ހަބަރު

ޝަކުވާތައް ހައްލުކޮށް ފްލެޓްތަކުގެ ގުރުނެގުން އަންނަ ހަފްތާ

ކުރީގެ އަރަބިއްޔާ އާއި ގާކޮށީގައި ހަދާފައި ހުރި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓާ މެދު ހުރި ޝަކުވާތައް ހައްލުކޮށް އަންނަ ހަފްތާގައި ގުރުނެގުން ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ. 

ފްލެޓުތައް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން މިދިޔަ ބުރާސްފަތި ދުވަހު ކުރިޔަށް ގެންދަން އުޅުމަށް ފަހު އެންމެ ފަހު ވަގުތު ގުރުނެގުން ކެންސަލް ކުރި އެވެ.

އެކަމާ ގުޅިގެން "އަވަސް"އާ ވާހަކަދައްކަވަމުން އެޗްޑީސީގެ އިސް އޮފިޝަލެއް މިއަދު ވިދާޅުވީ އެ ދުވަހު ގުރުނެގުން ކެންސަލް ކުރީ، ހައުސިން މިނިސްޓްރީ އިން ފޮނުވި 147 މީހުންގެ ތެރޭގައި މީގެ ކުރިން އެ ފްލެޓްތައް ލިބޭނެ ކަމަށް ގެޒެޓް ކުރި ނަން ލިސްޓްގައި ހުރި ބައެއް މީހުންގެ ނަން އުނިވެފައިވާ ކަމަށް ނުރަސްމީކޮށް ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ.

އެ ކަންތައްތައް މިހާރު ބަލައި ލިސްޓް ސައްހަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، އެންމެ މަސްލަހަތު ހަމަޖެހޭ ގޮތަކަށް ވާނީ ގުރުނުނެގުން ކަމަށް އަޅުގަނޑުމެންނަށް ފެނުނީ. މި ބަލަނީ އެ ޝަކުވާތަކަށް ހައްލު ހޯދާފައި އަންނަ ހަފްތާ ގުރުނެގުން ބޭއްވޭތޯ،" އޮފިޝަލް ވިދާޅުވި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ގޮތުގައި، ގުރުނެގުން ކެންސަލް ކުރަން ޖެހުނީ ހައުސިން މިނިސްޓްރީ އިން ފޮނުވި ލިސްޓާއި ގުރުނެގުމަށް ބޭނުން ކުރި ލިސްޓްގައި ތަފާތުތަކެއް ހުރެގެންނެވެ. އެހެން ނަމަވެސް އެޗްޑީސީ އިން ވެސް އަދި ހައުސިން މިނިސްޓްރީ އިން ވެސް ބުނީ ދެ ލިސްޓެއް ގެންގުޅެފައި ނުވާނެ ކަމަށާއި ގުރުނަގަން އުޅުނީ ހައުސިން މިނިސްޓްރީ އިން ފޮނުވި ލިސްޓަށް ކަމަށެވެ.

"އެއީ ހަގީގަތެއް ނެތް ވާހަކައެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ފްލެޓްތައް ދިނުމަށް މީގެ ކުރިން ގެޒެޓް ކުރި ލިސްޓްގައި ހުރި ބައެއް ނަންތައް ހައުސިން މިނިސްޓްރީ އިން އެޗްޑީސީއަށް ފޮނުވި ލިސްޓްގައި އުނިިކޮށްފައި ވަނީ، ފްލެޓަށް ފައިސާ ދައްކާނެ ގޮތެއް އަންގައި ދިނުމަށް ހައުސިން އިން ފޮނުވި ސިޓީއަށް ޖަވާބު ނުދޭ ފަރާތްތަކާއި ފައިސާދެއްކެން ނެތް ކަމަށް ބުނެ ހައުސިން އަށް އެންގި ފަރާތްތަކެވެ.

އެ ތަންތަނުން ފްލެޓް ލިބެން ޖެހޭ ބައެއް މީހުންނަށް އެ ފްލެޓްތައް ލަސްވާތީ މީގެ ކުރިން ވަނީ ހުޅުމާލެއިން ވެސް ފްލެޓް ދީފަ އެވެ.

އެެހެން ނަމަވެސް، ގުރުއަތުލުން ބާއްވާ އުޅެނިކޮށް ބައެއް ފަރާތްތަކުން ޝަކުވާކޮށް ބުނެފައި ވަނީ، ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސާނެ ގޮތެއް އެންގި ބައެއް މީހުންގެ ނަންތައް ވެސް ލިސްޓްގައި ނެތް ކަމަށެވެ.

މިއަހަރުގެ މާޗް މަހުމި ފްލެޓްތައް ނިންމައި ހަވާލު ކުރުމުގެ މަސައްކަތް ފެށުމަށް ރާވާފައިވީ ނަމަވެސް މިހާތަނަށްވެސް އެ މަސައްކަތް ލަސްވެގެން އައީ އެޕެކްސް ރިއަލިޓީ ކުންފުންޏަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާތައް ނުދައްކާ ހުރުމުގެ ސަބަބުންނެވެ. ނަމަވެސް އެޗްޑީސީއިން މިހާރު ވަނީ ގާ ކޮށީގައި ހެދި 198 ހައުސިން ޔުނިޓަށް ދައްކަންޖެހޭ ފައިސާ ދައްކާފައެވެ.