ހަބަރު

ރިޕަބްލިކަން ޕާޓީގެ އިސް ފަރާތެއްގެ އެހީ އެމްޑީޕީ އިން ހޯދި: ވިކިލީކްސް

އިދިކޮޅު އެމްޑީޕީ ގެ އެކިއެކި ސިޔާސަތުތަކަށް އެމެރިކާގެ ސިޔާސީ ފަރާތްތައް ރުއްސުމަށް އެ ގައުމުގެ ރިޕަބްލިކަން ޕާޓީގެ އިސް ޕޮލިޓިކަލް ސްޓްރެޓެޖިސްޓް، ޗާލީ ބްލެކްގެ އެހީތެރިކަން ހޯދާފައިވާ ކަމަށް ވިކިލީކްސް އިން ފަޅާއަރުވާލި މައުލޫމާތުތަކަކުން ހާމަވެއްޖެ އެވެ.

ބްލެކް އަކީ ޕަބްލިކް އެފެއާޒްގެ ދާއިރާގައި އެމެރިކާގައި މަޝްހޫރު ނަމަކަށް ވާއިރު، އޭނާ އަކީ ޖޯޖް ޑަބްލިއުބުޝް އާއި ރޮނަލްޑް ރޭގަންގެ ރައީސް ކަމުގައި އެ ދެބޭފުޅުންގެ ސީނިއާ އެޑްވައިޒަރުގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

އެމެރިކާގެ 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި، ރިޕަބްލިކަން ސެނަޓާ ޖޯން މެކެއިންގެ ކެމްޕޭނާ ގުޅޭ ބައެއް ލިޔުންތައް ވިކިލީކްސް އިން ލީކްކޮށްލާފައިވާ އިރު، ޖޯން މެކެއިންގެ ސީނިއާ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ހައިސިއްޔަތުން ބްލެކް ފުރާފައިވާ ބައެއް ފޯމުތަކުގައި ލޮބީސްޓެއްގެ ހައިސއްޔަތުން އޭނާ މަސައްކަތް ކޮށްދެމުން އަންނަ ބައެއް ސަރުކާރުތަކާއި ސިޔާސީ ފަރާތްތަކާއި ކުންފުނިތަކުގެ ލިސްޓްގައި މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ނަން ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ ނައިޖީރިއާ، އިރާގު އިކުއެޑޯ، ޔޫކްރެއިން، ރަޝިޔާ، އިސްރާއީލު، ކެންޔާ، ޗައިނާ، އިޓަލީ އަދި ޓައިވާންގެ ބައެއް ސިޔާސީ ފަރާތްތައް އަދި ކުންފުނިތަކަށް ލޮބީސްޓެއްގެ ގޮތުން މަސައްކަތް ކޮށްދީފަ އެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ފަރާތުން އެމެރިކާގެ އެކި ފަރާތްތަކަށް ލޮބީ ކޮށްފައިވަނީ ކޮންކޮން ކަންތައްތަކެއްގައި ކަމެއް ހާމަވާ ވަރަށް އެ ޑޮކިއުމަންޓްތަކުގައި މައުލޫމާތުތަކެއް ނެތެވެ. އަދި އެކަމަށް އޭނާއަށް ދީފައިވާ ފައިސާގެ އަދަދެއް ވެސް އެނގޭކަށް ނެތެވެ.

ބްލެކް ވަނީ ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ސެނެޓަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކަމުގައި ރިޔާސީ ރޭހަށް ނިކުންނަ އެކި ބޭފުޅުންގެ ކެމްޕޭންތަކުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ.

ޗާލީ ބްލެކްގެ އެހީތެރިކަން އެމްޑީޕީ އިން ހޯދި މައްސަލައިގައި އެ ޕާޓީގެ އިސް ފަރާތެއްގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ. އެމްޑީޕީއަކީ ބޭރުގެ އެކި އެކި ސިޔާސީ ފަރާތްތަކާ ގާތްގުޅުންތަކެއް ބާއްވަމުން އަންނަ ޕާޓީ އެކެވެ. އެގޮތުން އިނގިރޭސި ކޮންޒަވޭޓިވް ޕާޓީ އާއި އެމްޑީޕީއާ ގާތްގުޅުންތަކެއް އޮވެ އެވެ.