރާއްޖޭގައި ހުންނަ އޭޝިޔާއަށް ނިސްބަތްވާ ބޭންކަކުން ދެކޮޅު ހެދީ، އެ ފައިސާ އޭނާއަށް ލިބުނު ގޮތެއް ބުނެދޭން އެކަށީގެންވާ ހެކި އެ ބޭންކަށް ހުށަހަޅާފައި ނުވާތީ އެވެ.

އޭޝިޔާއަށް ނިސްބަތްވާ ބޭންކަކަށް ރާއްޖޭގައި ހުންނަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި ބޭންކް އޮފް ސިލޯން އާއި ހަބީބް ބޭންކް އެވެ.

އެ ނޫހުގައި އަދި ބުނީ، ހަމަ އެ ބޭންކުން މީގެ ކުރިން އެފަދަ ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްދީފައިވާ ކަަމަށާއި އެހެން ނަމަވެސް މިފަހަރު އެކަމަށް ދެކޮޅު ހެދީ އެމެރިކާގެ ކަމާ ގުޅޭ ފަރާތްތަކުން އެ ބޭންކަށް ފާރަލަމުން އަންނާތީ ކަމަށެވެ. ނަން ހާމަ ކުރަން ނޭދޭ އިތުބާރު ހުރި ފަރާތަކުން ބައިނަލްއަގްވާމީ ނިއުސް އޮގަނައިޒޭޝަނަކަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެ ގަޔާނާ ގާޑިއަން އިން ބުނެފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އަށް ނިސްބަތްވާ ބޭންކަަށް ނިމިދިޔަ ދެ މަހުގައިވެސް، ހަމަ އެ އިންވެސްޓަރު ވަނީ ފައިސާ ފޮނުވަން މަސައްކަތް ކޮށްފަ އެވެ.

މީގެ އިތުރަށް ރާއްޖެއަށް ގިނަ އަދަދެއްގެ ޑޮލަރު ގެންނަން މަސައްކަތް ކުރި ކަމަށް އަލްޖަޒީރާއިން ތުހުމަތު ކުރި، މެލޭޝިޔާ އަދި އިންޑޮނޭޝިޔާގެ ފަރާތްތަކާ ވެސް އެ މީހާޔާ ގުޅުންތަކެއް އޮންނަ ކަމަށް ވެސް އިތުބާރު ހުރި ފަރާތްތަކުން ކަށަވަރުކޮށް ދިން ކަމަށް ވެސް އެ ނޫހުގައިވެ އެވެ. މީގެ އިތުރަށް އެ މީހާ ރާއްޖޭގެ ސަރުކާރުގެ އެކި ފަރާތްތަކާ ގުޅުން އޮންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ނޫހުން އަދި ބުނެފައިވަނީ ގަޔާނާގެ މީހުންނަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަޒަންވެރިވެ އިންވެސްޓް ކުރާ ބަޔަކަށް ނުވި ނަމަވެސް މިފަހަކަށް އައިސް އެ ގައުމުގެ ބައެއް މީހުން އިންޑިއާގެ ރަށްވެހިންނަށްވެ، ރާއްޖޭގައި އިންވެސްޓް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ގައުމުގެ ހަ މީހަކު މިފަހުން އިންޑިއާގެ ރައްޔިތުންނަށްވެ، ރާއްޖޭގައި އިންވެސްޓް ކުރާ ކަމަށް އެ ނޫހުން ބުނެ އެވެ. އަދި އެ މީހުން އެގޮތަށް އިންވެސްޓް ކުރަނީ، ކޮންމެ ގައުމެއްގެ މީހަކަށް ވެސް، ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ރާއްޖޭގެ ގާނޫނުތަކުން އޮންނާތީކަން އެ ނޫހުހައި ވަނީ ފާހަގަކޮށްފަ އެވެ.