ހަބަރު

ކަރެކްޝަންގެ އޮފިސަރަކަށް ވަޅިން ބިރުދައްކައި ސައިކަލު ފޭރިގެންފި

Oct 9, 2016
1

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރަކަށް، ސައިކަލެއްގައި އައި ދެމީހަކު ތޫނު ހަތިޔާރަކުން ބިރު ދައްކާ، އެ އޮފިސަރުގެ ގައިގައި ޖެހުމަށްފަހު ސައިކަލް ފޭރިގަނެފައިވާ ކަމަށް ކެރެކްޝަނުން ބުނެފި އެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު ތާޖުއްދީން ސްކޫލް ކައިރިންނެވެ.

ކަރެކްޝަނުން މިއަދު ބުނީ، ފަހަކަށް އައިސް އަނެއްކާވެސް ޕްރިޒަން އޮފިސަރުންނަށް ބިރުދައްކަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ވޭދުވެދިޔަ ހަފުތާގައިވެސް ވަނީ ސައިކަލެއްގައި އައި ބަޔަކު ޕްރިޒަން އޮފިސަރެއްގެ ބޮލަށް ޕޭވްމަންޓް ގަލަކުން ހަމަލާދީފައި ކަމަށް އެ ސާވިސް އިން ބުންޏެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ގެންދަނީ ތަހުގީގު ކުރައްވަމުން ކަމަށް ބުންޏެވެ.

"މިފަދައިން އެމްސީއެސްގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް އަމާޒުކޮށް ބިރު ދައްކާ އަދި ގެއްލުން ދިނުމަކީ އެމްސީއެސްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް، އެމްސީއެސްގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް މިފަދައިން ބިރު ދައްކާ ހެދިޔަސް، އެމީހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަން ކަށަވަރު،" ކަރެކްޝަނުން މިއަދު ބުންޏެވެ.