ހަބަރު

މައްސަލަތައް ނިމިފައިވާ ގިނަ މަސްތުވާތަކެތި ނައްތާލައިފި

Oct 9, 2016

ފުލުހުން ހިންގި މަސްތުވާތަކެތީގެ އެކި އޮޕަރޭޝަންތަކުގައި ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މައްސަލަތައް ނިމިފައިވާ ގިނަ އަދަދެއްގެ ހިކި ބާވަތުގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ދޫނިދޫގައި ހިކި މަސްތުވާތަކެތިތައް ނައްތާލައިފައިވަނީ އެކަން ކުރުމުގެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީގެ ހާޒިރުގައި ކަމަށެވެ. އެ ތަކެއްޗަކީ 2011-2013 އަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެއްޗެވެ. އެ ތަކެތި ނައްތާލީ އެފަދަ ތަކެތި ނައްތާލުމަށް އޮންނަ އުސޫލުގެ ދަށުން މީޑިއާތަކާއި ކަމާ ގުޅޭ ދާއިރާތަކުގެ އޮފިޝަލުންގެ ހާޒިރުގަ އެވެ.

މީގެ ތެރޭގައި 198 މައްސަލައެއްގައި ހިމެނޭ މަސްތުވާ ތަކެތި ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން 2011 ވަނަ އަހަރުގެ ދެ މައްސަލައަކާއި 2012 ވަނަ އަހަރުގެ 137 މައްސަލައެއްގެ އިތުރުން 2013 ވަނަ އަހަރުގެ 59 މައްސަލެއްގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަތަކުގެ ހިމެނޭ މަސްތުވާތަކެތީގެ ތެރެއިން މަސްތުވާތަކެތި ހުރި 675 ރަބަރު ޕެކެޓާއި 687 ސެލޯފިންކޮޅާއި ހުސްޕެކެޓްގެ 70 ޕެކެޓްގެ އިތުރުން ދެ ފޮއިލްކޮޅަކާއި އެހެނިހެން ވެސް 198 މަސްތުވާ ބާވަތުގެ ތަކެތި ނައްތާލާފައިވާއިރު 146.938 ގްރާމް ހެރޮއިން އާއި 748.1409 ގްރާމް ކެނެބިސްގެ އިތުރުން 5.3654 ނައިޓްރަޒިޕާމް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.