ހޮލީވުޑް

"ހައުސް އޮފް ކާޑްސް" އަށް ވުރެ މޮޅު ވާނެ ކަމަށް ބުނާ ނެޓްފްލިކްސްގެ އާ ޑްރާމާ

އެ ޑްރާމާ އަކީ މި މާޗް މަހުގެ 20 ވަނަ ދުވަހު ޕްރިމިއާކުރުމަށް ނެޓްފްލިކްސް އިން ތައްޔާރުވަމުން އަންނަ "ބްލަޑްލައިން" އެވެ. މިއީ އެއްގޮތަކަށް ވެސް ދޫކޮށްލާ ވަރުގެ ޑްރާމާއެއް ނޫން ކަމަށް ބުނެވެ އެވެ.

އެހެންވީމަ މި ޑްރާމާގެ ވާހަކަ ކުޑަކޮށް ދައްކާލާފައި ނެޓްފްލިކްސްގެ އެހެން އައު އުފެއްދުންތަކަށް ޖެހިލާނީ އެވެ.

ބްލަޑްލައިން އަކީ ތްރިލާ-ޑްރާމާ އެކެވެ. މި ޑްރާމާގެ ފަހަތުގައި ތިބި ތިން މީހުން ކަމުގައިވާ ޓޮޑް ކެސްލާ އާއި ޑެނިއެލް ޒެލްމަން އަދި ގްލެން ކެސްލާގެ އެންމެ މަޝްހޫރު އުފެއްދުމަކީ އެފްއެކްސްގެ ލީގަލް ތްރިލާ "ޑެމޭޖަސް" އެވެ.

އެއަށް ފަހު މިއީ އެމީހުން އެކުގައި މަސައްކަތްކުރާ ބޮޑު ޑްރާމާ އެވެ. އެމީހުން މަސައްކަތްތަކަށް ކުރިން ލިބިފައިވާ ތައުރީފަށް ބަލާއިރު "ބްލަޑްލައިން" އަށް އިންތިޒާރުނުކުރަންވީ ސަބަބެއް ނެތެވެ. މިއީ ޝަރަފްވެރި ގޯލްޑެން ގްލޯބާއި އެމީ އެވޯޑާ ވެސް ރައްޓެހި ޓީމެކެވެ.

"ބްލަޑްލައިން" އަކީ އާއިލާއެއްގެ ތެރޭގައި ހިނގާ ކޯޅުންތަކެއް ދައްކުވައިދޭ ފިލްމެކެވެ. މީގެ ލީޑް ތަރިންނަކީ ކައިލް ޗޭންލާ އާއި ބެން މެޑްލްސަން އަދި ލިންޑާ ކާޑެލީނީ އާއި ސޭމް ޝެޕަޑް އެވެ.

"ފްރައިޑޭ ނައިޓް ލައިޓްސް" ޓީވީ ޑްރާމާ އިން އެމީގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ޗޭންލާ އަކީ މިފަހުން ހޮލީވުޑްގެ މަޝްހޫރު ބޮޑެތި ފިލްމުތަކުން ވެސް ފެނިގެން ދިޔަ މޫނެކެވެ. އެގޮތުން "ސުޕަ 8" އާއި އޮސްކާ ހާސިލުކުރި "އާގޯ" އަދި "ޒީރޯ ޑާކް ތާޓީ" ފާހަގަކޮށްލެވެ އެވެ.

އެހެންވީމަ ޑްރާމާގެ ލީޑް އެކްޓަރަކީ ވެސް އިތުބާރުކުރެވޭ ފެންވަރުގެ މޫނެކެވެ. ޑްރާމާގައި ދެން ވެސް ތިބީ ހަމަ މި ފެންވަރުގެ ތަރިންނެވެ.

ނެޓްފްލިކްސްގެ މި އުފެއްދުން ވެސް "ވައިނުވާނެ" ކަމުގެ ޔަގީންކަން ދެނީ އެމީހުން އުފައްދާފައިވާ އަނެއް ދެ ޑްރާމާ އެވެ. އެއީ "ހައުސް އޮފް ކާޑްސް" އާއި "އޮރޭންޖު އިޒް ދަ ނިއު ބްލެކް" އެވެ.

މި މަހު އެމީހުން ގެނެސްދޭ އަނެއް އާ ޑްރާމާ އަކީ ޓީނާ ފޭއި އުފައްދާފައިވާ ކޮމެޑީ ސީރީޒް، "އަންބްރޭކަބްލް ކިމީ ޝްމިޑްޓް" އެވެ. ކުރިން އެންބީސީ އަށް އުފެއްދި މި ޑްރާމާ ނެޓްފްލިކްސް އަށް ވިއްކާލީ އެވެ. ނެޓްފްލިކްސް އިން ވަނީ މީގެ ދެ ވަނަ ސީޒަނެއް ވެސް މިހާރު އިއުލާނުކޮށްފަ އެވެ.

މި ޑްރާމާ ނެޓްފްލިކްސް އިން ދައްކަން ފަށާނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.