ވިޔަފާރި

25 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު 25 ބައިވެރިންނަށް މިއަދު ސެޓްފިކެޓް ދީފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއީއޯ އިސްމާއިލް ރަޝީދެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން، ޒުވާނުން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރަން ދިރާގުން އަހަރަކު އެއްފަހަރު ބާއްވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ފެށީ 2009 ވަނަ އަހަރު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުން ގައުމަށް ކޮށްދޭ ވަރަށް އަގުހުރި ހިދުމަތެއް ކަމަށެވެ.ކިޔެވުމުގެ އިތުރަށް ތަމްރީނާއި ތަޖުރިބާގެ މުހިއްމުކަމުގެ މައްޗަށް އިޝާރާތްކުރައްވައި ސީއީއޯ ވިދާޅުވީ، ވަޒީފާގެ މާހައުލަށް ނުކުންނަ ހިސާބުން ބޭނުން ހިފޭނީ ސްކޫލުތަކާއި ކޮލެޖުތަކުން ކިޔަވައިދޭ ތައުލީމުގެ މަދު ޕަސެންޓެއް ކަމަށެވެ.

އެހެންކަމުން ޕްރޮގްރާމުގެ އެހީގައި އެކި ދާއިރާތަކުން ލިބޭ މަސައްކަތުގެ ތަމްރީނަކީ ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ބޭނުން ހިފޭނެ ތަމްރީން ތަކެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މި ޕްރޮގްރާމަށް ހޮވޭ ކުދިންނަށް ތަފާތު އެތައް ދާއިރާއަކުން ތަމްރީނު ދެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އޭގެ ތެރޭގައި ބޮޑަށް ހިމެނެނީ ހިންގުމާއި ފައިނޭންސާ ބެހޭ މަސައްކަތުގެ ތަޖުރިބާ އެވެ.

މި ރަސްމިއްޔާތުގައި މިއަހަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު 25 ބައިވެރިޔަކަށް ސެޓްފިކެޓް ދިނެވެ. މިހާތަނަށް 140 އަށްވުރެ ގިނަ ކުދިން ވަނީ ދިރާގު އެޕްރެންޓިސްޝިޕްގައި ބައިވެރިވެ، މަސައްކަތުގެ ހުނަރު ހޯދާފައެވެ.