ހަބަރު

ވެސްޓާން ޔޫނިއަން އިން ފޭރިގެތް މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މިދިޔަ އާދީއްތަ ދުވަހުގެ ރޭ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓާން ޔޫނިއަން ތެރެއަށް ވަދެ އެތަނުގެ މުވައްޒަފުން ބަނުމަށްފަހު ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނި ނަމަވެސް އެމީހާ ހައްޔަރުކުރި ދުވަހެއް ފުލުހުން ނުބުނެ އެވެ.

ވެސްޓާން ޔޫނިއަން އިން ފައިސާ ފޭރިގަތް މައްސަލާގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ސްވޮޓް ޓީމުން ވަނީ ހ. ފޯ ވިންޑްސްގައި ހަދަމުން އަންނަ 10 ބުރީގެ އިމާރާތެއް ބަލައި ފާސްކޮށްފަ އެވެ. އަދި އެ ދުވަހު އެތަނުން ދެ މީހަކު ހައްޔަރުކޮށްފައި ވެސް ވެއެވެ. ނަމަވެސް އެ ދެ މީހުން ހައްޔަރުކުރީ ވެސްޓާން ޔޫނިއަން ފޭރުނު މައްސަލައިގައި ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވެސްޓާން ޔޫނިއަން އިން ފޭރުން ފައިސާގެ ތެރެއިން 1.2 މިލިއަން ރުފިޔާ އާއި 321،603 އެމެރިކާ ޑޮލަރު ވަނީ ހޯދާފަ އެވެ. ނަމަވެސް ގެއްލުނު ޖުމުލަ އަދަދު އަދިވެސް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.