ދުނިޔެ

ޓްރަމްޕް ހޫނު ފެނަށް ވެއްޓި ތާއީދު ބޮޑުތަނުން ދަށަށް

Oct 9, 2016

އެމެރިކާގެ ރިޔާސީ އިންތިހާބާ ދެމެދު ގާތް ގަނޑަކަށް އޮތީ އެއް މަސް ދުވަހުގެ ދުރުމިނެވެ. ވެރިކަން ކުރަމުން އަންނަ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަން އާ ވާދަ ކުރައްވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕެވެ. ނަމަވެސް ޓްރަމްޕްގެ ތާއީދު ވަނީ ހީނުކުރާހާ ދަށަށް ގޮސްފަ އެވެ.

ޓްރަމްޕްގެ ތާއީދު ދަށްވެ އޭނާ ހޫނު ފެނަށް ވެއްޓުނީ މީގެ އަހަރުތަކެއް ކުރިން އޭނާ އަންހެނުންނާ ބެހޭގޮތުން މީހަކާ ދެއްކި ވާހަކައެއްގައި ހުތުރު އަދި ބޭ އަދަބީ ބަހުން ވާހަކަ ދައްކާފައިވާ ވީޑިއޯއެއް މިދިޔަ ހުކުރު ދުވަހު އާންމު ވުމުންނެވެ. އޭގެ ފަހުން ސީއެއެން އިންވެސް ވަނީ 17 އަހަރު ކުރިން ރޭޑިއޯ ޕްރޮގްރާމެއްގައި އަންހެނުންގެ އަގުވެއްޓޭ ގޮތަށް ޓްރަމްޕް ދައްކަވާފައިވާ ވާހަކައެއްގެ އޯޑިއޯ އެއް އާންމުކޮށްފަ އެވެ.

ސީއެންއެން ބުނަނީ "ޓްރަމްޕް އާ ހެދި އެމެރިކާގެ ފަހުގެ ސިޔާސީ ތާރީހްގައި ރިޕްބަލިކަން ޕާޓީގެ މަގުބޫލްކަން ނުދާހާ ވަރަށް ދަށަށް ހިނގައްޖެ،" ކަމަށެވެ.

އިއްޔެ ނެގި ހިޔާލު ހޯދުމުގެ ޕޯލް ތަކުގައި ޓްރަމްޕްގެ ތާއީދު ދަށަށް ދިއުމުން ރިޕަބްލިކަން ޕާޓީގެ އިސް ފަރާތް ތަކުންވެސް ޓްރަމްޕްއަށް ކުރާ ތާއީދު ގެންދަވާނެ ކަމަށާއި އަދި ޓްރަމްޕް ފަހަތަށް ޖެހިވަޑައިގެން އޭނާގެ ރަނިންމޭޓް މައިކް ޕެންސްއަށް ފުރުސަތު ދިނުމަށް އަންނަނީ ގޮވާލަމުންނެވެ. ޓްރަމްޕްއަށް އޭނާގެ ރަނިންމޭޓްގެ ފަޑުކިޔުންތައްވެސް ކުރިމަތިވެފައިވާ ކަމަށާއި އަދި ދެ ބޭފުޅުން އެކުގައި ވިސްކޮންސިން އަށް ވަޑައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭން ހަރަކާތެއްވެސް ކެންސަލް ކުރިކަމަށް ސީއެއެން އިން ބުންޏެވެ.

ޓްރަމްޕްގެ މަގުބޫލުކަން ދަށްވުމުން ސީޔާސީ ހަރަކާތްތަކުން އާންމުކޮށް ނުފެންނަ އޭނާގެ އަންހެނުން މެލާނިއާ ޓްރަމްޕް ވަނީ ފިރިކަލުންގެ ދިފާއުގައި ނިކުމެވަޑައިގެންފަ އެވެ.

"ޓްރަމްގެ ކިބައިން އެފަދަ އެއްވެސް ސިފައެއް ނުފެންނާނެ. އޭނާގެ ކިބައިގައި ހުންނާނީ ހިތްތިރި ވިސްނުންތެރިން ލީޑަރެއްގެ ސިފަތައް. އަހަރެން އުންމީދު ކުރަނީ އާންމުން އޭނާގެ މާފު ބަލައިގަނެ މިއަދު އެމެރިކާ އަށާއި ދުނިޔެއަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ކުރަން ޖެހޭ މަސައްކަތައް ފޯކަސް ކުރާނެ ކަމަށް،" ޓްރަމްޕްގެ އަނބިކަނަބަލުން ވިދާޅުވި އެވެ.

ޓްރަމްޕްގެ ކެންޑިޑޭސީ އަނބުރާ ގެންދަން ގޮވަމުން ދާއިރު އޭނާ ވިދާޅުވީ "ކެންޑިޑޭސީ އަނބުރާ ގެންދިއުން އޮތީ ސުން ޕަސަންޓް ޗާންސް،" ކަމަށާއި "ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ،" ކަމަށެވެ.